ފުޓުބޯޅައިގެ ހޫނުގަނޑު ދަނޑުން ބޭރަށް، ނުރައްކަލުގެ ރަނގަބީލެއް!؟

އިނގުރައިދޫއާއި ދުވާފަރު ބައްދަލު ކުރި މެޗަށްފަހު ހިނގި ހަމަނުޖެހުން --- ފޮޓޯ: އިބްރާހިމް ހަންމާދު

ފުޓުބޯޅައިގެ ތެރޭގައި އުފެދޭ ހިޔާލުތަފާތުވުންތަކާ ހުރެ ހަމަނުޖެހުންތައް ޒަމާނުއްސުރެން ހިނގައެވެ. ރެފްރީގެ ނިންމުންތަކާ ހުރެ ކުޅުންތެރިންގެ މާޔޫސްކަން ދަނޑުން ނުކުމެ، ސަޕޯޓަރުންގެ ޖަޒުބާތައް ބަދަލުވާއިރު، ދެ ކުޅުންތެރިއެއްގެ ދެމެދުގައި ހިނގާ ޒުވާބުވެސް ބަދަލުވަނީ ދެ ރަށެއްގެ ވާދަވެރި ހަނގުރާމައަކަށެވެ.

އުސޫލެއްގެ ގޮތުން ބަލާއިރު ފުޓުބޯޅައިގެ ވާދަވެރިކަން އޮތުމަކީ މައްސަލައެއް ނޫނެވެ. އެހެން ކުޅިވަރުތަކެއް ވުރެން ފުޓުބޯޅަ ބޮޑުވާ އެއް ސަބަބަކީ ވެސް އެ ވާދަވެރިކަމުގެ ސަބަބުން އެ ކުޅިވަރުގައި ޝާމިލްވެފައި ތިބޭ ސަޕޯޓަރުންނެވެ. ކުލަބެއް ވިޔަސް، ރަށު ޓީމެއް ވިޔަސް އަދި ވަކި ވަކި ޕްލޭޔަރުންނަށް ބެލިޔަސް އެބައެއްގެ ފަހަތުގައި ބޮޑު ފޭންބޭސްއެއް އޮވެއެވެ. އެ ފޭނުންގެ ތެރޭގައި ދެބަސްވުން އުފެދި، ކޯޅުގަނޑަކަށް ދިއުމަކީ އޭގެ ގެއްލުން މުޅި ފުޓުބޯޅައަށް ކުރުވާ ކަމެކެވެ.
ފަހަކަށް އައިސް ރާއްޖޭގައި މިކަން މިވަނީ އިންތިހާއަށް ގޯސްވެފައެވެ. ވާދަވެރި ކޮންމެ މުބާރާތެއް ކަހަލަ ގޮތަކަށް ނިމެނީ ހަމަޖުނެހުމަކާއެކު އެތައް ބައެއް މޫނާއި މޫނު ޖެހި، ގުޅުންތަކެއް ކެނޑިގެންނެވެ. މިއީ ފުޓުބޯޅައިގެ ރޫހާ މުޅިން ހިލާފު ކަންކަމެވެ.

އިނގުރައިދޫއާއި ދުވާފަރު ބައްދަލު ކުރި މެޗަށްފަހު ހިނގި ހަމަނުޖެހުން — ފޮޓޯ: އިބްރާހިމް ހަންމާދު

މިފަހުން ރ އަތޮޅުގައި ނިމިގެން ދިޔަ ފުޓްސަލް މުބާރާތުން ވެސް ދޭހަވީ ބިރުވެރިކަމެވެ. ދެ ރަށެއްގެ ޓީމު ކުޅުނު އެ މެޗު ނިމުމަށްފަހު ދެ ރަށުގެ ރައްޔިތުންގެ ތެރޭގައި އުފެދުނު ހޫނުގަނޑު ބަދަލުވީ ބޮޑު ހަމަނުޖެހުމަކަށެވެ. އެތައް ބަޔަކަށް އެކި އެކިވަރުގެ އަނިޔާ ލިބުނު އިރު، އޭގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނޭ ކަމީ ދެރަކަމެކެވެ.

މި ހަމަނުޖެހުން ހުއްޓުވުމަށް އައި ފުލުހުންނާ ވެސް ބައެއް ސަޕޯޓަރުން ކުރިމަތިލައިފައިވާ އިރު، މީގެން ދޭހަވި އެއްކަމަކީ ރާއްޖޭގައި މިކަން ގޯސްވެފައިވާ މިންވަރެވެ. ދެބަސްވާ ކޮންމެ ކަމެއްގައި ހަމަނުޖެހުން އިސްކޮށް، ބަލި ގަބޫލު ނުކުރުމަކީ މިފަހަކަށް އައިސް އާދައެކެވެ. ހާއްސަކޮށް ބޮޑެތި ހުރިހާ މުބާރާތްތަކުގައި ވެސް މިކަން ދަނީ ގިނަވަމުންނެވެ.

ބޭރުގެ ބައެއް ގައުމުތަކުގައި ވެސް ސަޕޯޓަރުންގެ ތެރޭގައި މިފަދަ ހަމަނުޖެހުންތައް ހިނގާ އެތައް ބަޔަކު މަރުވެފައިވާ އިރު، ރާއްޖޭގައި ވެސް މިކަން އިންތިހާއަށް ބޮޑުވުމަކީ ނުރައްކަލުގެ ރަނގަބީލެކެވެ. މިކަމާ ދޭތެރޭ އެކަށީގެންވާ ފިޔަވަޅު ނާޅައިފި ނަމަ އެކަމުގެ ހިތި ކައިރި މުސްތަގުބަލެއްގައި ފެނުމަކީ ދުރު ކަމެއް ނޫނެވެ.

ފުޓުބޯޅައިގެ ވާދަވެރިކަން ދުވަހަކަށް ވުރެން ދުވަހެއް އިތުރުވަމުން އަންނަ އިރު، ހަމަނުޖެހުން އުފެދުމަކީ ނުވެ ނުދާނެ ކަމެކެވެ. އެކަމަކަށްޓަކައި ކުރީބައިގައި ރައްކާތެރި ފިޔަވަޅުތައް އެޅުމަކީ މުބާރްތްތައް އިންތިޒާމުކުރާ ފަރާތްތަކުގެ ޒިންމާއެކެވެ. އެގޮތުން މިފަދަ މުބާރާތެއް ބާއްވާއިރު އެންމެ މުހިއްމު އެއްކަމަކީ ސެކިއުރިޓީ ވަރުގަދަ ކުރުމެވެ. ދިވެހި ފުލުހުންގެ ފަރާތުން މުބާރާތްތައް ބޭއްވުމުގައި އެހީތެރިވާ އިރު، ސަޕޯޓަރުންގެ އަދަދަށް ބަލައި، ފުލުހުން އިތުރު ކުރުމަކީ މުހިއްމުކަމެކެވެ.

ކިޔުންތެރިންގެ ޚިޔާލުތައް:

  1. މިލިޔުން ލިޔުނު މީހާއަށް ރަނގަޅު މައުލޫމާތެއް ލިބިފައެއްނެތް، އެހަމަނުޖެހުމަކީ އިންތިޒާމްކުރިމީހުންނާއި، ޕޮލިހުންނާއި އަދި ބަލިވި މީހުނާއި ވެސް ގުލހުން ހުރި ކަމެހް ނޫން. ÷ޮލިހުނވެސ މަދެއްނޫން.އިންތިޒާމްވެސް ރަގަޅު، ބަލިވި މޭހުންވެސް ރަގަޅު. ދެޓީމުގެ ކުޅުންތެރިންވެސް ރަގަޅު، ރަށު މީހުން އެއަށްވުރެންވެސް ރަގަޅު، ހަމައެކަނި މައްސަލައަކީ ވަކި ބަޔެއްގެ ކަށީގަ ހިފާފަ ހުރި ކަމެއް، އެކަން ރަގަޅު ކުރެވޭނީ ހަމަ އެކަނި އެމީިހުންނަށް.

  2. ފުލުހުން ކައިރީގަ ނޫނީ ސޭކު އިމުރާނު ކާޢޫޜިގަ ބުނޭ ސައިކަލުތަކުގަ ސްޓިކާޖަހާ ބައެއްގެ ގޮތުގަ ރަހިސްޓަރީވެގެން އެކަން ކުރަން އުޅެށޭ

  3. ގިނަ ޓީމް ތައް މުބާރާތެއް އޮތީމަ ބައިވެރިވަނީ ގަވަދެއް ނޭގޭ ދެން ކުޅެމުންދާ ވަގުތު ފައުލް އޭ ކާރޑްއޭ ކިޔާ ރެފްރީ ފަހަތުން ދުވަނީ ވާއެއް ނުވާއެއް އެގެނީކީއެއްނޫން ހިތައްއަރާ ރެފްރީން ގެންގޮސްގެން ރެފްރީން ގެ ނިންމުމާ ދެކޮޅު ހަދާއިރު މި ކުޅުންތެރިން ރެފްރީން ނުލައި މުބާރާތް ކުޅެންވީނޫހޭ ގިނަ ކުޅުންތެރިން ނައް ހޭންޑް ބޯލް ބޯލް ހޭންޑް އެއްނޭގެ އެކަމު ތަނަކު މުބާރާތެއް އޮތިއްޔާ އަދިވެސް ބައިވެރިވާތި ލަދުން ބޯހަލާކު

  4. ރެފްރީ ކަންވެސް ކުރަން ދަސްކުރަން ވެސް އެބަ ޖެހޭ ގަޓުވެސް ހުނަން އެބަޖެހޭ ރެފްރީން ގެ ވެސް އޭރުން ރަނގަޅު ވާނެ ވަރަށް ސަލާމް

ހިޔާލު ދެއްވާ!

Your email address will not be published.