އަގުހުރި ގިނަ އިނާމުތަކާއިއެކު އެޗްޑީސީގެ ސްމާޓްކޮމް ފެއާ އަންނަ ހޮނިހިރު ދުވަހު

ސްމާޓްކޮމް ފެއާގެ ޕޯސްޓަރެއް --

ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ސްމާޓް ސިޓީ ބްރޭންޑް ކަމައްވާ ސްމާޓްކޮމްއިން ޑިޖިޓަލް ޕްލެޓްފޯމްތަކަށް ހާއްސަކޮށްގެން ބާއްވާ ސްމާޓްކޮމް ފެއާ އަންނަ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެ ކޯޕަރޭޝަން އިން ބުނެފިއެވެ.

އެޗްޑީސީން ބުނީ އެ ފެއާ އޮންނާނީ ހޮނިހިރު ދުވަހުގެ ހަވީރު16:00 އިން 18:00 އަށް އަދި ރޭގަނޑު 20:00 އިން 22:00 އަށް ހިޔާ ޕާކް ސަރަހައްދުގައި ކަމަށެވެ. އެ ފެއާގައި ތަފާތު ހިދުމަތްތައް ދިނުމަށް ބޭނުންކުރާ އެޕްލިކޭޝަންތަކާ އެނޫންވެސް ޑިޖިޓަލް ޕްލެޓްފޯމްތައް ބޭނުންކުރާގޮތާބެހޭ މައުލޫމާތު ގާތުން ރައްޔިތުންނަށް ފޯރުކޮށްދެވިގެންދާނެ ކަމަށް އެޗްޑީސީން ބުނެއެވެ.

އެ ފެއާއަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ވަރަށް ހާއްސަ އިނާމުތަކާއެކު ލަކީ ޑްރޯއެއްގައި ބައިވެރި ވުމުގެ ފުރުސަތު އޮންނާނެއެވެ. އެލަކީ ޑްރޯގައި އަގުހުރި އިނާމުތައް ލިބިގެން ދާނެ ކަމަށް އެކުންފުނިން ބުނެއެވެ. އެގޮތުން ސްމާޓް ވޮޗާއި 300ޖީބީގެ އިންޓަނެޓާއެކު ލިބޭ އެއާ ފައިބާގެ ރައުޓަރަކާއި އަދި 1000 ރުފިޔާގެ އަގު ހުރި ވައުޗަރުތައް ހިމެނެއެވެ.

މީގެ ފަހުން ކޮންމެ އަހަރަކުވެސް ބޭއްވުމަށް ހަމަޖެހިފައިވާ އެފެއާ ވެގެންދާނީ ޒަމާނީ ޓެކްނޮލޮޖީއަށް މީހުން އަހުލުވެރި ކުރުވާ އަދި ސްމާޓް ސިޓީއަކަށް ސްމާޓް ރައްޔިތުން ތައްޔާރު ކޮށްދިނުމަށް ގުޅިގެން ކުރެވޭ މުހިއްމު މަސައްކަތަކަށް ކަމަށް އެޗްޑީސީން ބުނެއެވެ. އަދި އެ ފެއާގައި ސްމާޓް ސިޓީ ސޮލުޝަންތަކާބެހޭ މުހިއްމު މައުލޫމާތާއި، އެހެނިހެން ޑިޖިޓަލް ޚިދުމަތްތަކާ ބެހޭ މަޢުލޫމާތު، އަދި ސައިބާ ކުށްތަކުން ސަލާމަތްވާނެ ގޮތްތަކާ ބެހޭ ޕެނަލް ޑިސްކަޝަންތައް ބޭއްވުމަށް ހަމަޖެހިފައިވެއެވެ.

ސްމާޓްކޮމް އަދި އެޗްޑީސީގެ އޯޕަން އެކްސެސް ނެޓްވޯކު ޚިދުމަތްތައް ފެށިތާ އެއްއަހަރު ވުމާ ގުޅިގެން ކޮމިއުނިޓީއަށް ހާއްސަކޮށްގެން ތަފާތު ގިނަ ހަރަކާތްތަކެއް މި ކުންފުނިން ދަނީ ބާއްވަމުންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published.