ކޮރޯނާއަށް ޝައްކު ކުރެވިގެން ތިނަދޫގައި ހުރި ފަތުރުވެރިއަކު ކަރަންޓީންކޮށްފި

ކޮވިޑް19އަށް ޝައްކުކުރެވޭ މީހަކު ރާއްޖެއިން ފެނިއްޖެ ހާލަތެއްގައި އަމަލުކުރާނެ ގޮތުގެ ޑްރިލްއެއް މާލޭގައި ކުރިއަށް ގެންދިއުން: ފޮޓޯ / ހެލްތު މިނިސްޓްރީ

ވ. ތިނަދޫގައި ޗުއްޓީ ހޭދަ ކުރަމުން އައި އިޓަލީގެ ފަތުރުވެރިޔަކު ކޮވިޑް-19 އަށް ޝައްކު ކުރެވިގެން ކަރަންޓީންކޮށްފިއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ އެ ފަތުރުވެރިޔާ ކަރަންޓީންކޮށްފައިވަނީ، ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރުމުން މޮނިޓަރ ކުރުމަށް ކަމަށެވެ.

އަދި ކޮވިޑް-19 އަށްޓެސްޓު ހެދުމަށް އެކަމަށް ކަޑައެޅިފައިވާ މަރުކަޒަށް އެ ފަތުރުވެރިޔާ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އެކަމާއި ގުޅޭ އިތުރު މައުލޫމާތު ހިއްސާ ކުރަމުންދާނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ. 

ވ. ތިނަދޫގައި ޗުއްޓީ ހޭދަކުރަމުންއައި އިޓަލީގެ ފަތުރުވެރިއަކު ކަރަންޓީންކޮށްފައިވާއިރު، ރާއްޖެއަށް ޗުއްޓީ ހޭދަކުރުމަށް އައި އިޓަލީއަށް ނިސްބަތްވާ މީހަކުވަނީ ކޮވިޑް-19 އަށް ޝައްކު ކުރެވިގެން ކަރަންޓީންކޮށް، އެމީހާ ކޮވިޑް-19 އަށް ޓެސްޓު ކުރުމުން އެމީހާ އެ ބައްޔަށް ނެގެޓިވް ވެފައެވެ.

އެޗްޕީއޭއިން ބުނީ އެމީހާ ކޮވިޑް-19 އަށް ނެގެޓިވް ވުމާއި އެކު ރޭ އޭނާ މޮނިޓަރިން އިން ދޫކޮށްލެވިފައިވާ ކަމަށެވެ. އަދި ބުނީ އިއްޔެ ހަވީރު ކޮވިޑް-19 ގެ އަލާމާތްތައް ހުރި އިތުރު ދިވެއްސަކު ކަރަންޓީން ކޮށްފައިވާ ކަމަށެވެ. އެމީހާ ޓެސްޓު ކުރުމަށްޓަކައި އެކަހެރި ކޮށްފައިވާ ކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ. އަދި ޓެސްޓުގެ ނަތީޖާ ލިބުމުން އެކަން ހިއްސާ ކުރާނެ ކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ.

އެޗްޕީއޭ އިން ބުނީ ކޮވިޑް-19 އާ ގުޅިގެން މީހަކު އެކަހެރި ކުރެވިއްޖެ ނަމަ އެމީހާ ދިރިއުޅޭ ގޭގެ މީހުންނާއި އެމީހާއާ އެކުގައި ވަގުތު ހޭދަކޮށްފައިވާ މީހުންގެ ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެ އެޖެންސީން އަޅަމުން ގެންދާނެ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *