ޗިލީގެ ފަތުރުވެރިޔާ ރާއްޖެ އައިސް ދިޔަ ތަންތަން މޮނީޓާކުރަނީ

ވީއައިއޭ އެއާޕޯޓުގައި ފަތުރުވެރިންތަކެއް: ފޮޓޯ / އަވަސް

ރާއްޖެވެސް ހިމެނޭ ގޮތަށް އޭޝިއާގެ ގިނަ ގައުމުތަކަކަށް ދަތުރުކޮށް އެނބުރި ޗިލީއަށް ދިޔަ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމުން އެމީހާ ރާއްޖޭގައި ދިޔަ ތަންތަން ބަލާ މޮނީޓާ ކުރަމުން ގެންދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

އެޗްޕީއޭ އިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ޗިލީގެ ފަތުރުވެރިޔާ ރާއްޖެ އައިސްފައިވާކަން ޔަގީން ކުރެވިފައިވާ ކަމަށެވެ. އަދި އެމީހާ އަކީ ކާކު ކަމާއި އެމީހާއާ ގުޅޭ މައުލޫމާތުތަކާއި ރާއްޖޭގައި އެމީހާ އުޅުނު ތަންތަން ބަލާ މޮނީޓާ ކުރަމުން ގެންދާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

އެޗްޕީއޭއިން ބުނީ އެމީހާ ދިޔަ ތަންތަނުގައި ބަލީގެ އަލާމާތް ހުރި މީހުން އުޅޭކަން ބަލާ މޮނީޓާ ކުރަމުން ގެންދާ ކަމަށެވެ. އަދި ބުނީ ކޮވިޑް-19 އަށް ރައްކާތެރިވުމުގެ ގޮތުން ރާއްޖޭގެ ހުރިހާ ބައިނަލްއަގުވާމީ ވައިގެ އަދި ކަނޑުގެ ބަނދަރުތަކެއްގައި މިދިޔަ ޖެނުއަރީ މަހުން ފެށިގެން ރާއްޖެއަށް ދަތުރުކޮށްފައި އަންނަ ފަރާތްތައް ސްކްރީން ކުރަމުން ގެންދާ ކަމަށެވެ.

ޗިލީގެ އިންސްޓިޓިއުޓް އޮފް ޕަބްލިކް ހެލްތާ ހަވާލާދީ، ޗައިނާގެ ޝިންހުއާ ނޫސްއެޖެންސީ އިން ބުނެފައި ވަނީ އެއީ ޗިލީގައި ވައިރަހަށް ޕޮޒިޓިވްވި ފުރަތަމަ މީހާ ކަމަށެވެ. 33 އަހަރުގެ އެ ފިރިހެން މީހާއަކީ ޗިލީގެ ޓަލްކާ ސިޓީގައި ހުރި މީހެއް ކަމަށާއި އޭނާ ޗިލީއަށް ގޮސްފައި ވަނީ އޭޝިއާގެ ބައެއް ގައުމުތަކަށް ދަތުރު ކުރުމަށް ފަހު ޔޫރަޕް މަގުން ކަމަށް ވެސް ޗިލީގެ ހެލްތު މިނިސްޓްރީއާ ހަވާލާދީ އެގައުމުގެ ނޫސްތަކުގައި ބުނެފައިވެއެވެ.

އެމީހާ ވަނީ މަހެއްހާ ދުވަހުގެ ތެރޭގައި ސިންގަޕޫރާއި މެލޭޝިއާ އިންޑޮނޭޝިއާ، ރާއްޖެ އަދި ސްޕެއިނަށް ދަތުރުކޮށްފައެވެ. އެމީހާ ޗިލީއަށް ދިޔައީ މިދިޔަ މަހުގެ 25ގައެވެ. އަދި ކޮވިޑް-19ގެ އަލާމާތްތައް ފެންނަން ފެށީ މިމަހުގެ އެކެއްގައެވެ.

Leave a Reply

Your email address will not be published. Required fields are marked *