މެޓާ ކުންފުނިން އެގާރަ ހާސް މުވައްޒަފުން ވަކިކުރަނީ

މަޝްހޫރު ސޯޝަލް މިޑިއާ ޕްލެޓްފޯމް ފޭސްބުކް ހިންގާ މެޓާ ކުންފުނީގެ އެގާރާ ހާހެއްހާ މުވައްޒަފުން ވަކިކުރަން ނިންމައިފިއެވެ.

މިއީ އެ ކުންފުނީގެ ތާރީހުގައި މިހާ ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކުރާ ފުރަތަމަ ފަހަރެވެ. މެޓާގެ ޗީފް އެގްޒެކެޓިވް މާކް ޒަކަބާގް ވިދާޅުވީ އެ ނިންމުމަކީ މެޓާގެ ތާރީހުގައި އަޅަން ޖެހުނު އެންމެ އުދަނގޫ ފިޔަވަޅު ކަމަށެވެ.

ފޭސްބުކް އިން މުވައްޒަފުން ވަކިކުރަން އިއުލާންކޮށްފައި މިވަނީ ޓްވިޓާގެ ދެބައިކުޅަ އެއްބައި މުވައްޒަފުން ކަނޑާލުމަށްް އެ ކުންފުނިން ނިންމާފައި ވަނިކޮށެވެ. އަދި އެހެނިހެން ޓެކް ކުންފުނިތަކުން ގިނަ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކޮށްފައިވެއެވެ.

މާކް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ވަޒީފާއިން ވަކިކުރާ ފަރާތްތަކަށް ދަތިތަކާއި ކުރިމަތިލާނެކަން އެނގިވަޑައިގަންނަވާ ކަމަށެވެ. “ހާއްސަކޮށް މީގެ ސަބަބުން އަސަރުކުރި މީހުންނަށް މައާފަށް އެދެން” އޭނާ ލިޔުއްވާފައިވެއެވެ.

ޒަކަބާގް ވަނީ ބަލިމަޑުކަމުގެ ތެރޭގައި އެ ކުންފުންޏަށް ލިބުނު އާމްދަނީ އިތުރުވުމުގެ މައްޗަށް ބިނާކޮށް ކުރިއެރުމަށް ދިގު މުއްދަތުގެ ބޮޑެތި އުންމީދުތަކެއް ކުރެވޭ ކަމަށް ކުރިން ވިދާޅުވެފައެވެ. ނަމަވެސް ވާދަވެރިކަން އިތުރުވުމުގެ ސަބަބުން އާމްދަނީ އަންދާޒާކުރި ވަރަށް ވުރެ ދަށެވެ. “އެކަމުގެ ޒިންމާ އަޅުގަނޑު ނަގަން،” އޭނާ ވިދާޅުވިއެވެ. ވަޒީފާތައް ކަނޑާލާނެ ކަން އިއުލާނު ކުރުމަކީ ގިނަ ބަޔަކު އުންމީދު ކުރި ކަމެކެވެ.

ވޯލް ސްޓްރީޓް ޖާނަލްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޒަކަބާގް ވަނީ އަންގާރަ ދުވަހު އެ ޕްލޭންތަކާ ބެހޭ އެތައް މެޓާގެ އެގްޒެކެޓިވްސް އަށް މައުލޫމާތު ދީފައެވެ.

މުވައްޒަފުން މަދު ކުރުމުގެ ސަބަބުން އިމާރާތްތަކަށާއި އޮފީސްތަކަށްކުރާ ހަރަދު ކުޑަވެގެންދާނެ ކަމަށް މެޓާއިން ދެކެވެ. ވަޒީފާއިން ވަކިކުރާ މުވައްޒަފުންނަށް ސުވާލު ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް މާކް ވިދާޅުވިއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.