ކޮވިޑް-19 ގެ އަސަރު ރާއްޖެއަށް ކުރުން ވަރަށް ގާތް: ރައީސް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކެބިނެޓު ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ: ފޮޓޯ / ރައީސް އޮފީސް

ދުނިޔޭގައި ހަލުވިކަމާއި އެކުގައި މިހާރު ފެތުރެމުންދާ ކޮވިޑް-19 ގެ އަސަރު ރާއްޖެއަށް ކުރުން ވަރަށް ގާތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި ކުރިޔަށްދިޔަ އެމްޑީޕީގެ ކެމްޕެއިން ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ ކޮވިޑް-19 ވައިރަސް ރާއްޖެއަށް އައުން ވަރަށް ގާތް ކަމަށެވެ. އަދި އެ ވައިރަސް ރާއްޖެއަށް ނައިސް ނުދާނެކޭ އެއްވެސް މީހަކަށް ދެންނެވެން ނެތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މުޅިދުނިޔެއަށް ފެތުރެމުންދާ ބަލި 80 އަށް ވުރެ ގިނަ ގައުމުގައި މިހާރު އެބައޮތް ކަމަށެވެ. އެހެންކަމުން މިހާރު ރާއްޖެ އަށް ބަލި އަތުވެދާނެ ކަމަށް ކުރަން ޖެހޭ ކަންކަން ސަރުކާރުން ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ އެ ބަލި ރާއްޖެއަށް އަތުވެދާނެ ކަމަށް ބަލާ ކުރަންޖެހޭ ކަންކަން ސަރުކާރުން ކުރަމުންދާއިރު ދައުލަތުގެ އިގްތިސޯދަށް އެކަމުން ލިބިގެންދާ ލޮޅުންތަކުން ސަލާމަތް ކުރުމަށްޓަކައި ދައުލަތުގެ ހަރަދު ކުޑަ ކުރުމުގެ މަސައްކަތްތައް ވެސް ކުރަމުން އަންނަ ކަމަށެވެ. ރައީސް ވިދާޅުވީ އެކަމުގެ ސަބަބުން ޕްލޭން ކޮށްފައި ހުރި އެއްވެސް މަޝްރޫއުއެއް ހުއްޓާ ނުލާ ވޭތޯ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ދައުލަތުގެ ހަރަދުގެ ވާހަކަތައް ރައީސް ސޯލިހު ވިދާޅުވިއިރު ފިނޭންސް މިނިސްޓްރީން މިއަދު އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީއަށްވުރެ ކުރި ހަރަދުތައް ވަނީ އިތުރުވެފައެވެ. މި އަހަރުގެ އަށްވަނަ ހަފްތާގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބުނީ 3.4 ބިލިއަން ރުފިޔާއެވެ. ނަމަވެސް ހަރަދުގެ ގޮތުގައު 3.9 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.

އާސަންދައަށް ބަޖެޓުން 99 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު ދައުލަތުގެ ދަތުރުތަކަށް 22.6 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ދަތުރަކަށް ހަރަދުކޮށްފައިވަނީ 29.2 މިލިއަން ރުފިޔާއެވެ. ޕީއެސްއައިޕީގެ މަޝްރޫއުތަކަށް ފާއިތުވި އަށް ހަފްތާގެ ތެރޭގައި 764.7 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ.

ރާއްޖެއަށް ކޮވިޑް-10 ވައިރަސް އައުން ގާތް ކަމަށް ރައީސް ސޯލިހު ވިދާޅުވިއިރު މިދިޔަ ބުދަ ދުވަހު ބޭއްވި މަޖިލިސް ޖަލްސާގައި މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ރާއްޖެއަށް ކޮވިޑް-19 އަންނާނެ ކަމަށާއި އެކަމާއި ބިރުން އުޅުމުގެ ބޭނުމެއް ނެތް ކަމަށެވެ. އަދި އެފަދަ ވައިރަހަކަށް ރާއްޖޭގެ ސިއްހީ ނިޒާމު އޮތީ ފައްކާވެފައި ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

 

Leave a Reply

Your email address will not be published.