ކުދިންގެ މައްސަލަތަކުގައި ތަންފީޒީ އިދާރާތަކުގެ ޒިންމާ ފުރިހަމައަށް އަދާކުރަންޖެހޭ: ރައީސް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އާކްއަށް 10 އަހަރު ފުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަނީ: ފޮޓޯ / ރައީސް އޮފީސް

ކުޑަކުދިންގެ ހައްގުތައް ކަށަވަރުކޮށްދިނުމުގައި ތަންފީޒީ އިދާރާތަކުގެ ޒިންމާއާއި މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ގޮވާލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަމަށް ގޮވާލެއްވީ ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރުމުގައި ހަރަކާތްތެރިވާ އަމިއްލަ ޖަމިއްޔާއެއްކަމަށްވާ އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރަން (އާކް)އަށް 10 އަހަރު ފުރުން ފާހަގަކުރުމަށް ކުރުނބާ މޯލްޑިވްސްގައި ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ.

އާކްއަށް 10 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ، ކުޑަކުދިންނަށް އަނިޔާ ކުރުމާއި ތަފާތު ބާވަތުގެ ގޯނާތައް ކުރުމާއި އިހުމާލުވުމުގެ މައްސަލަތަކަކީ، އެކަންކަމުގެ ނުރަނގަޅު އަސަރު، އެ ކުދިންގެ މުޅި ހަޔާތަށް ދެމިގެންދާ ބޮޑެތި މައްސަލަތަކެއް ކަމަށެވެ. އަދި އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ނޫނީ އެފަދަ އިޖްތިމާއީ ބޮޑެތި މައްސަލަތައް ހައްލު ނުކުރެވޭނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ސޯލިހު ވަނީ ކުޑަކުދިންނަށް ދިމާވާ މައްސަލަތައް ހައްލުކުރުމުގައި މިހާރަށްވުރެ ހަރުދަނާކަމާއެކު މަސައްކަތް ކުރެއްވުމަށް ދައުލަތުގެ މުއައްސަސާތަކާއި އިދާރާތަކަށް ވަނީ ގޮވާލައްވާފައެވެ. އަދި އިޖްތިމާއީ ކުރިއެރުމަށް މަސައްކަތްކުރާ ޖަމިއްޔާތަކާއި ޖަމާއަތްތަކުގެ ދައުރު އިތުރަށް ފުޅާކޮށް، އެ ފަރާތްތަކުގެ މަސައްކަތްތައް ހަރުދަނާ ކުރެއްވުމަށްވެސް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ކުޑަކުދިންނަށް އަނިޔާ ކުރުމާއި ތަފާތު ބާވަތުގެ ގޯނާތައް ކުރުމާއި އިހުމާލުވުމުގެ މައްސަލަތައް ހައްލު ކުރެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައްޗަށްވެސް އަލިއަޅުއްވައިލައްވާފައެވެ. އެގޮތުން އެފަދަ މައްސަލަތައް ބެލުމަށް ހާއްސަ ކޮމިޝަނެއް އުފައްދަވާފައިވާ ކަމަށާއި، އެ ކޮމިޝަނުގެ މަސައްކަތަކީ، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި އެހެނިހެން ގަވާއިދުތަކުގެ ދަށުން، ޖިނާއީ ދައުވާކުރުން ނުވަތަ އިދާރީ ފިޔަވަޅު އެޅުމަށް ބޭނުންވާ މައުލޫމާތު ހޯދައި އެކަމުގެ ފުރިހަމަ ދިރާސާއެއް ހެދުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.