އިޓަލީއިން އައި މީހާ ކަރަންޓީން ކުރީ އަމިއްލައަށް އެދިގެން

ކޮވިޑް19އަށް ޝައްކުކުރެވޭ މީހަކު ރާއްޖެއިން ފެނިއްޖެ ހާލަތެއްގައި އަމަލުކުރާނެ ގޮތުގެ ޑްރިލްއެއް މާލޭގައި ކުރިއަށް ގެންދިއުން: ފޮޓޯ / ހެލްތު މިނިސްޓްރީ

އިޓަލީ އިން ރާއްޖެ އައި ދިވެއްސަކު ކަރަންޓީން ކުރީ އޭނާ އަމިއްލައަށް އެދިގެން ކަމަށް ޑރ. ނިޔާފް ވިދާޅުވެއްޖެއެވެ.

ޑރ. ނިޔާފް ކުރެއްވި ޓްވީޓެއްގައި މިއަދު ވިދާޅުވީ މިއަދު އިޓަލީ އިން ރާއްޖެ އަށް ދަތުރުކުރި ދިވެއްސަކު ކޮވިޑް-19 އަށް މޮނިޓާ ކުރުމަށް އެކަހެރިކުރީ ބަލީގެ އަލާމާތެއް ފެނިގެން ނޫން ކަމަށާޢި އޭނާ މަސައްކަތް ކުރާ ތަނުގެ ފަރާތުން އެގޮތަށް އެދުމުން ކަމަށެވެ.

ޑރ. ނިޔާފު ވިދާޅުވީ އެމީހާ އިޓަލީން އެނބުރި އައުމުން އޭނާ 14 ދުވަހު އެކަހެރި ކުރުމަށް އެދުނީ އޭނާ ވަޒީފާ އަދާކުރާ ތަނުގެ ފަރާތުން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އޭނާގެ ފަރާތުން ކޮވިޑް-19 ގެ އެއްވެސް އަލާމާތެއް ފެނިފައި ނުވާ ކަމަށް ވެސް ނިޔާފް ވިދާޅުވިއެވެ. އޭނާ އެކަހެރި ކޮށްފައި ހުންނަ މުއްދަތުގައި މުސާރައިން އުނި ނުކުރާނެ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ނިޔާފްގެ ޓުވީޓުގައިވެއެވެ.ޑރ. ނިޔާފް ވަނީ އެ ބަލި ފެތުރިފައިވާ ގައުމުތަކުން ރާއްޖެ އަންނަ މީހުން އަމިއްލައަށް ކަރަންޓީނުވުމަށް ހިތްވަރު ދެއްވާފައެވެ.

އިޓަލީއަކީ ކޮވިޑް-19 ހަލުވިކަމާއި އެކުގައި ފެތެރެމުން އަންނަ ގައުމެކެވެ. އެގޮތުން އެގައުމުން ކޮވިޑް19 ޖެހިގެން 107 މީހަކު ވަނީ މަރުވެފައެވެ.

ރެއާ ހަމައަށް ހެލްތު މިނިސްޓްރީން ބުނަމުން ދިޔައީ ރާއްޖެއިން ކޮވިޑް-19 އަށް ޝައްކު ކުރެވޭ އެއްވެސް މީހަކު ފެނިފައި ނުވާ ކަމަށެވެ. ސޯޝަލް މީޑިއާގައި އެބަލި ޖެހިފައިވާ މީހުން ރާއްޖޭގައި އެބަތިބި ކަމަށް ބުނެ ހަބަރުތައް ފަތުރަމުން ދިޔަ ނަމަވެސް އެކަން އެޗްޕީއޭ އިން ވެސް އަދި ހެލްތު މިނިސްޓްރީންވެސް ދިޔައީ ދޮގު ކުރަމުންނެވެ.

އިޓަލީ އިން އައި މީހާ ކަރަންޓީން ކޮށްފައި ބަހައްޓާފައި ވަނީ ފަރުކޮޅު ފުށީގައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.