އެމްޑީޕީ މެންބަރުން އަމިއްލަ ގޮތުން ވާދަކުރާނަމަ ޕާޓީން ވަކިކުރަނީ

އެމްޑީޕީ އިން ބޭއްވި ހިނގާލުމެއްގެ ތެރެއިން --

އެމްޑީޕީ ޕްރައިމަރީން ނާކާމިޔާބުވި ފަރާތްތަކުގެ ތެރެއިން ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އަމިއްލައަށް ވާދަކުރާ ކޮންމެ ފަރާތެއް ޕާޓީގެ މެމްބަރުކަމުން ވަކިކުރަން އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީން ނިންމައިފިއެވެ.

އެމްޑީޕީން ބުނީ މިގޮތަށް ފިޔަވަޅުއަޅާ ކޮމެޓީން ނިންމާފައިވަނީ އެމްޑީޕީގެ މެމްބަރުންގެ ގޮތުގައި ތިބެ ޕާޓީގެ އަސާސީ ޤަވާއިދާއި ޚިލާފަށް ބައެއް ފަރާތްތަކުން އެފަދައިން ޢަމަލުކުރަމުން ދާކަމުގެ ޝަކުވާގެ މައްސަލަ ފިޔަވަޅުއަޅާ ކޮމެޓީން ބެލުމަށްފަހު ކަމަށެވެ.

އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ (ޑަބްލިއުޑީސީ) ގެ ކެންޑިޑޭޓުންގެ ތެރެއިން މިގޮތަށް އަމަލުކޮށްފައިވާ ފަރާތްތަކާއި މެދުވެސް ހަމަ މިފިޔަވަޅު އަޅާނެ ކަމަށް އެމްޑީޕީން ބުނެއެވެ.

ކުރިޔަށް ލޯކަލް ކައުންސިލް އިންތިހާބުގައި އެންމެ ފުރަތަމަ ޕްރައިމަރީ ބާއްވާފައި ވަނީ ވެސް އެމްޑީޕީންނެވެ. އެމްޑީޕީގެ ޕްރައިމަރީ ދިޔަލެއް ފޯރިގަދަ ކަމުން ބައެއް ދާއިރާތަކުގެ ވޯޓުލުން ބާތިލުވެސް ކުރަންޖެހުނެވެ. އަދި އެ ދާއިރާތަކުގެ ވޯޓުލުން ފަހުން އެމްޑީޕީން ވަނީ ބާއްވާފައެވެ. މި އިންތިހާބުގައި އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރަނީ ވެސް އެމްޑީޕީންނެވެ. އެއީ 876 ކެންޑިޑޭޓުންނެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މިފަހަރުގެ އިންތިހާބުގައި ސިޔާސީ ޕާޓީތަކާއި އަމިއްލަ ގޮތުން 2،435 މީހަކު ކުރިމަތިލާފައިވާ ކަމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.