ޖޭޕީގެ ބޮޑު ޖަލްސާގައި ބައިވެރިވުމުގެ ދައުވަތު އަދާލަތު އަދި އެމްއާރްއެމް އަށް!

ރައީސް މައުމޫން އަދި ގާސިމް އިބްރަހީމް: ފޮޓޯ / ވީނިއުސް

"ދީނާއި ގައުމުގެ ދިފާއުގައި" ޖުމްހޫރީ ޕާޓީ (ޖޭޕީ)އިން ކާނިވާ ސަރަހައްދުގައި ބާއްވާ ޖަލްސާގައި ބައިވެރިވުމުގެ ދައުވަތު ސަރުކާރު ކޯލިޝަން ޕާޓްނަރު އަދާލަތު ޕާޓީއާ އެމްއާރްއެމް އަށް ދީފިއެވެ.

ޖޭޕީން ކާނިވާ ސަރައްހަދުގައި ބާއްވާ ޖަލްސާއަށް އެތަން ދޫކުރުމަށް މިހާރު ޕްލޭނިން މިނިސްޓްރީން ވަނީ ހުއްދަ ދީފައެވެ. ޖޭޕީގެ މައި އިދާރާ، މ. ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖަލްސާގެ ޓާސްކްފޯސްގެ ތަރުޖަމާނު އަދި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ، ޖޭޕީގެ ޖަލްސާގައި ކާނިވާ ސަރަހައްދު ފުރާލާނެ ކަމަށެވެ.

ނިހާން ވިދާޅުވީ އަދާލަތު ޕާޓީއަށް ދައުވަތު ދިން މައިގަނޑު އެންމެ ބޮޑު ބޭނުމަކީ މިދުވަސްވަރު އިސްލާމްދީނަށް ފާޑުކިޔާ އިސްލާމްދީނަށް ހަޖޫ ޖަހަމުންދާ މަންޒަރު ވަރަށް ބޮޑަށް ފެންނަމުންދާ ކަމަށެވެ. އެފަދަ ދަނޑިވަޅެއްގައި ދީނުގެ ދިފާއުގައި ބަސްބުނުމުގެ ހައްގު އެންމެ ބޮޑަށް ލިބިގެންވާ އެއް ޕާޓީއަކީ އަދާލަތު ޕާޓީކަން ފާހަގަކުރައްވާ ނިހާން ވިދާޅުވީ ޖޭޕީގެ ޖަލްސާއަށް އަދާލަތަށް ދައުވަތު ދެއްވީ އެ ސަބަބަށްޓަކައި ކަމަށެވެ.

މި ޖަލްސާގައި ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެޕާޓީގެ ކައުންސިލް އިންތިހާބުގެ ކެމްޕެއިން ރަސްމީކޮށް ލޯންޗު ކުރުންވެސް އޮންނާނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

ޖޭޕީގެ ޖަލްސާއެއް ކާނިވަލުގައި ބޭއްވުމަށް ތައްޔާރުވަމުން އަންނައިރު މިދިޔަ މަހުގެ ފަހު ދެ ހަފްތާގެ ހުކުރު ދުވަހު ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީ އަދި އެއަށްފަހު އިދިކޮޅު ޕީޕީއެމްގެ ޖަލްސާއެއް ވަނީ ކާނިވަލުގައި ބާއްވާފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.