މަޑުއްވަރީ އޮޕަރޭޝަންގައި ހައްޔަރުކުރި އެންމެންގެ މައްޗަށް ދައުވާކޮށް، ކޯޓަށް މައްސަލަ ހުށަޅައިފި

މަޑުއްވަރީ އޮޕަރޭޝަންގެ ތެރެއިން: ފޮޓޯ / ޕޮލިސް

ރ.މަޑުއްވަރީގައި ހަރުކަށި ފިކުރާއި ޓެރޮރިޒަމަށް ބާރުދޭ މީހުން އުޅޭކަމަށް ބުނެ ފުލުހުން ހިންގި އޮޕަރޭޝަންގައި ހައްޔަރުކުރި މީހުންގެ މައްޗަށް ދައުވާ ކުރުމަށްފަހު އެމީހުންގެ މައްސަލަ ކޯޓަށް ހުށަހަޅައިފިއެވެ. މި މައްސަލާގައި ދައުވާކުރުމަށްފަހު ކޯޓަށް ހުށަހަޅާފައިވަނީ 6 މީހެއްގެ މައްޗަށެވެ.

އެ 6 މީހުންނަކީ ރ. މަޑުއްވަރި، ގުލްއަލާގެ، އިބްރާހީމް ޖިހާދުއާއި، ރ. މަޑުއްވަރި، މީރާ، ޙަސަން ރާޟީއާއި، ރ. މަޑުއްވަރި، މީޒާން ޙަސަން ސިޔާދުއާއި، ރ. މަޑުއްވަރި، މީޒާން، އާދަމް ސުހައިލްއާއި، ނ. މަނަދޫ، ގަހާ، އިބްރާހީމް ޝިބުނީ އަދި ރ. މަޑުއްވަރި، ސަޢީދާމަންޒިލް، މުޙައްމަދު މައުޖޫދުއެވެ. އެ 6 މީހުންގެ މައްޗަށް ތަފާތު އެކި ދައުވާތައް ކޮށްފައިވެއެވެ.

ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނީ ދީނުގެ ނަމުގައި ހަރުކަށި ފިކުރު ޤަބޫލުކޮށް، އެ ފިކުރު ދިވެހިރާއްޖޭގައި ކުރިއެރުވުމަށް މަސައްކަތްކޮށް، ސީރިއާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމަގައިގައި ބައިވެރިވުމަށް ދިވެހިން ފޮނުވުމަށް މަސައްކަތްކުރި މައްސަލގައި ރ. މަޑުއްވަރިން ހައްޔަރު ކުރި މީހުންގެ މައްޗަށް ދައުވާ ހުށަހަޅާފައިވާ ކަމަށެވެ.

މަޑުއްވަރީ އޮޕަރޭޝަންގައި ފުލުހުން ހައްޔަރުކުރި އިބްރާހީމް ޖިހާދުއާއި، ޙަސަން ރާޟީއާއި، ޙަސަން ސިޔާދުއާއި، އާދަމް ސުހައިލްއާއި، އިބްރާހީމް ޝިބުނީގެ މައްޗަށް ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ޓެރަރިސްޓް ޖަމާޢަތަކަށް ތާއީދުކުރުމުގެ ކުށުގެ ދަޢުވާ ޕީޖީން ވަނީ ކޮށްފައެވެ. މި މީހުންގެ ތެރެއިން ޙަސަން ރާޟީއާއި އިބްރާހީމް ޖިހާދުއާއި މީޒާން، އާދަމް ސުހައިލްގެ މައްޗަށް އިތުރު ދައުވާއެއް ވެސް ކުރެއެވެ. ހަމަ ޓެރަރިޒަމްގެ ގާނޫނުގެ ދަށުން މި ތިން މީހުންގެ މައްޗަށް ކުރާ ދައުވާއަކީ ޓެރަރިސްޓް ޖަމާޢަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމެއް ގެންގުމުގެ ކުށުގެ ދަޢުވާއެވެ.

ހަމައެއާއެކުގައި ޙަސަން ރާޟީގެ ގާނޫނުލްއުގޫބާތުގެ ދަށުން އޮރިޔާންކާޑު އުފައްދައި ގެންގުޅުމުގެ ކުށުގެ ދަޢުވާވެސް ވަނީ ކޮށްފައެވެ. މީގެއިތުރުން މުޙައްމަދު މައުޖޫދުގެ މައްޗަށް ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ޓެރަރިސްޓް ޖަމާޢަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ފޮޓޯއެއް ގެންގުޅުމުގެ ކުށުގެ ދަޢުވާވެސް ޕީޖީން ވަނީ ކޮށްފައެވެ.

މަޑުއްވަރީގައި ފުލުހުންނާއި ސިފައިންވެގެން ކުރިޔަށް ގެންދިޔަ އޮޕަރޭޝަން ގެންދިޔައީ މިދިޔަ ޑިސެމްބަރު މަހުއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.