ލިބުނު އާމްދަނީއަށް ވުރެ ކުރި ހަރަދުތައް އިތުރުވެއްޖެ

ފިނޭންސް މިނިސްޓްރީ ---

ދައުލަތަށް ލިބުނު އާމްދަނީއަށްވުރެ ކުރި ހަރަދުތައް އިތުރުވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ މި އަހަރުގެ އަށްވަނަ ހަފްތާގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބުނީ 3.4 ބިލިއަން ރުފިޔާއެވެ. ނަމަވެސް ހަރަދުގެ ގޮތުގައު 3.9 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.

އާސަންދައަށް ބަޖެޓުން 99 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު ދައުލަތުގެ ދަތުރުތަކަށް 22.6 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ދަތުރަކަށް ހަރަދުކޮށްފައިވަނީ 29.2 މިލިއަން ރުފިޔާއެވެ.

ޕީއެސްއައިޕީގެ މަޝްރޫއުތަކަށް ފާއިތުވި އަށް ހަފްތާގެ ތެރޭގައި 764.7 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ.

ދައުލަތުގެ އާމްދަނީ އެހާ ބޮޑަށް ދަށްވެފައި މިވަނީ ކޮވިޑް-19 އާ ގުޅިގެންނެވެ.

ވިޔަފާރީގެ ފައިދާ އިން ނަގާ ޓެކްސްގެ ގޮތުގައި ލިބިފައި ވަނީ 567.3 މިލިއަން ރުފިޔާ އެވެ. ނަމަވެސް މިދިޔަ އަހަރު ވިޔަފާރީގެ ފައިދާ އިން އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 763.7 މިލިއަން ރުފިޔާއެވެ. މިއީ މިއަހަރަށް ބަލައިރު 196.4 މިލިއަން ރުފިޔާ ދަށް އަދަދެކެވެ.

މިދިޔަ މަހުގެ އާމްދަނީ އާއި ހަރަދުގެ ރިޕޯޓުގައި ޖެނުއަރީ މަހު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބިފައިވަނީ 2.9 ބިލިއަން ރުފިޔާ އެވެ. ނަމަވެސް މިދިޔަ ފެބްރުއަރީ މަހު ވަނީ މި އަދަދު 1.9 ބިލިއަން ރުފިޔާއަށް ދަށްވެފަ އެވެ.

އާމްދަނީ މަތިވި ދާއިރާތަކުގެ ތެރޭގައި، ޓީޖީއެސްޓީ އަދި އެއާޕޯޓް ސާވިސް ޗާޖު ހިމެނެއެވެ. ޓީޖީއެސްޓީގެ ގޮތުގައި މި އަހަރުގެ ޖެނުއަރީ މަހު 485.7 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މި އަހަރުގެ ޖެނުއަރީ މަހު މި އަދަދު ވަނީ 519.6 މިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ. މީގެ އިތުރުން އެއާޕޯޓް ސާވިސް ޗާޖުގެ ގޮތުގައި މި އަހަރު 68.6 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިދިޔަ އަހަރު ލިބުނީ 59.2 މިލިއަން ރުފިޔާ އެވެ.

ފިނޭންސުގެ ރިޕޯޓުގައިވާ ގޮތުން ޓެކްސް ނޫން ގޮތް ގޮތުން އާމްދަނީގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ ދަށްވެފަ އެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހު 484.5 މިލިއަން ރުފިޔާ ޓެކްސް ނޫން ގޮތުން އާމްދަނީގެ ގޮތުގައި ލިބިފައިވެ އެވެ. ނަމަވެސް މި އަހަރު ލިބިފައިވަނީ 215.3 މިލިއަން ރުފިޔާ އެވެ.

ހިޔާލު ދެއްވާ!

Your email address will not be published.