ތަރައްގީ މިނާނީ ކޮންކްރީޓުން އެކަންޏެއް ނޫން، ތަރައްގީ ގެންނާނީ ރައްޔިތުންނަށް ބާރުތައް ދޫކޮށްގެން

ހަފްލާއެއްގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވަނީ: ފޮޓޯ / ރައީސް އޮފީސް

އެމްޑީޕީން ތަރައްގީ ގެންނާނީ ހަމައެކަނި ކޮންކްރީޓަކުން ނޫން ކަމަށާއި އެޕާޓީން ތަރައްގީ ގެންނާނީ ރައްޔިތުންނަށް ބާރުތައް ދޫކޮށްގެން ކަމަށް އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް ގދ. ވާދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ ދައުލަތުގެ ފުދުންތެރިކަން ހުރި މިންވަރަކުން ކުދި މަޝްރޫއުތައް ރަށްރަށުގައި ކުރިޔަށް ގެންދާނެ ކަމަށެވެ. އަދި ފުދުންތެރިކަން އިތުރުވާ ވަރަކުން އެފަދަ މަޝްރޫއުތައް ވެސް ގިނަވެގެން ދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންނަމަވެސް އެމްޑީޕީގެ ތަފާތަކީ ލާމަރުކަޒީ އުސޫލުން މަޝްރޫއުތައް ހިންގުންކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ ފަސް މިލިއަން ރުފިޔާ އަށްވުރެ ކުދި މަޝްރޫއުތައް ކައުންސިލްތަކުން ބިޑު ކޮށްގެން ކުރިޔަށް ގެންދާ ގޮތް ހެދީ ރަށުގައި އެ ފައިސާތައް ދައުރު ކުރުމުގެ ބޭނުމުގައި ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ އެކަމުގެ ސަބަބުން ރަށުގެ އިގްތިސޯދު ވެސް ފުޅާވެގެންދާނެ ކަމަށެވެ. އަދި މިއަދު އިދިކޮޅުގައި ތިބި ފަރާތްތަކަކީ ލާމަރުކަޒީ ނިޒާމުވެސް ގަބޫލުކުރާ ބައެއް ނޫން ކަމަށާއި އެމީހުންނަށް އެކަންކަން ކުރަން ނޭނގޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

"ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން [އެމްޑީޕީން] ތަރައްގީ މިނަނީ މި ތަނުގައި އަޅާ ކޮންކްރީޓަކުންނެއް ނޫން. އަލަށް ވިހާ ދަރިފުޅު ކައިރީގައި މަންމަ އާއި ބައްޕައަކަށް މަޑުކޮށްލެވުނީމަ އެއީ ތަރައްގީ، މަންމައަށް ދަރިފުޅު ކައިރީ މަޑުކޮށްލެވޭ ގޮތް ވެފައި ދަރިފުޅު ރަނގަޅު ބަރުދަނެއްގައި ބޮޑު ކުރެވުނީމަ އެއީ އަޅުގަނޑުމެން ދެކޭ ތަރައްގީ އަކީ." ރައީސް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އެ ތަރައްގީ ހޯދައިދިނުމަށް ކޮންމެ ދުވަހެއްގެ ހެނދުނު މި ސަރުކާރުގެ ސިޔާސަތުގެ ދަށުން ސްކޫލަށްދާ ދަރިވަރުންނަށް ސައި ދެމުން އަންނަ ކަމަށާއި އެ ކަންކަން ކޮންކްރީޓުން ފެންނަން ނެތް ނަމަވެސް ހަގީގީ ތަރައްގީ އަކީ އެއީ އަދި އެމްޑީޕީން ގެންނަން ބޭނުންވާ ބަދަލަކީ ވެސް އެއީ ކަމަށެވެ.

ރަނގަޅަށް ސައި ނުބޮއި ސްކޫލަށް ދިޔުމުން ކުދިން އަނބުރައިގެނެގެން ވެއްޓި، ރަނގަޅަށް ނުކިޔެވި ސްކޫލުން ފެއިލްވުން ފަދަ ކަންކަން ދިމާވަމުންދާ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *