ގަލޮޅު އުތުރު ދާއިރާގެ މާލެ ސިޓީ ކައުންސިލްގެ ގޮނޑި ސައިފަށް ކަށަވަރުވެއްޖެ

އެމްޑީޕީގެ ރަށްވެހި ފަތިސް ކެމްޕެއިން ޖަލްސާގައި ސައިފު ވާހަކަދައްކަވަނީ --

ގަލޮޅު އުތުރު ދާއިރާގެ މާލެސިޓީ ކައުންސިލްގެ ގޮނޑިއަށް ވާދަކުރެއްވި މުހައްމަދު ސައިފު އިންތިހާބަކާއި ނުލާ އެ ގޮނޑި ކާމިޔާބު ކުރައްވައިފިއެވެ.

ސައިފު އެ ގޮނޑި ކާމިޔާބު ކުރައްވާފައި މިވަނީ އެ ދާއިރާއަށް އިތުރު އެހެން ބޭފުޅަކު ކުރިމަތިލައްވާފައި ނުވާތީއެވެ. މިކަން އިއުލާން ކުރީ މާލެ ސިޓީ ކައުންސިލްގެ ކެންޑިޑޭޓުންގެ މެދުގައި ނެގި ގުރުއަތު ލުމުގެ ތެރެއިން އިލެކްޝަންސް ކޮމިޝަނުންނެވެ.

މާލެ ސިޓީ ކައުންސިލްގެ ގޮނޑިއެއް އެމްޑީޕީއަށް ކަށަވަރު ވެފައިވާއިރު މާލެ ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީންވެސް 10 ގޮނޑިއެއް އެމްޑީޕީއަށް ވަނީ ކަށަވަރުވެފައެވެ. އެއީ އެ 10 ދާއިރާއަށް ވެސް އިތުރު އެއްވެސް ކެންޑިޑޭޓަކު ވާދަނުކުރާތީއެވެ. މާލެ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ 10 ގޮނޑިއެއް އެމްޑީޕީއަށް ކަށަވަރު ވެފައިވާއިރު އައްޑޫ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ތިން ގޮނޑިއެއްވެސް އެމްޑީޕީއަށް ވަނީ ކަށަވަރުވެފައެވެ.

މި ގޮނޑިތަކުގެ އިތުރުން ކައުންސިލް އިންތިހާބުގެ އިތުރު 13 ގޮނޑިއެއް އެމްޑީޕީއަށް ވަނީ ކަށަވަރުވެފައެވެ. އިލެކްޝަންސް ކޮމިޝަނުން މީގެކުރިން ބުނެފައިވަނީ 12 ރަށަކުން 15 ގޮނޑިއަށް ބޭފުޅުން ކުރިމަތިލީ ގާނޫނުގައި އިންތިހާބު ކުރަން ބުނެފައިވާ އަދަދަށް ކަމަށެވެ. މިހާތަނަށް ގޮނޑި ކަށަވަރުވެފައި ވަނީ، އެމްޑީޕީއަށް 13 އަދި އަމިއްލަ ގޮތުން ކުރިމަތިލީ ފަރާތްތަކަށް ދެ ގޮނޑި ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *