މިނިމަމް ވޭޖު ކަނޑައަޅަން މިވަގުތަކީ އެންމެ ރަނގަޅު ވަގުތެއް ނޫން: މިނިމަމް ވޭޖު ބޯޑު

މިނިމަމް ވޭޖު ބޯޑުގެ ރައީސް ހާލިދާ: ފޮޓޯ / މަޖިލިސް

ދުނިޔޭގައި ހަލުވިކަމާއި އެކުގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިސޯދަށް އެކަމުގެ ސަބަބުން ބޮޑެތި ލޮޅުންތަކެއް އަރާނެ ކަމަށް ބެލެވޭތީ މި ދުވަސްވަރަކީ މިނިމަމް ވޭޖު ކަނޑައެޅުމަށް އެންމެ ރަނގަޅު ވަގުތު ނޫން ކަމަށް މިނިމަމް ވޭޖު ބޯޑުގެ ރައީސާ މަރިޔަމް ހާލިދާ ވިދާޅުވެއްޖެއެވެ.

މިނިމަމް ވޭޖާއި ގުޅޭ ގޮތުން ރައްޔިތުން މަޖިލިސް އިދާރާގައި އާއްމުންގެ ހިޔާލު ހޯދުމަށް މިރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހާލިދާ ވިދާޅުވީ މިނިމަމް ވޭޖު ބޯޑުން ވަކި އަދަދެއް މިނިމަމް ވޭޖުގެ ގޮތުގައި ކަނޑައަޅާ (6،400 ރުފިޔާ) އެކަން މިނިމަމް ވޭޖު ރިޕޯޓުގައި ހިމެނީ ކޮވިޑް-19 ދުނިޔެއިން ފެނުމުގެ ކުރިން ކަމަށެވެ. އޭނާ ވަނީ ސަރުކާރުން މިނިމަމް ވޭޖު ރިޕޯޓު ނުވަތަ އެ ސިޔާސަތު ތަންފީޒު ކުރާއިރު ރާއްޖޭގެ އިގްތިސޯދަށްވެސް ރިއާޔަތް ކުރުމަށް އެދިވަޑައިގެންފައެވެ.

ހާލިދާ ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން މުޅި ދުނިޔެއަށް އެކަމުގެ އަސަރު ކުރާއިރު ރާއްޖެ ފަދަ ކުޑަ ގައުމަކަށް އަދި އެކަމުގެ އަސަރު މާބޮޑަށް ވެސް ކުރާނެ ކަމަށެވެ. އެހެންކަމުން ހުރިހާ ކަމަކަށްވެސް ރިއާޔަތް ކުރަންޖެހޭނެކަން ފާހަގަކުރައްވާ ހާލިދާ ވިދާޅުވީ މި ދަނޑިވަޅަނީ މިނިމަމް ވޭޖު ކަނޑައެޅުމަށް އެންމެ ރަނގަޅު ވަގުތު ނޫން ކަމަށެވެ.

"އަޅުގަނޑު އެދެން ސަރުކާރުންވެސް، ރައްޔިތުންގެ މަޖިލީހުންވެސް މިނިމަމް ވޭޖެއް އިމްޕްލިމެންޓް ކުރާ އިރު މި ހުރި ކަންތައްތަކަށް ރިއާޔަތް ކުރެއްވުން، އަޅުގަނޑު ދެކޭ ގޮތުގައި މިއީ އެންމެ ރަނގަޅު ވަގުތެއް ނޫން މިނިމަމް ވޭޖެއް ކަނޑައަޅާކަށް" ހާލިދާ ވިދާޅުވިއެވެ.

ހާލިދާ ވިދާޅުވި ގޮތުގައި މިނިމަމް ވޭޖް ކަނޑައެޅުމުގެ މަސައްކަތުގައި، ކުރި ދިރާސާތަކުން ވަޒީފާ އަދާ ކުރާ މީހުންނަށް 8،600 އަކީ ދެވޭނެ އަދަދެއް ނޫން ކަމަށް ޔަގީންވި ކަމަށެވެ. އެހެންނަމަވެސް ރާއްޖޭގައި ދިރިއުޅުމުގެ ބޭނުންތައް ފުއްދުމަށް 8،600 ރުފިޔާ އަކީ ރަނގަޅު އަދަދެއް ނޫން ކަމަށް ފާހަގަ ކުރެއްވިއެވެ.

ހާލިދާ ވިދާޅުވީ އެހެން ޤައުމު ތަކުގައި މިނިމަމް ވޭޖް ކަނޑައަޅަނީ ވަރަށް ތަފްސީލް ދިރާސާތަކެއް ކޮށްގެން ކަމަށާ ކުރު މުއްދަތެއްގެ ތެރޭގައި މިނިމަމް ވޭޖް ކަނޑައެޅި ނަމަވެސް އެކަން ކުރީ ވަރަށް އިހުލާސްތެރި ކަމާއި އެކު ކަމަށެވެ. އޭނާ ވިދާޅުވީ އެ ބަދަލުގެ ސަބަބުން ރަނގަޅު ބަދަލުތަކެއް އަންނަ އިރު ނުރަނގަޅު ކަންތައްތަކެއްވެސް ދިމާވުން އެކަށީގެންވާ ކަމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.