ބޮޑޮމޮހޮރާ ލިބުމުގެ އުފަލުގައި އެރަށަށް ގޮސް ޖާބިރު ފުރަތަމަވެސް ޖެހީ ސަޖިދައެއް!

ބޮޑޮމޮހޮރާއަށް ހަވާލުވުމަށްފަހު ޖާބިރު އެރަށުގައި ސަޖިދައެއް ޖަހަނީ --

ވ. ބޮޑުމޮހޮރާ އަކީ ޖާބިރުގެ ޑްރީމް އައިލެންޑެވެ. އެ ރަށަށް ވާނުވާ ނޭނގި އެތައް އަހަރެއް ޖާބިރު ހޭދަކުރެއްވިއެވެ. ނަމަވެސް އުއްމީދު ކަނޑައެއް ނުލައްވައެވެ. އެމަނިކުފާނުގެ އުއްމީދަކީ މި ރަށަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އިންގިލާބީ ބަދަލެއް ގެންނާނެ ރަށަކަށް ހެދުމެވެ.

ބޮޑުމޮހޮރާ އަކީ ރިސޯޓެއް ތަރައްގީ ކުރަން ޖާބިރު އަށް 2012 ވަނަ ދީފައިވާ ރަށެވެ. އޭރު އެރަށް ދީފައިވަނީ ޖާބިރު އާއި އަނބިކަނބަލުންގެ ހިއްސާ އޮންނަ މެރިން ޓެކްނޮލަޖީ މޯލްޑިވްސް އަށެވެ. ޖާބިރު އަތުން އެ ރަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ނެގިއެވެ. ނަމަވެސް ކޯޓުން ހުކުމް ކުރީ އެރަށް ހަވާލު ކުރުމަށެވެ. ނަމަވެސް ޓޫރިޒަމް މިނިސްޓްރީން ޖާބިރަށް އެރަށް ދިނުމާއި ހަމައަށް ކޯޓުގެ ހުކުމް އޮތީ އޮތް ގޮތަށެވެ.

"ހަތާވީސް އޮންލައިން"އާ ވާހަކަދައްކަވަމުން ޖާބިރު މިރޭ ވިދާޅުވީ އެމަނިކުފާނު މިރަށުގެ އިންތިޒާރުގައި ހުންނަތާ ގާތްގަނޑަކަށް 10 ވަރަކަށް އަހަރު ވެދާނެ ކަމަށެވެ. އަދި އޭނާއަށް އެރަށް ނުލިބުމުން ލިބިގެން ދިޔަ ގެއްލުން 300 ނުވަތަ 400 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ޖާބިރު ވިދާޅުވިއެވެ. ޖާބިރުގެ މި އިންތިޒާރަށް ނިމުމެއް އައީ މިދިޔަ މަހުގެ 27ވަނަ ދުވަހުއެވެ. އެއީ ޓޫރިޒަމް މިނިސްޓްރީން އެ ރަށް ޖާބިރަށް ހަވާލުކުރުމުގެ ގޮތުން ސޮއި ކުރި ދުވަހެވެ.

އެ ދުވަހަށް ފަހު ޖާބިރު ދިޔައީ އެރަށާއި ރަސްމީކޮށް ހަވާލުވެ އަދި އެ ރަށުގައި ކުރިޔަށް ގެންދާނެ މަސައްކަތްތައް ރާވާ ހިންގާނެ ގޮތުގެ ޕްލޭންތައް ހައްދަވަމުންނެވެ. ޖާބިރު ރަސްމީކޮށް ބޮޑުމޮހޮރާއާ ހަވާލުވުމަށް ވަޑައިގަތީ އިއްޔެއެވެ. އަބަދުވެސް ތަފާތު ގޮތްތަކަށް ހެދުން އެޅުއްވުމާއި މަޖިލީހުގައި ވާހަކަދައްކަވާއިރުވެސް އެހެން މެންބަރުންނާއި ތަފާތު ކަމެއް ގެންގުޅުއްވާ ޖާބިރު ބޮޑު މޮހޮރާއާ ހަވާލުވެވަޑައިގަތުމަށް ފުރާވަޑައިގެންނެވީ ވެސް ތަފާތު ގޮތަކަށެވެ. މާލޭގެ އެއް ނަންބަރު ޖެޓީން ޖާބިރު ފުރާވަޑައިގަތީ ޖެޓްސްކީއެއްގައެވެ. ޖެޓްސްކީ ދުއްވަން އިންނެވީ ވެސް ޖާބިރެވެ.

ރަށަށް ފޭބުމަށްފަހު ޖާބިރުގެ ފަރާތުން ފެނުނީ ތަފާތު މަންޒަރެކެވެ. އޭނާ ރަށަށް ފައިބައި ރަސްމީކޮށް އެރަށާއި ހަވާލުވުމަށް ކުރި ދަތުރުގައި ފުރަތަމަވެސް ވެލިގަނޑުގައި ފައި ބީއްސާލުމާއި އެކުގައި ވެސް ވިދާޅުވާން ފެއްޓެވީ ހަމްދުސަނާއެވެ. އެއަށްފަހު ކީރިތި ރަސޫލާއަށް ސަލާވަތް ވިދާޅުވެ ދެން ޖެއްސެވީ ސަޖިދައެކެވެ.

"ހަތާވީސް އޮންލައިން"އަށް ޖާބިރު ވިދާޅުވީ އެއީ ވެފައި ހުރި އުފަލެއްގެ ބޮޑުކަމުން އެމަނިކުފާނު ޖެއްސެވި ސަޖިދައެއް ކަމަށެވެ. ޖާބިރު ވިދާޅުވީ އެ ރަށަކީ 10 ވަރަކަށް އަހަރު ދުވަހުގެ ދިގު އިންތިޒާރެއް ކަމަށެވެ. ޖާބިރު ވިދާޅުވީ އެރަށަށް ތަފާތު އެކި ފަހަރުމަތިން ހަރަދުތައްވެސް ކުރެވިފައި ހުންނާނެ ކަމަށެވެ. އެގޮތުން ލިބުނު ގެއްލުން 300 ނުވަތަ 400 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވޭ ކަމަށް ޖާބިރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މާޒީގައި ހިނގާފައި ހުރި ކަންކަމުގެ ވާހަކަ ދެއްކުމުގެ ބޭނުމެއް އިތުރަށް ދެން ނެތް ކަމަށެވެ.

"މިރަށަކީ ތަފާތު ރަށެއްގެ ގޮތުގައި އަޅުގަނޑު ތަރައްގީ ކުރުމަށް ވިސްނާފައި މިހުރީ. މިރަށުގައި އެންމެ ފުރަތަމ މުޅި ދުނިޔޭގައިވެސް އެންމެ ފުރަތަމަ އަދި މުޅި ރާއްޖޭގައިވެސް އެންމެ ފުރަތަމަ ކަނޑު އަޑީގެ ކެސިނޯ ހުޅުވާނީ،" ޖާބިރު ވިދާޅުވިއެވެ.

ބޮޑުމޮހޮރާ ޕްރޮޖެކްޓަކީ "ޔުނީކް" ޕްރޮޖެކްޓެއްކަން ފާހަގަކުރައްވާ ޖާބިރު ވިދާޅުވީ އެ ރަށް ތަރައްގީ ކުރާނީ ބޮޑު ސިޓީއެއްގެ ގޮތަށް ކަމަށެވެ. އަދި އެސްއީޒެޑްގެ ގާނޫނުގެ ދަށުން އެ ރަށް ތަރައްގީ ކުރާއިރު އެރަށުގައި މީހުންނަށް ތަންތަން ގަނެވޭނެ ގޮތަށްވެސް ތަރައްގީ ކުރާނެ ކަމަށް ޖާބިރު ވިދާޅުވިއެވެ.

"މި ރަށުގައި 80 ޕަސެންޓު ހިއްސާ އޮންނާނީ އަޅުގަނޑުގެ، ބާކީ އޮތް 10 ޕަސެންޓަކީ އަޅުގަނޑު އަންހެނުން ދިޔާނާގެ ހިއްސާ. އަދި ބާކީ 10 ޕަސެންޓު ހިއްސާ އަޅުގަނޑު ދޫކޮށްލާނީ ދިވެހި ރައްޔިތުންނަށް، މާނައަކީ ސަރުކާރަށް." ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ މަޝްރޫއު ކުރިޔަށް ގެންދާނީ ތިން ފޭސް އަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފޭސް ހަމަސް ދުވަހުގެ ތެރޭގައި ނިންމާލާނެ ކަމަށް ޖާބިރު ވިދާޅުވިއެވެ. ފުރަތަމަ ފޭސްގައި 100 އެނދުގެ ރިސޯޓެއް ހިމެނޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.