ޕީޖީ އޮފީހުގެ ރިވިއު ކޮމެޓީގެ މަސައްކަތްތައް ހުއްޓާލަން ނިންމައިފި

ޕީޖީ ޝަމީމް/ ފޮޓޯ: ރައީސް އޮފީސް

ޕްރޮސިކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ)ގެ ނިންމުންތައް މުރާޖާ ކުރުމަށް އެ އޮފީހުގައި ގާއިމްކުރި ރިވިއު ކޮމެޓީގެ މަސައްކަތްތައް ހުއްޓާލުމަށް އެ އޮފީހުން ނިންމައިފިއެވެ.

ޕީޖީ އޮފީހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ކޮމިޓީގެ މަސައްކަތަށްވީ، ދައުވާއެއް އުފުލުމަށް ނުވަތަ ނުއުފުލުމަށް ނިންމާފައިވާ ނިންމުންތަކާއި ކޮށްފައިވާ ދައުވާތައް ބަދަލު ކުރަން ފެންނަ ހާލަތުގައި އެ ދައުވާއެއް ބަދަލު ކުރުން ކަމަށެވެ. ނުވަތަ ޝަރީއަތް ކުރުމުގެ ކުރިން މީހަކު ހައްޔަރުގައި ބަހައްޓާފައިވާ މައްސަލަތަކާއި، ޝަރީއަތް ނިމެންދެން މީހަކު ބަންދު ކޮށްފައިވާ މައްސަލަތައް މުރާޖައާ ކުރުން ކަމަށެވެ. އަދި ނިންމުމެއް ރިވިއު ކުރުމަށް، ތުހުމަތު ކުރެވޭ ފަރާތުގެ އިހުމާލެއް ނެތި ނުނިމި ލަސްވާ މައްސަލަތައްވެސް މުރާޖައާ ކުރުމަކީވެސް އެ ކޮމެޓީގެ މަސައްކަތެއް ކަމަށް ޕީޖީން ބުންޏެވެ.

ޕީޖީ އޮފީހުގެ ބަޔާނުގައި ބުނީ އެ ކޮމިޓީއާއި އެ ކޮމިޓީގެ މަސައްކަތް ކުރިއަށް ގެންދަން ޕީޖީ އޮފީހުގައި އެކުލަވާލި "އެރެސްޓް ރިމާންޑް އެންޑް ޗާޖް ރިވިއު ޔުނިޓު"ގެ މަސައްކަތް އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ނިންމާލަން ނިންމާފައިވާ ކަމަށެވެ.

އެ ކޮމިޓީ އުވާލި ނަމަވެސް ގާނޫނު އަސާސީގެ 223 ވަނަ މާއްދާގެ (ބ)އާއި (އ) އަދި ޕްރޮސެކިއުޓާ ޖެނެރަލްގެ ގާނޫނުގެ 15 ވަނަ މާއްދާއާއި (ބ) އާއި (އ) ގެ ދަށުން ޕީޖީއަށް ލިބޭ ބާރުގެ ދަށުން މައްސަލަތައް ރިވިއު ކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

Leave a Reply

Your email address will not be published. Required fields are marked *