ރާއްޖެއިން ފުރައިގެން ދިޔަ ފަތުރުވެރިއެއްގެ ގައިން ކޮރޯނާ ފެނުނުކަން އެނގޭ، އެކަން އެބަ ބަލަން: އެންޑީއެމްއޭ

ޗައިނާގެ ބައެއް ފަތުރުވެރިން އީރާނަށް ދަތުރުކޮށްފައި/ ފޮޓޯ- ވޮއިސް އޮފް އީރާނިއަންސް

ރާއްޖެވެސް ހިމެނޭ ގޮތަށް އޭޝިއާގެ ގިނަ ގައުމުތަކަކަށް ދަތުރުކޮށް އެނބުރި ޗިލީއަށް ދިޔަ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވި ވެފައިވާކަން އެނގޭ ކަމަށާއި އެކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން ގެންދާ ކަމަށް ނޭޝަނަލް ޑިޒާސްޓަ މެނޭޖްމަން އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.

އެންޑީއެމްއޭއިން މިހެން ބުނެފައިވަނީ، ރާއްޖެވެސް ހިމެނޭ ގޮތަށް އޭޝިއާގެ ގިނަ ގައުމުތަކަކަށް ދަތުރުކޮށް އެނބުރި ޗިލީއަށް ދިޔަ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވި ވެފައިވާ ކަމަށް ބޭރުގެ ނޫސްތަކުގައި ބުނެފައިވުމާއި ގުޅިގެންނެވެ.

އެންޑީއެމްއޭއިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ، ޗިލީގެ ފުރަތަމަ ކޮވިޑް-19 ވައިރަސް ކޭސް އަކީ ރާއްޖެއިން ދިޔަ ފަތުރުވެރިއެއްގެ ގައިން ފެނުނު ކޭސް އެއްކަން އިނގޭ ކަމަށެވެ. އެކަމާއި ގުޅިގެން ފިޔަވަޅު އަޅަމުންދާ ކަމަށްވެސް އެންޑީއެމްއޭ އިން ބުންޏެވެ. އަދި އެކަމާއި ގުޅިގެން ޗިލީގެ ހެލްތް އޮތޯރިޓީތަކާއި ގުޅާ ކަމާގުޅުން ހުރި ފަރާތްތަކާއި ގުޅިގެން އެފަތުރުވެރިޔާގެ ޓްރެވެލް ހިސްޓްރީއާއި އެމީހާއާ ގުޅޭ އިތުރު ތަފްސީލުތައް ވެސް ބަލަމުން ގެންދާ ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ.

ޗިލީގެ އިންސްޓިޓިއުޓް އޮފް ޕަބްލިކް ހެލްތާ ހަވާލާދީ، ޗައިނާގެ ޝިންހުއާ ނޫސްއެޖެންސީ އިން ބުނެފައި ވަނީ އެއީ ޗިލީގައި ވައިރަހަށް ޕޮޒިޓިވްވި ފުރަތަމަ މީހާ ކަމަށެވެ. 33 އަހަރުގެ އެ ފިރިހެން މީހާއަކީ ޗިލީގެ ޓަލްކާ ސިޓީގައި ހުރި މީހެއް ކަމަށާއި އޭނާ ޗިލީއަށް ގޮސްފައި ވަނީ އޭޝިއާގެ ބައެއް ގައުމުތަކަށް ދަތުރު ކުރުމަށް ފަހު ޔޫރަޕް މަގުން ކަމަށް ވެސް ޗިލީގެ ހެލްތު މިނިސްޓްރީއާ ހަވާލާދީ އެގައުމުގެ ނޫސްތަކުގައި ބުނެފައިވެއެވެ.

އެމީހާ ވަނީ މަހެއްހާ ދުވަހުގެ ތެރޭގައި ސިންގަޕޫރާއި މެލޭޝިއާ އިންޑޮނޭޝިއާ، ރާއްޖެ އަދި ސްޕެއިނަށް ދަތުރުކޮށްފައެވެ. އެމީހާ ޗިލީއަށް ދިޔައީ މިދިޔަ މަހުގެ 25ގައެވެ. އަދި ކޮވިޑް-19ގެ އަލާމާތްތައް ފެންނަން ފެށީ މިމަހުގެ އެކެއްގައެވެ.

Leave a Reply

Your email address will not be published. Required fields are marked *