މުޣުނީ ދެއްކި ވާހަކަތަކަށް އެމްޑީޕީން އެންމެ ފަހުން މައާފަށް އެދިއްޖެ

ތިނަދޫ އުތުރު ދާއިރާގެ މެންބަރު މުޣުނީ -- ފޮޓޯ / މަޖިލިސް

ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރާނީ އިދިކޮޅު ފަރާތްތަކަށް ކޮވިޑް-19 ޖައްސާފައި ކަމަށް ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލްމުޣުނީ މަޖިލިސް މިއަދުގެ ޖަލްސާގައި ދެއްކެވި ވާހަކަތަކަށް އެމްޑީޕީގެ ފަރާތުން މައާފަށް އެދިއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން މެންބަރު މުޣުނީ ވިދާޅުވީ ކޮވިޑް-19އާ ގުޅިގެން ސަރުކާރުން އަޅަމުންދާ ފިޔަވަޅުތައް ދުވަހުން ދުވަހަށް ރައްޔިތުންނަށް ހިއްސާ ކުރަމުން ގެންދާއިރު އެކަމުގައި ރައްޔިތުން ކަންބޮޑުވާންޖެހޭ އެއްވެސް ކަމެއް ނެތް ކަމަށެވެ. އޭނާ ވިދާޅުވީ ދިވެހި ރައްޔިތުން ސާފުތާހިރުކަން މަތީގައި ދިރިއުޅުމުގެ ކަންކަން ބެހެއްޓުމުން ކަންކަން ހުންނާނީ ރަނގަޅަށް ކަމަށެވެ.

"މި ބޭފުޅުން (އިދިކޮޅު) ކަންބޮޑުވާ ކާޑުގެ ބާވަތްތައް އަޅުގަނޑުމެން ދާއިރާގައި އެބަހުރި. ކޮންމެ ދުވަހަކު ގެންނަން ޖެހޭ އަދަދަށް ގެނެސް ރައްކާ ކުރެވި، އެ ވިކެމުން ދަނީ. ރައްޔިތުން ކިއު ހަދާފައެއް ނެތް. ގޭގެއަށް ބޭނުންވާ ވަރަށް ކާނާ އެބަހުރި. ކުރިއަށް އޮތް ތަނުގައި ލިބޭނެ ކަމުގެ ޔަގީން ކަން ސަރުކާރާއި ކަމާބެހޭ ފަރާތްތަކުން ދަނީ ދެމުން،" މުޣްނީ ވިދާޅުވިއެވެ.

މުޣްނީ ވިދާޅުވި ގޮތުގައި އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ކެމްޕެއިންގައި ކޮރޯނާ ވައިރަސް ޖެއްސޭތޯއެވެ. މުޣްނީ ވިދާޅުވީ އެމްޑީޕީއިން ކެމްޕެއިންގެ ދަތުރު ފަށަނީ ވައިރަހާ ގުޅޭ މައުލޫމާތައި ފަރުވާ ހިފައިގެން ކަމަށެވެ.

"އަޅުގަނޑުމެން މި އިންތިހާބު ކާމިޔާބު ކުރާނީ ތިޔަބޭފުޅުން ކޮރޯނާ ވައިރަސްގައި ޖައްސާފައި ބައިތިއްބާފަ،" މުގުނީ ވިދާޅުވިއެވެ.

މިފަދައިން މުޣުނީ ވިދާޅުވުމުން އޭނާއަށާއި އޭނާ ނިސްބަތްވާ އެމްޑީޕީއަށް ސޯޝަލް މީޑިއާގައި މީހުން ދިޔައީ ފާޑު ކިޔަމުންނެވެ. އެކަމާއި ގުޅިގެން މަޖިލިސް ވޯޓު ގަޑިއަށްފަހު ނިޒާމީ ނުކުތާ ނަންގަވާ އަލީ އާޒިމް ވިދާޅުވީ ބަހުސްގައި މުޣުނީއަށް ދެއްކެވުނު ވާހަކަތަކަށް އޭނާ މައާފަށް އެދިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ވަކި ބަޔަކަށް ބައްޔެއް ޖެއްސުމަށްފަހު އިންތިހާބެއް ކާމިޔާބު ކުރުމަކީ އެމްޑީޕީގެވެސް އަދި މުޣުނީގެ ވެސް ވިސްނުމެއް ނޫން ކަމަށެވެ. އާޒިމް ވިދާޅުވީ އެ ބަހަކީ މުޣުނީ ގަސްތުގައި ވިދާޅުވި ބަހެއް ނޫން ކަމަށާއި އެއީ މެންބަރަށް އޮޅިގެން ވިދާޅުވެވުނު ބަހެއް ކަމަށެވެ.

އާޒިމް އެފަދައިން ދެންނެވުމުން މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ ވަނީ އެކަން ސާފުކޮށްދެއްވި ކަމަށްޓަކައި ޝުކުރު އަދާ ކުރައްވާފައެވެ. އީވާ ވިދާޅުވީ މަޖިލިސް ތަޅުމުގައި ސިޔާސީ ގޮތުން މެންބަރުންނަށް ކިތަންމެ ވަރަކަށްވެސް ކޯޅިދާނެ ކަމަށާއި ނަމަވެސް ދިވެހި ރައްޔިތުން ތެރޭގައި އެކަކު އަނެކަކާ އެހާ އަނިޔާވެރި ވާނޭ ގޮތަކަށް ވާހަކަ ނުދެއްކެވުމަށް އިލްތިމާސް ކުރާ ކަމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.