ކައުންސިލް އިންތިހާބުގެ މޮނީޓަރުންނަށް ވުމުގެ މުއްދަތު އިތުރުކޮށްފި

އިލެކްޝަނުން މީގެކުރިން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން: ފޮޓޯ / ސަން

އަންނަ މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަ ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބު އޮބްޒާވު ކުރުމަށާއި އެ އިންތިހާބުގެ މޮނީޓަރުންނަށް ވުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލި މުއްދަތު އެ ކޮމިޝަނުން އިތުރުކޮށްފިއެވެ.

އިލެކްޝަނުން ބުނީ އެ މުއްދަތު މާދަމައާ ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ. އެގޮތުން މިހާރު އެ މުއްދަތު ހަމަވާނީ މާދަމާގެ މެންދުރު 3:00 ގެ ނިޔަަލަށް ކަމަށްވެސް އެ ކޮމިޝަނުން ބުންޏެވެ.

އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަނުން ހުޅުވާލީ މިދިޔަ މަހުގެ ފަސްވަނަ ދުވަހުއެވެ. މީގެކުރިން މި މަގާމުތަކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މިދިޔަ ހޯމަ ދުވަހުގެ ނިޔަލަށެވެ. މޮނީޓަރުންނާއި އޮބްޒާވަރުންނަށް ވުމުގެ ފުރުސަތު އަލުން އިތުރު ކޮށްފައިވާއިރު ވޯޓުލާ ދުވަހު ހަރަކާތްތެރިވާނެ އޮފިޝަލުން ހޯދުމަށްވެސް އެ ކޮމިޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

އެގޮތުން ބޭނުންވާ ވަރަށް އޮފިޝަލުން ނުލިބުމުން އަނެއްކާވެސް އޮފިޝަލު ކަމަށް ވާން ބޭނުންވާ ފަރާތްތަކަށް އެ މުއްދަތު އިލެކްޝަނުން ވަނީ އިތުރުކޮށްފައެވެ.

އޮފިޝަލުން ހޯދުމުގައި ކުރިމަތިވަމުން އަންނަ ދަތިތަކާއެކު މިހާރު އިލެކްޝަނުން ވަނީ އޮފިޝަލުންނަށް ދިނުމަށް ހަމަޖެހިފައިވާ އެލަވަންސްވެސް ބޮޑުކޮށްފައެވެ. އެގޮތުން ވޯޓުލާ މަރުކަޒުގެ ވެރިޔާއަށް 1800 ރުފިޔާ ކަނޑައަޅާފައިވާއިރު ވެރިޔާގެ އެހީތެރިޔާއަށް 1600 ރުފިޔާ ވަނީ ކަނޑައަޅާފައެވެ. އޮފިޝަލުންނަށް 1500 ރުފިޔާ ކަނޑައެޅިއިރު ވޯޓު ގުނާ އޮފިޝަލުންނަށް 1200 ރުފިޔާ އަދި ރިޒާވް އޮފިޝަލަކަށް 500 ރުފިޔާ އިލެކްޝަނުން ވަނީ ކަނޑައަޅާފައެވެ.

އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު އޮންނަ އިންތިހާބަށް 6386 އޮފިޝަލުން ބޭނުންވާއިރު ރަށްރަށުގައި ތިބި ސިވިލް ސާވިސް މުވައްޒަފުން ހިމަނައިގެން މިހާތަނަށް ލިބިފައި ވަނީ 4041 އޮފިޝަލުން ކަމަށާއި، އަދިވެސް 2340 އޮފިޝަލުން ބޭނުންވާކަމަށް އިލެކްޝަނުން ވަނީ ބުނެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *