ކައުންސިލް އިންތިހާބުގެ ކެންޑިޑަސީއެއް ބަލައިނުގަތުމަށް ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލްކޮށްފި

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަ ކުރުމަށް ފޯމު ހުށަހެޅި މީހެއްގެ ކެންޑިޑެސީ ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ބާތިލުކޮށް އަލުން އޭނާގެ ކެންޑިޑަސީ ބަލައިގަތުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ސުޕްރީމް ކޯޓުން އަމުރުކޮށްފިއެވެ.

އިލެކްޝަނުން ކެންޑިޑަސީ ބަލައި ނުގަތުމަށް ނިންމީ ހއ. އިހަވަންދޫ ކައުންސިލްގެ މެމްބަރު ކަމަށް ކުރިމަތިލި އެ ރަށު ސަލްސަބީލުގެ، އަބްދުﷲ ހަލީލް ނަމަކަށް ކިޔާ މީހެއްގެއެވެ. އޭނާގެ ކެންޑިޑަސީ ބަލައި ނުގަތުމަށް އިލެކްޝަނުން ނިންމީ އޭނާގެ ސާބިތު ދަރަންޏެއް އޮތުމުންނާއި އަދި އެ ދަރަނި އަދާކުރަމުން ނުދާކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އިން ދޫކުރި “ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލާ މީހާގެ ދަރަނީގެ ރެކޯޑާއި ކުށުގެ ރެކޯޑު ސާފު ކުރުން” ލިޔުމުގައި އޮތުމުން ކަމަށް އިލެކްޝަނުން ބުނެއެވެ. 

އެހެންނަމަވެސް އިހަވަންދޫ ކޯޓުން ބުނެފައިވަނީ އެ ގޮތަށް ފޯމުގައި ލިޔެވިފައި ވަނީ އިދާރީ އޮޅުމެއްގެ ސަބަބުން ކަމަށެވެ. އަދި އެ ފައިސާ އޭނާ ދައްކާފައިވާ ކަމަށާއި އެފައިސާ އިހަވަންދޫ ކޯޓުން ބަލައިގެންފައިވާކަން އެ ކޯޓުން ދޫކޮށްފައިވާ ފައިސާ ބަލައިގެން ކަމުގެ ރަސީދުން އެނގެން އެބަ އޮތް ކަމަށްވެސް އެކޯޓުން ބުންޏެވެ. އަދި ބުނީ އެކަން މެސެޖަކުން ކްރިމިނަލް ކޯޓަށް އަންގާ އޭނާގެ ކުށުގެ ރެކޯޑު އިސްލާހުކޮށްފައިވާ ކަމަށެވެ.

އަބްދުﷲ ހަލީލްގެ ފަރާތުން އިލެކްޝަންސް ކޮމިޝަނުގެ އެ ނިންމުން ބާތިލް ކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ. ހަލީލް ހުށަހެޅި މައްސަލައިގައި ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ އޭނާގެ ކެންޑިޑަސީ ބަލައިގަނެވެން ނެތް ކަމަށް އިލެކްޝަންސް އިން ނިންމިތާ 48 ގަޑިއިރު ވީއިރުވެސް އެ ދަރަނި އަދާކުރިކަން އަންގައިދޭ އެއްވެސް ލިޔުމެއް އޭނާގެ ފަރާތުން ހުށަހަޅާފައި ނުވާކަމަށް އީސީން ބުނެފައިވާ ކަމަށެވެ.

އެހެންކަމުން އުއްތަމަ ފަނޑިޔާތު މުއުތަސިމް އަދުނާން ވަނީ އެކަމުގައި އިލެކްޝަނުން ނިންމާފައިވާ ނިންމުމަށް ބަދަލު ގެންނަންޖެހޭ ކަމަށް ވިދާޅުވެފައެވެ. އެމަނިކުފާނުގެ ރައުޔުއަށް ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ ތާއީދުކުރައްވައިފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.