ކޮވިޑް-19 އަށް ތައްޔާރުވުމަށް އޮތް ހަމައެކަނި ހުރަހަކީ ހެލްތު މިނިސްޓަރު އަމީން: އަފީފް

ވިލިފުށި ދާއިރާގެ މެންބަރު ހަސަން އަފީފް މަޖިލިސް ޖަލްސާއެއްގައި ވާހަކަދައްކަވަނީ: ފޮޓޯ / މަޖިލިސް

ދުނިޔޭގައި ހަލުވިކަމާއި އެކުގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް-19 އަށް ރާއްޖެއިން އަންނަނީ ފުރިހަމައަށް ތައްޔާރުވަމުން ކަމަށާއި ނަމަވެސް އެކަމަށް އޮތް ހަމައެކަނި ހުރަހަކީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ކަމަށް ވިލިފުށި ދާއިރާގެ މެންބަރު ހަސަން އަފީފް ވިދާޅުވެއްޖެއެވެ.

މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން ހަސަން އަފީފް ވިދާޅުވީ އަމީނަކީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ހެލްތު މިނިސްޓަރު ކަމަށް ވަޑައިގެންފައިވާ ބޭފުޅެއް ކަމަށެވެ. އަދި މިއަދު ކޮވިޑް-19 އާ ދެކޮޅަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކަށް ހަމައެކަނި އޮތް ހުރަހަކީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ހެލްތު މިނިސްޓަރު ކަމަށް ވަޑައިގެން ހުންނެވި އަމީން ކަމަށް އަފީފް ވިދާޅުވިއެވެ.

އަފީފް ވިދާޅުވީ މިނިސްޓަރު އަމީން ކުރައްވަމުން ގެންދަވާ ކަންކަން ގާތުން ބަލަންޖެހޭނެ ކަމަށެވެ. އޭނާ ވަނީ އަމީން ކުރާ މަސައްކަތް ގާތުން ބެއްލެވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އަރިހުންވެސް އެދިވަޑައިގެންފައެވެ. މީގެއިތުރުން ކޮވިޑް-19 އާ ގުޅިގެން އަމީން ކުރައްވާ ކަންކަން ކުރައްވަނީ ރައީސް ސޯލިހުގެ އިރުޝާދު ލިބިގެންތޯވެސް ބަލަންޖެހޭ ކަމަށް އަފީފް ވިދާޅުވިއެވެ.

މި މައްސަލައަށް އިތުރަށް ބަހުސް ކުރައްވާ އަފީފް ވިދާޅުވީ އާދަމް ޝަރީފު ހުށަހެޅުއްވި ކާޑަށް ޖެހުމުގެ ކުއްލި މައްސަލައަކީ އެއްވެސް އަސްލެއް ހަގީގަތެއް ނެތް މައްސަލައެއް ކަމަށެވެ. އާދަމް ޝަރީފު ހުށަހެޅުއްވި ކުއްލި މައްސަލައަކީ ކޮވިޑް-19 ރާއްޖެ އަތުވެއްޖެނަމަ ރާއްޖެއަށް ކާޑުގެ ބާވަތްތައް އެތެރެ ކުރުމުގައި ދަތި ކަމެއް ދިމާވެދާނެތީ އެ ކަމަށް ސަރުކާރު ތައްޔާރުވާން ގޮވާލައި ހުށަހެޅުއްވި މައްސަލައެކެވެ.

އަފީފް ވިދާޅުވީ ކޮވިޑް-19 ދުނިޔެއިން އެންމެ ފުރަތަމަ ފެނުމާއި އެކުގައި އެކަމަށް އެންމެ ބޮޑަށް ތައްޔާރުވި އެއް ގައުމަކީ ރާއްޖެ ކަމަށެވެ. އެގޮތުން އެއާޕޯޓުތަކުގައި ސަލާމަތީ ކަންކަން ވަރުގަދަ ކުރުމުގައި ކުރީގައި އޮތީވެސް ރާއްޖެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަފީފް ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން ރާއްޖެއިން ކާބޯތަކެތި ހުސްވެދާނެ ކަމަށް ބުނެ އާދަމް ޝަރީފް މައްސަލައެއް މަޖިލީހަށް ހުށަހެޅުއްވިއިރު އެކަމަށް ދިވެހި ސަރުކާރާއި އެސްޓީއޯ ވެސް އޮތީ ފުރިހަމައަށް ތައްޔާރަށް ކަމަށް ހަސަން އަފީފް ވިދާޅުވިއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.