ސަރުކާރުންދޭ ލަފާޔާ އެއްގޮތަށް އުމްރާ ކުންފުނިތަކުން އަމަލުކުރުމަށް އިލްތިމާސްކޮށްފި

ދިވެހި ހައްޖުވެރިންތަކެއް: ފޮޓޯ / އަވަސް

ސަރުކާރުންދޭ ލަފާޔާ އެއްގޮތަށް އުމްރާ ކުންފުނިތަކުން އަމަލުކުރުމަށް އިސްލާމިކް މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން އާންމު ކުރި ބަޔާނުގައި ބުނެފައިވަނީ، ކޮވިޑް-19 އިތުރަށް ފެތުރުން ހުއްޓުވުމަށް އަޅާ ސަލާމަތީ ފިޔަވަޅެއްގެ ގޮތުން މިދިޔަ މަހުގެ 27 ވަނަ ދުވަހުން ފެށިގެން ބޭރު ގައުމުތަކުން ސައޫދީ އަރަބިއްޔާއަށް އުމްރާވެރިން އެތެރެވުން ވަނީ ވަގުތީގޮތުން މަނާކޮށްފައި ކަމަށެވެ. އެގޮތުން، އުމްރާވެރިންނަށް ވިސާ ދޫކުރުން ހުއްޓާލައި، އަދި މިހާތަނަށް އުމްރާގެ އަޅުކަން އަދާކުރުމަށް ވިސާ ހޯދާފައިވާ ފަރާތްތަކުގެ ވިސާ ވަނީ ކެންސަލްކުރެވިފައި ކަމަށެވެ.

ސައުދީ އަރަބިއްޔާގެ ސަރުކާރުން ނިންމަވާފައިވާ ނިންމެވުމަށް އިހްތިރާމްކޮށް، އެކަންކަމަށް ކެތްތެރިވެ ތިބުމަށް އިސްލާމިކް މިނިސްޓްރީންވަނީ ހުރިހާ ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ. އަދި އެފަދަ ނިންމެވުމެއްގެ ސަބަބުން، އުމްރާ ދަތުރުތައް ރާއްވަވާފައިވާ ކުންފުނިތަކާއި، އުމްރާއަށް ދިއުމަށް ތައްޔާރުވަމުންދާ ފަރާތްތަކަށް، ދިމާވާނެ ދަތިތަކާއި، ކަންބޮޑުވުންތައް ހުންނާނެކަން އެ މިނިސްޓްރީން ގަބޫލުކުރާކަމަށާއި، އެހެންނަމަވެސް، މިކަމަކީ ދިވެހި ސަރުކާރާއި އުމްރާއަށް މީހުން ގެންދާ ކުންފުނިތަކުގެ އަމިއްލަ ބާރު ހިނގާކަމެއް ނޫންކަމެއް ކަމުން، މިކަމުގައި ދިވެހި ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުން ދޭ އިރުޝާދާއި ލަފަޔާއި އެއްގޮތަށް އަމަލުކުރެއްވުމަށްވެސް އެ މިނިސްޓްރީންވަނީ އިލްތިމާސްކޮށްފައެވެ.

ސައޫދީ އަރަބިއްޔާގެ ސަރުކާރުގެ މި ނިންމުން ދިވެހި ސަރުކާރުން ވަނީ ރާއްޖޭގައި ހަރަކާތްތެރިވާ ޓްރެވަލް އެޖެންސީތާކާ ހިއްސާކުރައްވާފައެވެ. ބައިނަލްއަގްވާމީ ސިއްހީ ކުއްލި ހާލަތެއް ދިމާވެފައިވާ މި ދަނޑިވަޅުގައި، ދިވެހި އުމްރާވެރީންނާއި ހައްޖުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ ސަރުކާރުގެ އެންމެ އިސް ވާޖިބުކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

ކޮވިޑް-19 ވައިރަސްއާ ގުޅިގެން ރައީސް ޓާސްކް ފޯސް އެއް އެކުލަވާ ލައްވާ، ސަރުކާރުން ވަރަށް ގާތުން މިކަން ބައްލަވަމުން ގެންދާތީ، އެ ފަރާތްތަކުގެ ލަފަޔާ އިރުޝާދާއެކު، އުމްރާވެރިންނާ، އުމްރާއަށް މިހުން ގެންދާ ކުންފުނިތަކުން އަމަލުކުރަންވީގޮތް ހިއްސާކުރަމުން ގެންދާނެކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.