ވައިރަހުގެ ސަބަބުން ރާއްޖެ ކާޑަށް ޖެހިދާނެތީ ކުއްލި މައްސަލައެއް ހުށަހަޅައިފި

އާދަމް ޝަރީފް އުމަރު/ ފޮޓޯ: މަޖިލިސް

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާއި ގުޅިގެން ރާއްޖެއަށް ކާޑުގެ ދަތިކަން ފޯރާފާނެތީ އެކަމަށް ތައްޔާރުވާން ގޮވާލައި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅުއްވައިފިއެވެ.

މެންބަރު އާދަމް ޝަރީފް ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހުގެ 44 މެންބަރުންގެ ވޯޓާއެކު އެ ކުއްލި މައްސަލަ މަޖިލީހަށް ބަލައިގަނެ ބަހުސް ވަނީ ފަށައިފައެވެ.

އާދަމް ޝަރީފް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ދުނިޔޭގައި ހަލުވިކަމާއެކު ވައިރަސް ފެތުރެމުން އަންނަ ކަމާއި، އަވަށްޓެރި ގައުމުތަކުގައިވެސް ބަލި ފެތުރެމުން އަންނަކަމާއި އަދި ރާއްޖޭގައި ވެސް ބަލި ފެތުރުމުގެ ބިރު ބޮޑުކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ބުނެފައިވާކަން ފާހަގަކުރައްވާފައި ވެއެވެ.

އަދި ކޮރޯނާގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ނޭދެވޭ އަސަރު ކުރަމުން އަންނަކަމާއި، ރާއްޖެއަކީ ތެލާއި ކާޑުގެ ބާވަތްތައް ބޭރުން އެތެރެކުރާ ގައުމަކަށްވެފައި، އެތަކެތި ރައްކާތެރިކޮށްފައި ބެހެއްޓޭނެ އިންތިޒާމު ހަމަޖެހިފައި ނެތްކަމަށްވެސް ވިދާޅުވެފައިވެއެވެ.

އަދި ރަށްރަށުގެ ފިހާރަތަކަށް އެތަކެތި ގެންދަނީ ގިނަވެގެން ދެ ހަފްތާއެއްހާ ދުވަހަށް ރަށަށް ފުދޭ ވަރަށް ކަމަށާއި ރާއްޖެއިން ކޮރޯނާވައިރަސް ފެނިއްޖެނަމަ ރާއްޖެއަށް ދަތުރުކުރާ އާގުބޯޓުފަހަރުގެ ދަތުރުތައް ހުއްޓި ތެލާ ކާޑުގެ ބާވަތްތައް އެތެރެކުރުން ދަތިވެ، ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމަށް ބެލެވޭ ކަމަށެވެ.

އެހެންކަމުން އެކަށީގެންވާ މުއްދަތަކަށް މުޅި ރާއްޖެއަށް ބޭނުންވާ ކާޑުގެ ބާވަތްތައް ދުރާލާ އެތެރެކޮށް، ރާއްޖޭގެ އެކި ސަރަހައްދުތަކުން ލިބޭނެ އިންތިޒާމް ހަމަޖައްސައި އެއްވެސް ރަށަކަށް ދަތުރުކުރުން ހުއްޓާލަން ޖެހިއްޖެނަމަ އެރަށަކަށް ކާޑުގެ ބާވަތްތައް އެތެރެކުރެވޭނެ އިންތިޒާމް ގާއިމުކޮށް ރާއްޖޭގެ ރައްޔިތުންނަށް ތެލާ ކާޑުގެ ދަތިކަން ނުފޯރާނެކަން ކަށަވަރުކުރުމަށް މެމްބަރު ވަނީ ސަރުކާރަށް ގޮވާލައްވައިފައެވެ.

Leave a Reply

Your email address will not be published. Required fields are marked *