ދީނާއި ދެކޮޅު ޖަމިއްޔާއަކަށް ރާއްޖޭގައި މަސައްކަތް ކުރުމުގެ ފުރުސަތެއް ނެތް: ނަޝީދު

ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ޕްރޮގްރާމެއްގައި ވާހަކަދައްކަވަނީ: ފޮޓޯ / މަޖިލިސް

ރާއްޖޭގައި އިސްލާމްދީނާއި ދެކޮޅު އެއްވެސް ޖަމިއްޔާއަކަށް މަސައްކަތް ކުރުމުގެ ފުރުސަތު ނޯންނާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގައި އިސްލާމްދީނާއި ދެކޮޅު އެއްވެސް ޖަމިއްޔާއެއް މަސައްކަތް ކުރުމުގެ ފުރުސަތެއް ނެތް ކަމަށެވެ. އަދި އެމަނިކުފާނުގެ އެހީތެރިކަމާއި އެކުގައި އެފަދަ ޖަމިއްޔާތައް ގެންނަ ކަމަށް ވިދާޅުވެ ނިލަންދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ހަލީލް ދައްކަވާ ވާހަކަތަކަކީ ދިވެހިންގެ ހިތްތަކުގައި ނަފްރަތާއި ފިތުނަވެރިކަން އުފައްދަން ދައްކާ ވާހަކަތައް ކަމަށް ނަޝީދު ވިދާޅުވިއެވެ.

ކުރީގެ މެންބަރު ހަލީލް ވިދާޅުވެފައި ވަނީ ކުއިލިއަމް ނަމަކަށް ކިޔާ ޖަމިއްޔާއެއް ރާއްޖެ ގެނެސް ވޯކްޝޮޕްތައް ހިންގަނީ ރައީސް ނަޝީދުގެ އެހީތެރިކަމާއި އެކު ސަރުކާރުގެ އިސް ބައެއް ބޭފުޅުން ކަމަށެވެ. އިންޑިއާގެ މުސްލިމުންނަށް ދެމުންދާ އަނިޔާއަށް މި ސަރުކާރުގެ ވެރިން ތިއްބަވަނީ ހަނު ކަމަށް ވިދާޅުވެ ހަލީލް ވަނީ ސަރުކާރަށް ފާޑު ވިދާޅުވެފައެވެ.

ރާއްޖޭގައި އިސްލާމްދީނާއި ދެކޮޅު އެއްވެސް ޖަމިއްޔާއަކަށް މަސައްކަތް ކުރުމުގެ ފުރުސަތު ނޯންނާނެ ކަމަށް ނަޝީދު ވިދާޅުވިއިރު ދީނާއި ހިލާފު ވޯކްޝޮޕްތަކެއް ބާއްވާ މައްސަލާގައި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލައަކީ މަޖިލީހުގެ ގަވާއިދަށް ނުފެތޭ މައްސަލައެއް ކަމަށް ވިދާޅުވެ އެ މައްސަލަ ރައީސް ނަޝީދު އެޖެންޑާ ނުކުރައްވާ ދޫކޮށްލެއްވިއެވެ.

އަދި މިއަދު ވެސް ވަނީ އިންޑިއާގެ މުސްލިމުންނަށް ދެމުން ގެންދާ އަނިޔާތައް ދިވެހި ސަރުކާރުން ކުށްވެރި ނުކުރާ ކަމަށްބުނެ މެންބަރު ނަޝީދު ހުށަހެޅުއްވި ކުއްލި މައްސަލަވެސް ގަވާއިދަށް ނުފެތޭ ކަމަށް ވިދާޅުވެ އެޖެންޑާ ނުކުރައްވާ ދޫކޮށްލާފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.