ވިސުލްބްލޯ ޕްރޮޓެކްޝަން ޔުނިޓުގެ މަސައްކަތް ފަށައިފި

ވިސްލްބްލޯ ޕްރޮޓެކްޝަން ޔުނިޓުގެ ވެރިޔާ އަދި އެޗްއާރްސީއެމްގެ ނާއިބު ރައީސް ޒާހިދު -- ފޮޓޯ / ރައީސް އޮފީސް

ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ގައި ވިސްލްބްލޯވާ ޕްރޮޓެކްޝަން ޔުނިޓެއް ގާއިމުކޮށްފިއެވެ.

އެ ކޮމިޝަނުން ބުނީ ވިސްލްބްލޯކުރާ ފަރާތްތަކަށް ރައްކާތެރިކަން ދިނުމުގެ ގާނޫނުގެ ދަށުން އެ ޔުނިޓުން މައްސަލަތައް ބަލަން ފަށާފައިވާ ކަމަށެވެ. މިދިޔަ ޖެނުއަރީ މަހުގެ 19ވަނަ ދުވަހު ވިސްލްބްލޯވާ ޕްރޮޓެކްޝަން ޔުނިޓް ހިންގާނެ ގޮތުގެ ގަވާއިދު ސަރުކާރުގެ ގެޒެޓުގައި ވަނީ ޝާއިއުކޮށްފައެވެ. އެ ޔުނިޓަށް ސިއްރުކޮށް މައުލޫމާތު ހުށަހަޅުމާއި، ބަލައިގަތުމާ، މައުލޫމާތުތައް ތަހުގީގުކޮށް ފިޔަވަޅު އެޅުމުގެ ގަވާއިދު އެކުލަވާލައި ޝާއިއުކޮށްފައި ވަނީ އިއްޔެއެވެ.

އެޗްއާރްސީއެމް އިން ބުނީ އެ ކޮމިޝަނުގައި ގާއިމުކޮށްފައިވާ ވިސްލްބްލޯވާ ޕްރޮޓެކްޝަން ޔުނިޓަށް މައްސަލަ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ. މައްސަލަ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ސިޓީ މެދުވެރިކޮށާއި އަދި ފޯމާއި އީމެއިލް މެދުވެރިކޮށް ވެސް މައްސަލަ ހުށަހެޅޭނެއެވެ. މީގެއިތުރުން ވެބްސައިޓު މެދުވެރިކޮށާއި އަދި ވަކިން އެ ޔުނިޓަށް ހާޒިރުވެ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ.

ވިސްލްބްލޯވާ ޕްރޮޓެކްޝަން ޔުނިޓުގެ އިސްވެރިއަކަށް ހަމަޖައްސާފައި ވަނީ އެޗްއާރްސީއެމްގެ ނާއިބު ރައީސް މުހައްމަދު ޒާހިދެވެ.

ކޮރަޕްޝަން ހާމަ ކުރާ ފަރާތްތަކަށް ގާނޫނީ ހިމާޔަތް ދިނުމާ ބެހޭ ބިލުގައިވާ ގޮތުން ވިސްލްބްލޯ ކުރެވިދާނެ ފަރާތްތަކަކީ ދައުލަތުގެ ފަރާތެއްގެ މުވައްޒަފެއް ނުވަތަ އަމިއްލަ ފަރާތެއްގެ މުވައްޒަފެއް ނުވަތަ އަމިއްލަ ނަމުގައި ދައުވާ ކުރުމާއި ދައުވާ ލިބިގަތުމުގެ ހައިސިއްޔަތު ލިބިފައިވާ ގާނޫނީ އެއްވެސް ޝަހުސެކެވެ.

އެ ގާނޫނުގައިވާ ގޮތުން ގާނޫނީ ޒިންމާއެއް އަދާ ނުކުރުމާއި އިންސާނީ ހައްގަކާއި ހިލާފުވި ކަމުގެ މައުލޫމާތު ހިމާޔަތާ އެކު ހާމަ ކުރެވޭނެއެވެ. އޭގެ އިތުރުން ކޮރަޕްޝަނާއި، ތިމާވެއްޓަށް ނުރައްކާވާ ކަންކަން ކުރުމާއި، ދައުލަތުގެ މަގާމުގެ ނުފޫޒެއް ނާޖާޒު ގޮތުގައި ބޭނުން ކުރާނަމަ އެކަމުގެ މައުލޫމާތު ހާމަ ކުރުމަކީވެސް ވިސްލްބްލޯކުރުމަށް ބިލުގައި ވަނީ ބުނެފައެވެ.

އެފަދަ މައުލޫމާތު އެނގޭ ފަރާތްތަކުން އެ މައުލޫމާތު ހާމަކުރެވޭނެ ގޮތްތަކެއްވެސް ވަނީ ބިލުގައި ލިޔެފައެވެ. އެގޮތުން ސިޓީ، ފެކްސް، މެސެޖް، ފޯންކޯލް، ފަދަ ޒަރީއާތަކުން މައުލޫމާތު ހާމަ ކުރެވޭނެ ކަމަށް ގާނޫނުގައި ބުނެފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *