އިންޑިއާގައި މުސްލިމުންނަށް ކުރާ އަނިޔާއާ ގުޅިގެން ހުށަހެޅި ކުއްލި މައްސަލަވެސް އެޖެންޑާ ނުކުރި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު/ ފޮޓޯ: މަޖިލިސް އިދާރާ

އިންޑިއާގައި މުސްލިމުންނާ ދެކޮޅަށް ހިންގާ ހަމަނުޖެހުންތައް ކުށްވެރިކޮށް ދިވެހި ސަރުކާރުން އެއްވެސް އެއްޗެއް ބުނެފައި ނުވާތީ އެކަން ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް ގެނައުމަށް ހުށަހެޅި ކުއްލި މައްސަލަވެސް އެޖެންޑާ ނުކުރުމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ނިންމަވައިފި އެވެ.

އެ ކުއްލި މައްސަލަ މިއަދުގެ މަޖިލީހަށް ހުށަހެޅުއްވީ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ އެވެ. އެކަމާއި ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ، މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ކުއްލި މައްސަލައެއް ހުށަހެޅިފައިވީ ނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ބަލާ ކުއްލި މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ނުބެލެވޭ ކަމަށެވެ.

މެންބަރު ނަޝީދު ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވިދާޅުވެފައިވަނީ، ރާއްޖެއިން މިޔަންމާގައި އަނިޔާލިބެމުންދާ ރޮހިންގާ މުސްލިމުންގެ ދިފާއުގައި އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސްގައި ހިނގަމުންދާ މައްސަލައަށް ތަދައްހުލުވާން ނިންމާފައިވާއިރު، އެއަށްވުރެ މާ ކައިރީގައި އަނިޔާ ލިބެމުންދާ އިންޑިއާގެ މުސްލިމް އަހުންނާއި އުހުތުން އެހީއަށް އެދި ގޮވަމުން ދާއަޑަށް ސަރުކާރުން ބީރު ކަންފަތެއް ދީފައިވާ ކަމަށެވެ.

މީގެ އިތުރުން މެންބަރު ނަޝީދުވަނީ އިންޑިއާގެ އަނިޔާވެރި އަމަލުތަކާމެދު ރާއްޖެއިން ދެކޮޅުކަން ހާމަކުރުމުގެ ގޮތުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ދިވެހި ދައުލަތުން އަރުވާފައިވާ ނިޝާން އިއްޒުއްދީންގެ ލަގަބު އަތުލުމަށް ވެސް ގޮވާލައްވާފައެވެ.

ހަމައެއާއެކު މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހިންގަމުންގެންދާ ލާއިންސާނީ އަމަލުތައް ދިފާއުކޮށް، މޯދީ ނިސްބަތްވާ ބީޖޭޕީގެ ދިފާއުގައި ވެސް އެކި ފަހަރު މަތިން ވާހަކަ ދައްކަމުން ގެންދަވާ ކަމަށާއި އެހެންކަމުން އެކަން ވެސް މަޖިލީހުގެ ސަމާލުކަމަށް ގެންނަން ބޭނުންވާކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

މި މައްސަލަ މިއަދުގެ ޖަލްސާގައި އެޖެންޑާ ކޮށްފައި ނުވާއިރު، އިއްޔެ ރައްޔިތުންގެ މަޖިލީހުގައި މެންބަރު އަހްމަދު ނަޝީދު ހުށަހެޅުއްވި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ލާދީނީ ފިކުރު ފަތުރަން ބަޔަކު ވޯކްޝޮޕްތަކެއް ބޭއްވި މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ވެއްދި ކުއްލި މައްސަލަވެސް އެޖެންޑާ ނުކުރަން ރައީސް ނަޝީދުވަނީ ނިންމަވާފައެވެ.

އިއްޔެގެ ޖަލްސާގައި މެންބަރު މުހައްމަދު ނަޝީދު އެ ކުއްލި މައްސަލަ މަޖިލީހަށް ހުށަހަޅަން ފުރުސަތު ދިނުމުގެ ކުރިން އެމްޑީޕީގެ މެންބަރުންތައް ނިޒާމީ ނުކުތާ ނަންގަވަން ފެއްޓެވިއެވެ.

މެންބަރުންތައް ނިޒާމީ ނުކުތާ ނަންގަވަން ފެއްޓެވުވުމުން، ރައީސް ނަޝީދު ވިދާޅުވީ، މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅުމުން އެކަމަށް އެއްވެސް މެންބަރަކު އިއުތިރާޒު ކުރުމުން މަޖިލީހުގެ ކައުންސިލާ ޖެނެރަލްގެ ގާނޫނީ ލަފައެއް އެކަމަށް ހޯއްދަވަން ޖެހޭ ކަމަށެވެ.

އަދި އެމަނިކުފާނަށް ލަފާ ދެއްވީ އެ މައްސަލަ އެޖެންޑާ ކުރެވެން ނެތް ކަމަށާއި، އެއީ ކުއްލި މައްސަލައެއް ގޮތުގައި ބެލެން އޮތް މައްސަލައެއް ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެހެންކަމުން އެ މައްސަލަވެސްވަނީ މަޖިލީހުގެ ތަޅުމުގައި އެޖެންޑާ ނުކުރަން ނިންމަވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *