ދީބާޖާ މައްސަލަ ރިވިއު ކުރުމުގެ ހުއްދަ ސުޕްރީމް ކޯޓުން ދީފި

ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއެކު ހެދި އެއްބަސްވުން އުވާލުމުން ގެއްލުމުގެ ބަދަލުގެ ގޮތުގައި ދޭން، ދައުލަތުގެ މައްޗަށް ހުކުމް ކޮށްފައިވާ ފައިސާގެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި ރިވިއު ކުރުމުން އެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފިއެވެ.

ދީބާޖާއަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އުތުރު ޕްރޮވިންސްގެ ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް ހަވާލުކުރި ކުންފުންޏެކެވެ. ދީބާޖާ އަށް ބަދަލު ދޭން ސިވިލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން 2018 ވަނަ އަހަރު ބާތިލްކުރިއެވެ. އެކަމަކު ހައި ކޯޓުން އެ މައްސަލަ ބަލައިގަނެފައި އޮތީ އިސްތިއުނާފް މުއްދަތު ހަމަވިފަހުން ކަމަށް ވާތީ ސުޕްރީމް ކޯޓުން ވަނީ ހައި ކޯޓުގެ ހުކުމް ބާތިލްކޮށް، ސިވިލް ކޯޓުގެ ހުކުމް ދަމަހައްޓައިފައެވެ.

އަދި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމުންވެސް އެކޯޓުންވެސް ނިންމީ ސިވިލް ކޯޓުގެ ހުކުމް ރަނގަޅު ކަމަށާއި އެހެންކަމުން އެ ކުންފުންޏަށް 348 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ދިނުމަށެވެ.

އެ ކުންފުންޏަށް ބަދަލުގެ ގޮތުގައި ދޭން ޖެހޭ ފައިސާ، 348.10 މިލިއަން ރުފިޔާގެ ތެރެއިން ތިން ބައިކުޅަ އެއްބައަށްވާ، 116 މިލިއަން ރުފިޔާ ދެއްކުމަށް ދައުލަތުގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ ކުރީ ކޮޅުއެވެ. ނަމަވެސް ދައުލަތާ، ދީބާޖާ އާ ދައުލަތާ އެކު ކުރެވުނު ސެޓްލްމެންޓް މަޝްވަރާތަކަށްފަހު އެ ކުންފުނިން އެދުނީ 174 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ހޯދުމަށެވެ. އެހެންކަމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވާފައި ވަނީ އެކުންފުންޏަށް ބަދަލުގެ ގޮތުގައި 174 މިލިއަން ރުފިޔާ ދިނުމަށެވެ.

ބަންޑާރަ ނާއިބުގެ އޮފީހުން މީގެކުރިން ބުނީ މި މައްސަލާގައި އާއްމުންގެ ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެފައިވާ ކަމަށެވެ. އެހެންކަމުން އެ މައްސަލަ ސުޕްރީމް ކޯޓަށް ރިވިއު ކުރުމަށް ދައުލަތުން ނިންމާފައިވާ ކަމަށެވެ. މައްސަލަ ރިވިއު ކުރުމުން ސުޕްރީމް ކޯޓުން ވަނީ އެ މައްސަލައަކީ އެ ކޯޓުގެ ގަވާއިދުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ހުށަހަޅާފައިވާ މައްސަލައެއް ކަމަށްވާތީ އެ މައްސަލަ ރިވިއު ކުރުމުގެ ހުއްދަ ދީ އެ މައްސަލަ ބަލައިގަތުމަށް ނިންމާފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.