ޖާބިރު ބޮޑު މޮހޮރާއާ ހަވާލުވުމަށް ވަޑައިގަތީ ޖެޓްްސްކީގައި!

ބޮޑުމޮހޮރާއާ ރަސްމީކޮށް ހަވާލުވެވަޑައިގަތުމަށް ޖާބިރު ޖެޓްސްކީގައި ފުރާވަޑައިގަންނަވަނީ: ފޮޓޯ / ވަގުތު

ބޮޑު މޮހޮރާއަކީ ޖާބިރުގެ ޑްރީމް އައިލެންޑެވެ. އެރަށަށް އެތައް ބިލިއަން ޑޮލަރެއްގެ މަޝްރޫއުތައް ގެންނާނެ ކަމަށް ޖާބިރު ވަނީ މީގެކުރިން ވިދާޅުވެފައެވެ. ނަމަވެސް ކަން ދިމާވި ގޮތުން ވޭތުވެދިޔަ ދުވަސްތަކުގައި އެ ރަށުގައި ބިލިއަން ޑޮލަރުގެ މަޝްރޫއުތައް ހިންގޭނެ ވަރެއް ޖާބިރަކަށް ނުވިއެވެ. އެކަމަކު މިއަދު އޭގެ ހަތް އަހަރު ފަހުން ޖާބިރަށް މިވަނީ އެ ރަށް ލިބިވަޑައިގެންފައެވެ. ޖާބިރު މިއަދު ވަނީ ރަސްމީކޮށް އެރަށާއި ހަވާލުވެވަޑައިގަތުމަށް ފުރާވަޑައިގެންފައެވެ.

ޖާބިރު އެޕާޓީއެއްގައި ލީޑަރުކަން ކުރާ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ)އިން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ވިދާޅުވީ ޖާބިރު މިއަދު ރަސްމީކޮށް ބޮޑު މޮހޮރާއާ ހަވާލުވުމަށް ވަޑައިގެންފައިވާ ކަމަށެވެ. އަބަދުވެސް ތަފާތު ގޮތްތަކަށް ހެދުން އެޅުއްވުމާއި މަޖިލީހުގައި ވާހަކަދައްކަވާއިރުވެސް އެހެން މެންބަރުންނާއި ތަފާތު ކަމެއް ގެންގުޅުއްވާ ޖާބިރު ބޮޑު މޮހޮރާއާ ހަވާލުވެވަޑައިގަތުމަށް ފުރާވަޑައިގެންނެވީ ވެސް ތަފާތު ގޮތަކަށެވެ.

އެއް ނަންބަރު ޖެޓީން ޖާބިރު ފުރާވަޑައިގަތީ ޖެޓްސްކީއެއްގައެވެ. ޖެޓްސްކީ ދުއްވަން އިންނެވީ ވެސް ޖާބިރެވެ. ވ. ބޮޑުމޮހޮރާގައި ރިސޯޓެއް ތަރައްގީ ކުރުމަށް ޖާބިރުގެ ބޮޑުމޮހޮރާ ޑިވެލޮޕްމަންޓް ޕްރައިވެޓް ލިމިޓެޑަށް ހަވާލުކުރީ މިދިޔަ މަހުގެ 27ވަނަ ދުވަހުއެވެ.

ބޮޑުމޮހޮރާ އަކީ ރިސޯޓެއް ތަރައްގީ ކުރަން ޖާބިރު އަށް 2012 ވަނަ ދީފައިވާ ރަށެވެ. އޭރު އެރަށް ދީފައިވަނީ ޖާބިރު އާއި އަނބިކަނބަލުންގެ ހިއްސާ އޮންނަ މެރިން ޓެކްނޮލަޖީ މޯލްޑިވްސް އަށެވެ. ޖާބިރު އަތުން އެ ރަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ނެގިއެވެ. ނަމަވެސް ކޯޓުން ހުކުމް ކުރީ އެރަށް ހަވާލު ކުރުމަށެވެ. ނަމަވެސް މިއަދާއި ހަމައަށްވެސް އެ ރަށް ޖާބިރަކަށް ހަވާލެއް ނުކުރެއެވެ.

ޖާބިރު އަށް މި ރަށް ދޭން 2015 ވަނަ އަހަރު ކުރި ހުކުމާ ގުޅިގެން އޭނާ ވިދާޅުވެފައިވާ ގޮތުގައި ބޮޑުމޮހޮރާ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަން ބޭނުންފުޅު ވަނީ އޭރުގެ ސަރުކާރުން ކުރިއަށް ގެންދިޔަ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ތެރެއިންނެވެ.

ޖާބިރު ވިދާޅުވީ މަޝްރޫއު ކުރިޔަށް ގެންދާނީ ތިން ފޭސް އަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފޭސް ހަމަސް ދުވަހުގެ ތެރޭގައި ނިންމާލާނެ ކަމަށް ޖާބިރު ވިދާޅުވިއެވެ. ފުރަތަމަ ފޭސްގައި 100 އެނދުގެ ރިސޯޓެއް ހިމެނޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

 

Leave a Reply

Your email address will not be published.