ޕްރޮކިޔުމަންޓް ޕޮލިސީ ބޯޑަށް މެންބަރުން އައްޔަންކުރައްވައިފި

ފިނޭންސް މިނިސްޓްރީ ހިންގާ އިމާރާތުގެ ބޭރު --

ޕްރޮކިއުމަންޓް ނިޒާމް ހަރުދަނާކޮށް ޕްރޮކިއުމަންޓާ ގުޅޭ ސިޔާސަތުތައް އެކުލަވާލައި، ތަންފީޒު ކުރުމަށްޓަކައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ޕްރޮކިއުމަންޓް ޕޮލިސީ ބޯޑު އުފައްދަވާ މެންބަރުން އައްޔަން ކުރައްވައިފިއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ޕްރޮކިއުމަންޓް ޕޮލިސީ ބޯޑުގެ ނަމުގައި ބޯޑެއް އުފައްދަވާފައިވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހުއެވެ.

މި ބޯޑުގެ މެންބަރުންގެ ގޮތުގައި އައްޔަން ކުރައްވާފައިވަނީ، ޕްރޮކިއުމަންޓް ޕޮލިސީ ބޯޑު ބޯޑުގެ ޗެއާޕާސަން އަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ. އަދި ބޯޑު މެންބަރުންގެ ގޮތުގައި ހަމަޖައްސަވާފައިވަނީ، އަހްމަދު ޝަރީފް، އަޖުވަދު މުސްތަފާ، އިބްރާހީމް ނައީމް، ޑރ. މުހައްމަދު އާދިލް، ޝިފާޒް އަލީ އަދި ޝުހާދް އިބްރާހީމެވެ.

ދައުލަތުގެ ޕްރޮކިއުމަންޓާބެހޭ ސިޔާސަތުތައް އެކުލަވާލުމާއި، ޕްރޮކިއުމަންޓްގެ ކަންތައްތައް ހިންގާނެ ގަވާއިދުތަކާއި، އުސޫލުތަކާއި، ގައިޑްލައިންތަކާއި، މިންގަނޑުތައް ކަނޑައެޅުމާއި، އެ މިންގަނޑުތަކާ އެއްގޮތަށް ދައުލަތުގެ އޮފީސްތަކުގެ ޕްރޮކިއުމަންޓްގެ ކަންތައްތައް ހިނގާތޯ ބެލުމަކީ ފިނޭންސް މިނިސްޓްރީގެ ޒިންމާ އެކެވެ.

މީގެ އިތުރުން ދައުލަތުގެ ޕްރޮކިއުމަންޓާ ބެހޭ ކަންތައްތައް ހަރުދަނާކުރުމާ ބެހޭ ގޮތުން ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ލަފައާއި މަޝްވަރާ ދިނުމަކީ ވެސް އެ މިނިސޓްރީގެ މެންޑޭޓުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
ފިނޭންސް މިނިސްޓްރީގެ މީދިއާ އޮފިޝަލް ސަން އަށް ވިދާޅުވީ އެ ބޯޑުގެ މެމްބަރުންނަށް އެލަވަންސެއް ނޫނީ ސިޓިން އެލަވަންސެއް ވެސް އަދި ދިނުމަށް ހަމަޖެހިފައި ނުވާ ކަމަށެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published.