މިނިމަމް ވޭޖް ބޯޑު ކޮމިޓީއަށް ހާޒިރުކުރަނީ

މިއަދު ކުރިޔަށްދިޔަ އިގްތިސޯދީ ކޮމެޓީގެ ބައްދަލުވުމުގެ ތެރެއިން: ފޮޓޯ / މަޖިލިސް

މިނިމަމް ވޭޖް ކަނޑައެޅުމާ ގުޅޭ ގޮތުުން އިކޮނޮމިކް މިނިސްޓްރީގައި އެކުލަވާފައިވާ ވޭޖް އެޑްވައިޒަރީ ބޯޑުން އެކުލަވާލި ރިޕޯޓާ ގުޅިގެން އެ ބޯޑު މަޖިލީހުގެ އިގްތިސޯދީ ކޮމިޓީއަށް ހާޒިރު ކުރުމަށް ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

މިނިމަމް ވޭޖް ރިޕޯޓް ދިރާސާ ކުރުމުގެ މަސައްކަތް މަޖިލީހުގެ އިގްތިސާދީ ކޮމިޓީން ކުރަމުންދާއިރު މި މަހުގެ 11 ވަނަ ދުވަހުގެ ކުރިން ގޮތެއް ނިންމަން އެ ކޮމިޓީން ވަނީ އިއްޔެ ފާސްކޮށްފަ އެވެ.

އިގްތިސާދީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ދުވާފަރު ދާއިރާގެ މެންބަރު އިސްމާއީލް އަހްމަދު ވިދާޅުވީ ރިޕޯޓާ ގުޅޭ ގޮތުން މެންބަރުންގެ ތެރޭގައި އުފެދޭ ސުވާލުތައް ސާފު ކުރުމުގެ ގޮތުން ރިޕޯޓް އެކުލަވާލި ބޯޑާ ބައްދަލު ކުރުމަށެވެ. އިތުރު ބަޔަކާ އެކު ބައްދަލުކުރަން ޖެހޭނަމަ ގޮތެއް ނިންމާނީ އެ ބައްދަލުވުމަށް ފަހު ކަމަށް ވެސް އޭނާ ހުށަހެޅުއްވި އެވެ.

ކޮމިޓީގެ މެންބަރުންގެ އައުލަބިއްޔަތުން ފާސްކުރީ ދުވާފަރު ދާއިރާގެ މެންބަރު އިސްމާއީލްގެ ހުށަހެޅުއްވުމެވެ. އެ ގޮތުން މާދަމާ ރޭ މަޖިލީހުގައި ބާއްވާ އާންމުންގެ ހިޔާލު ހޯދުމުގެ ބައްދަލުވުމުގެ ކުރިން ބޯޑު މެންބަރުންނާ ބައްދަލު ކުރަން ކޮމިޓީގެ މެންބަރުން ބޭނުންވެ އެވެ.

ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލް މުޣުނީ ވާހަކަ ދައްކަވަމުން ވިދާޅުވީ ކޮމިޓީން ރިޕޯޓް ދިރާސާ ކުރާއިރު ސިނާއަތްތައް ތަމްސީލު ކުރާ ޖަމިއްޔާތަކާއި ހުރިހާ ސްޓޭކް ހޯލްޑަރުންނާ ބައްދަލު ކުރުން މުހިއްމު ކަމަށެވެ. އެހެންކަމުން ހުރިހާ ސްޓޭކް ހޯލްޑަރުންނާ ބައްދަލު ކުރުމަށް އޭނާ ހުށަހެޅުއްވި އެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ނައިފަރު ދާއިރާގެ ޕީޕީއެމްގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވީ، އެމްޑީޕީގެ މެނިފެސްޓޯގައި މިނިމަމް ވޭޖެއްގެ ގޮތުގައި 10،000 ރުފިޔާ ކަނޑައަޅަން އެބަ އޮތް ކަަމަށާއި ކޮމިޓީން އެ އަދަދު ފާސް ކުރަން ހުށަހަޅުއްވާ ކަމަށެވެ. ޝިޔާމްގެ ހުށަހެޅުއްވުމަށް މިއަދުގެ ބައްދަލުވުމުގައި ވޯޓަކަށް ނާހަ އެވެ. ކޮމިޓީގެ މުގައްރިރު ރ. އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ބިގޭ) ވިދާޅުވީ ކޮމިޓީން ރިޕޯޓް ދިރާސާ ކުރުމަށްޓަކައި އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަން ކޮމިޓީގެ ގިނަ މެންބަރުންނަށް ފެނިވަޑައިގަންނަވާތީ ސީދާ އަދަދެއް ކަނޑައަޅައި ފާސްކުރަން ވޯޓަށް އެހެން ނެތް ކަމަށެވެ.

ޝިޔާމް އެހެން ވިދާޅުވިޔަސް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީން ހުށަހެޅި “އެޖެންޑާ 19” މެނިފެސްޓޯގައި ބުނެފައި ވަނީ އެކިއެކި ސިނާއަތްތަކަށް ވަކި މިނިމަމް ވޭޖްއެއް ކަނޑައަޅަން ޖެހޭ ކަމަށެވެ. އެ ގޮތަށް މަހަކު 10،000 ރުފިޔާގެ މުސާރައެއްގެ ވާހަކަ އޮތީ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އެކަންޏެވެ.

މީގެ އިތުރުން އެމްޑީޕީގެ ބައެއް މެންބަރުން ވަނީ ކޮމިޓީން ރިޕޯޓް ދިރާސާ ކުރަމުންދާއިރު އަދި އޮތީ އެ ކަމާ ގުޅޭ މައުލޫމާތު އެއް ކުރުމުގެ މަރުހަލާއެއްގައި ކަމަށް ވުމުން މި ވަގުތުން ވަގުތަށް މިނިމަމް ވޭޖްގެ އަދަދެއް ކަނޑައެޅުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ވިދާޅުވެފަ އެވެ.

ހިޔާލު ދެއްވާ!

Your email address will not be published.