ފުލުހުންގެ ވަޒީފާއަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފި

ފުލުހުންގެ ދިދަ --

ފުލުހުންގެ ”ސްޕެޝިއަލް ކޮންސްޓެބުލަރީ ކޮންސްޓަބަލް” ވަޒީފާއަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ފުލުހުންގެ އިދާރާއިން ކުރި އިއުލާނެއްގައި ބުނެފައިވަނީ، ސްޕެޝިއަލް ކޮންސްޓެބުލަރީ ކޮންސްޓަބަލްގެ ވަޒީފާއަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު މިމަހުގެ ދެވަނަ ދުވަހުން ފެށިގެން އާންމުކޮށް ހުޅުވާލާފައިވާ ކަމަށެވެ.

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތަކަކީ ގްރޭޑް 10 ނިންމާފައިވާ ފަރާތަކަށް ވާންޖެހޭކަމަށާއި، ހަމައެއާއެކު އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ މީހަކަށްވުމާއި، ފިރިހެނެއްނަމަ އިސްކޮޅު ފަސް ފޫޓު ތިން އިންޗި އަދި އަންހެނެއްނަމަ އިސްކޮޅު ފަސް ފޫޓަށްވުރެ ކުރުނުވުމާއި ވަޒީފާއަށް ކުރިމަތިލާ ފަރާތަކީ އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން، ނުވަތަ ވައްކަން، ޓެކުން، މަކަރާއި ޙީލަތް، މަސްތުވާތަކެތި ބޭނުންކުރުން، ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުން، އަދި ހިޔާނާތް ފަދަ ކުށެއް ކުރިކަން ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން ހިމެނެއެވެ.

މީގެ އިތުރުން ވަޒީފާއަށް ކުރިމަތިލާ ފަރާތަކީ ވޭތުވެދިޔަ ފަސް އަހަރުދުވަހުގެ ތެރޭގައި، މަނާކުރެވިފައިވާ މަސްތުވާ އެއްޗަކުން އެކަހެރިވުމަށް ފަރުވާހޯދާފައިވާ ފަރާތަކަށް ނުވުމާއި  ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ އެއްވެސް ސިޔާސީ ޕާޓީއެއްގެ ރަޖިސްޓަރީގައިވާ މީހަކު ކަމުގައިވާ މީހެއްނަމަ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާ ހަމަޖެހުމުން އެ ޕާޓީއެއްގެ ރަޖިސްޓްރީ އިން އުނިވާން ޖެހޭނެ ކަމަށް ފުލުހުން ބުނެއެވެ. އަދި ސްޕެޝިއަލް ކޮންސްޓެބުލަރީ ފުލުހުންގެ ތަމްރީން ފުރިހަމަކުރެވޭ ފަދަ ދުޅަހެޔޮ ސިއްހަތެއްގައި ހުރި މީހެއްކަމުގައިވެސް ވާންޖެހޭނެ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުންގެ ވަޒީފާއަށް މީހުން ހޮވުމުގައި  ބެލެވޭނެ ކަންކަމުގެ ތެރޭގައި މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ހަށިހެޔޮކަން ދެނެގަތުމަށްދެވޭ ފިޒިކަލް ފިޓްނަސް އާއި ފެތުމުގެ ޓެސްޓުން ފާސްވުމުގެ އިތުރުން މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ދެވޭ މެޑިކަލް އެގްޒަމިނޭޝަނާއި ކުރެވޭ އިންޓަވިއުއާއި ބެކްގްރައުންޑް އެސެސްމަންޓުން ފާސްވާންޖެހެއެވެ.

ފުލުހުން ވަޒީފާއަށް ޝައުގުވެރިވާ ފަރާތްތަކުން ފުލުހުންގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި ތައުލީމީ ސަނަދު ނުވަތަ ސެޓްފިކެޓް ތަކުގެ އެކްރެޑިޓްކޮށްފައިވާ ކޮޕީ އާއި ލިބިފައިވާ ހުނަރުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ ހުށަހަޅަން ޖެހެއެވެ.

ހަމައެއާއެކު ނެގިފަހުން ތިން މަސް ދުވަސްވެފައިނުވާ، އެ މީހެއްގެ އިސްކޮޅު ފެންނަ ފޮޓޯއަކާއި ޕާސްޕޯޓް ސައިޒުގެ ދެ ފޮޓޯ އާއި އިންޖީނުލީ އުޅަނދު ދުއްވުމުގެ ލައިސަންސް ލިބިފައިވާ މީހެއްނަމަ ލައިސަންސްގެ ކޮޕީ އާއި އަދި ކުރިން ވަޒީފާ އަދާކޮށްފައިވާ މީހެއް ނަމަ  އެވަޒީފާ އަދާކުރި ތަންތަނުގައި ވަޒީފާ އަދާކުރިކަމުގެ ލިޔުން ހުށަހަޅަން ޖެހެއެވެ.

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުން ފޯމު ހުށަހަޅާނީ 2020 މެއި 31 ވަނަ ދުވަހުގެ 16:00 ގެ ކުރިން ޝަހީދު ޙުސައިން އާދަމް ބިލްޑިންގގެ ރިޝެޕްޝަނަށް ކަމަށް ފުލުހުން ބުނެއެވެ. މި ވަޒީފާއަށް އެދި ފޯމު ހުށަހަޅާނީ ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި ވަޒީފާއަށް އެދޭ ފަރާތުގެ ކުށުގެ ރެކޯޑު ބަލާ ފޯމު ފުރިހަމަ ކުރުމަށްފަހު ހުށަހަޅަންޖެހޭ ލިޔުންތަކާއެކުގައެވެ. ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 14:00ން 16:00 އާއި ދެމެދުކަމަށް ފުލުހުން ބުނެއެވެ.

ފުލުހުންގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމް ޝަހީދު ޙުސައިން އާދަމް ބިލްޑިންގގެ ރިސެޕްޝަނުންނާއި ފުލުހުންގެ ވެބްސައިޓް www.police.gov.mv އިން ޑައުންލޯޑު ކުރެވޭނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *