މަލް ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުންކުރި އަމުރު ހައިކޯޓުން ބާތިލުކޮށްފި

ފިލްމީ ތަރި މަލް -

މަސްތުވާތަކެތީގެ މައްސަލައެއްގައި ފިލްމީ ތަރި މަލީހާ ވަހީދު (މަލް) ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުންކުރި އަމުރު ހައިކޯޓުން ބާތިލުކޮށްފިއެވެ.

މަލް ހައްޔަރުކޮށް ބަންދުގައި ބަހައްޓަން ދައުލަތުން އެދުނީ އޭނާގެ މައްޗަށް ޖިނާއީ ބޮޑު ކުށެއް ތުހުމަތު ކުރެވޭތީ އޭނާ ބަންދުން ދޫވެފައި ހުރުމުން މުޖުތަމައުއަށް ނުރައްކަލެއް ކުރިމަތިވެދާނެތީއެވެ. މިިދިޔަ އަހަރުގެ ސެޕްޓެމްބަރު 26 ވަނަ ދުވަހު މަލް ބަންދު ނުކޮށް، ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމިއެވެ. އޭނާއާ އެކުގައި އިތުރު އަންހެނަކު ވެސް ފުލުހުން ހައްޔަރުކުރިއިރު އެ މީހާވެސް ބަންދުން ދޫކޮށްލުމަށް ކޯޓުން އަމުރުކުރިއެވެ.

ދައުލަތުން މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. ހައިކޯޓުން މަލް ބަންދު ނުކުރަން ކްރިމިނަލް ކޯޓުން ކުރި އަމުރު ބާތިލު ކުރީ މަލްގެ މައްޗަށް ޖިނާއީ ބޮޑު ކުށެއްގެ ތުހުމަތު ކުރެވޭތީއާ އޭނާއާ ދެކޮޅަށް ގިނަ އަދަދެއްގެ ހެކި ހުރުމުންނެވެ. ބަންދުގައި ބެހެއްޓުމަށް ދައުލަތުން އަލުން ކުރިމިނަލް ކޯޓަށް ހުށަހަޅައިފިނަމަ، ހައިކޯޓުން ކަނޑައެޅި ކަންކަމަށް ރިއާޔަތްކޮށް ބަންދާ މެދު ގޮތެއް ނިންމަން ޖެހޭނެ ކަމަށް ހައިކޯޓުން ކަނޑައެޅިއެވެ.

ހުކުމުގައިވާ ގޮތުގައި، މަލްގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ކުށުގެ މައްސަލައަކީ ކްރިމިނަލްކޯޓަށް މިހާރު ހުށަހެޅި ޝަރީއަތުގައި އޮތް މައްސަލައެއް ކަމަށާއި، އެ މައްސަލައިގައި އޭނާގެ ބަންދާމެދު ގޮތެއް ނިންމަންޖެހޭނީ އެމައްސަލަ ބަލާ ކޯޓުން، އެމައްސަލަ ބަލާ ފަނޑިޔާރުކަމަށް ބުނެފައި ވެއެވެ.

މަލްގެ މައްޗަށް ކޮށްފައި ވަނީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އެވެ. އެ މައްސަލަ މިހާރުވެސް ކުރިމިނަލް ކޯޓުގައި ކުރިއަށް އެބަދެ އެވެ.

Leave a Reply

Your email address will not be published. Required fields are marked *