ރައީސް ޔާމީނާއި ދެކޮޅަށް ހެކިބަސް ދިނީ ރާވައިގެން ކަމަށް ވަކީލުން ތުހުމަތުކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަޕޯޓަރުންނަށް ހަނާ އަޅުއްވަނީ: ފޮޓޯ / ހަތާވީސް

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ހިންގިއިރު ދައުލަތުން ހާޒިރުކުރި ހެކިން ހެކިބަސް ދީފައިވަނީ ރާވައިގެން ކަމަށް ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފިއެވެ.

ރައީސް ޔާމީންގެ ފަރާތުން މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ރައީސް ޔާމީންގެ ފަރާތުން ވަނީ 75 ނުކުތާއެއް ފާހަގަކޮށްފައެވެ. ނަމަވެސް އެ ދުވަހު ވަނީ 10 ނުކުތާއެއް އިއްވާފައެވެ. މިއަދު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި 11ވަނަ ނުކުތާއިން ފެށިގެން 75 ނުކުތާއާ ހަމަށް ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން ވަނީ ޝަރީއަތުގައި އެ ނުކުތާތައް ހިއްސާ ކޮށްފައެވެ.

ރައީސް ޔާމީންގެ ފަރާތުން ފާހަގަކުރެއްވީ އެމަނިކުފާނާއި ދެކޮޅަށް ހެކިބަސް ދެއްވި ބޭފުޅުން ހެކިބަސް ދެއްވީ ރާވައިގެން ކަމަށެވެ. މިއަދުގެ ޝަރީއަތުގައި ވަކީލުން ފާހަގަކުރެއްވި ހެކިބަސްތަކަކަކީ ރައީސް ޔާމީނާއި ދެކޮޅަށް ހެކިބަސް ދެއްވި ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތާއި އަދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ކުރީގެ ރައީސް މުއައްވިޒު ރަޝީދެވެ.

އެގޮތުން އެންމެ ބޮޑަށް ފާހަގަކުރި ނުކުތާއަކީ އެ ހެކިން އެއް ދުވަހާ ހާޒިރުކޮށް އެއް ހެކިވެރިޔަކު ދައްކާ ވާހަކަ އަނެއް ހެކިވެރިއަކަށް ނޭނގޭނެ ގޮތުގެ އިންތިޒާމް ހަމަޖެއްސުމަށް ކޯޓުގައި އެދުމުން އެކަން ކޮށްދީފައި ނުވާކަން ކަމަށެވެ. އެކަން ނުކުރެވުނު ތަނުގައި ޓީވީން ޝަރީއަތްތައް ލައިވްކޮށް ދެއްކުމާއި އެއް ހެކިވެރިއަކު ދައްކާ ވާހަކައެއް އަނެއް ހެކިވެރިއަކަށް ފަސޭހައިން އެނގުމުގެ ފުރުސަތު ހެކިބަސް ދޭން ތިބި ފަރާތްތަކަށް ލިބިގެންދިޔަ ކަމަަށް ވަކީލުން ވިދާޅުވިއެވެ.

މިއަދުގެ ޝަރީއަތުގައިވެސް ރައީސް ޔާމީންގެ ގާނޫނީ ވަކީލުން ވަނީ އަދީބާއި ޒިޔަތަކީ ދެ ފާސިގުން ކަމަށް ވިދާޅުވެފައެވެ. އެ ދެބޭފުޅުންނަކީ ވެސް ކުށް ސާބިތުވެފައި ތިބި ދެ މީހުންކަން ފާހަގަކޮށް ރައީސް ޔާމީންގެ ވަކީލުން ވިދާޅުވީ ވޮޑުމުލާ ކުއްޔަށް ދޫކޮށްގެން ލިބުނު ފައިސާ ނުލިބިގެން ރައީސް ޔާމީން ގުޅުއްވި ކަމާއި އެ ފައިސާ ހަވާލު ކުރީ ރައީސް ޔާމީން އެންގެވި ފަރާތްތަކާ ކަމަށް ޒިޔަތު ވިދާޅުވެފައިވީ ނަމަވެސް އެއަށް ބާރުދޭ އެއްވެސް ހެއްކެއް ނެތް ކަމަށެވެ. ނަމަވެސް ޒިޔަތުގެ އެ ވާހަކައަށް ވަނީ ކުށް ސާބިތު ކުރުމުގައި ރިއާޔަތްކޮށްފައިކަން ރައީސް ޔާމީންގެ ވަކީލުން ފާހަގަކުރެއްވިއެވެ.

މިއަދުގެ އަޑުއެހުމުގައި ރައީސް ޔާމީންގެ ފަރާތްޕުޅުން ޝަރީއަތަށް ހުށަހަޅަންޖެހޭ ހުރިހާ ނުކުތާތަކެއް ހުށަހަޅާ ނިމުމުން އަޑުއެހުން ނިންމާލީ މާދަމާ ނޫން އަނެއް ދުވަހު ދައުލަތުން ޖަވާބުދާރީވުމަށް އިތުރު އަޑުއެހުމަށް ބާއްވާނެ ކަމަށް އިއުލާން ކޮށްފައެވެ. އެއަށްފަހު އެ ޖަވާބާމެދު ވާހަކަ ދެއްކުމަށް ރައީސް ޔާމީނަށް ފުރުސަތު ލިބޭނެއެވެ.

ރައީސް ޔާމީންގެ އިސްތިއުނާފުގެ ޝަރީއަތްތައް ކުރިޔަށްދާއިރު މިދިޔަ ބުރާސްފަތި ދުވަހު ރައީސް ޔާމީން ވަނީ އިތުރު ތަހުގީގުތަކަކަށް ފުލުހުންގެ އިދާރާއަށް ވެސް ހާޒިރުކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *