ސިފައިންގެ ވަޒީފާއަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފި

ސިފައިންގެ ބަޔަކު މަގުމަތީގައި: ފޮޓޯ / މިހާރު

ސިފައިންގެ ވަޒީފާއަށް ވަނުމުގެ ފުރުސަތު ޑިފެންސް މިނިސްޓްރީން އާންމުކޮށް ހުޅުވާލައިފިއެވެ.

ޑިފެންސް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ސިފައިންގެ ވަޒީފާއަށް ވަނުމަށް އެދި ހުށަހެޅުމުގެ ސުންގޑިއަކީ މި މަހުގެ 22 ވަނަ ދުވަސް ކަމަށެވެ.

ސިފައިންގެ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި، ހިމެނެނީ ދިވެހި ރައްޔިތެއް ކަމުގައިވުމާއި، ދަށްވެގެން ޖީސީއީ އޯ ލެވެލް ފެންވަރު ހުރުން ނުވަތަ އެ ފެންވަރުގެ ވޮކޭޝަނަލް ސެޓްފިކެޓެއް އޮތުމާއި، އުމުރުން 18 އަހަރު ފުރި، އަދި މި މަހުގެ 25 ވަނަ ދުވަހާ ހަމައަށް 25 އަހަރު ނުފުރޭ މީހަކު ކަމުގައިވުމާއި، ސިފައިންގެ ވަޒީފާ އަދާކުރެވޭފަދަ ސިއްހަތެއްގައި ހުރި މީހަކު ކަމުގައި ވުން ކަމަށް އިއުލާނުގައި ބުނެއެވެ.

އޭގެ އިތުރުން ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ކުށުގެ ރެކޯޑެއް އޮތް މީހަކު ކަމުގައި ނުވުމާއި، އިސްކޮޅު (ފިރިހެން: ފަސް ފޫޓް ފަސް އިންޗި އަދި އަންހެން: ފަސް ފޫޓް ތިން އިންޗި) ފުރިހަމަވުމާއި، އަދި އެއްވެސް ސިޔާސީ ޕާޓީއެއްގެ މެމްބަރެއްކަމުގައި ނުވުން ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.

ޝަރުތުތަކުގެ އިތުރުން، ކުރެވޭ އިންޓަވިއު ތަކަށާއި، އަދި ފުރަތަމަ އިންޓަރވިއުއިން ފާސްވާ މީހުންނަށް ދެވޭ ފިޒިކަލް (ޕުޝް އަޕްސް، ސިޓް އަޕްސް، ޕުލް އަޕްސް، ދުވުން، ސްވިމިންގ އަދި އެޕްޓިޓިއުޑް) ޓެސްޓުން އެމީހަކު ހޯދާ ނަތީޖާއަށް ބެލޭނެ ކަމަށް އިއުލާންގައި ބުނެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.