ކޮވިޑް-19 އިން ރައްކާތެރިވުމަށް ހާއްސަ ޑްރިލްއެއް

މީހަކު މާސްކު އަޅައިގެން: ފޮޓޯ / މިހާރު

ހަލުވިކަމާއި އެކުގައި ދުނިޔޭގެ އެކި ގައުމުތަކުގައި ކޮވިޑް-19 ފެތުރެމުން ދާތީ، ރާއްޖެއަށް ވެސް އެބަލި އައުމުގެ ފުރުސަތު ބޮޑުވެފައިވުމުން އެކަމަށް ތައްޔާރުވުމުގެ ގޮތުން އިތުރު ފިޔަވަޅުތަކެއް އަޅަން ސަރުކާރުން ފަށައިފިއެވެ.

ހެލްތް ޕްރޮޓެކްސްޝަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެވައިރަސް ރާއްޖެ އައުމުގެ ފުރުސަތު ބޮޑުވެފައި ވާތީ، ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރެއް ގާއިމްކޮށް ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައިވާ ކަމަށެވެ.

އެޗްޕީއޭއިން ބުނީ މާލޭގައި ޓްރެވަލް ކްލިނިކެއް ގާއިމްކޮށްފައިވާ ކަމަށާއި އެ ކްލިނިކްގެ ބޭނުމަކީ ރާއްޖޭން ބޭރަށް ދަތުރު ކޮށްފައި އަންނަ ފަރާތްތައް ކޮވިޑް-19 އަށް އިތުރަށް ސްކްރީން ކުރުން ކަމަށެވެ. މީގެއިތުރުން ފްލޫ ކްލިނިކެއް ގާއިމް ކުރަން ނިންމާފައިވާއިރު އެ ކުލިނިކް ގާއިމް ކުރަނީ ސެނަހިޔާ ހޮސްޕިޓަލުގައެވެ. އެ ކުލިނިކްގެ ބޭނުމަކީ މިހާރު ފެތުރެމުންދާ އެހެނިހެން ފްލޫތަކަށް ހާއްސަކުރުން ކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕީއޭއިން ބުނީ، ކޮވިޑް-19 އިން ރައްކާތެރިވުމަށް ހާއްސަކޮށްގެން ބާއްވާ އެމަޖެންސީ ޑްރިލެއް މިއަދު ކުރި އަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެޑްރިލްގެ ބޭނުމަކީ، ގޭބީސީއެއްގައި ކޮވިޑް -19 އަށް މީހަކު ޕޮޒިޓިވް ވެއްޖެ ހާލަތެއްގައި ކަމާބެހޭ ފަރާތަކުން ކަންކުރާނެ މިސްރާބު ހާމަކޮށްދިނުމާއެކު އެފަދަ ހާލަތެއްގައި އެންމެ އެކަށޭނަ ފިޔަވަޅުތައް އެޅުމަށްޓަކައި ވެވިފައިވާ ތައްޔާރީތައް ވަރުގަދަކުރުމުގެ ގޮތުން ބާއްވާ ޑްރިލް އެކެވެ.

ކޮވިޑްއާ ގުޅޭ ހާއްސަ ޑްރިލްއެއް ކުރިޔަށް ގެންދިއުމަށް ނިންމާފައިވާއިރު އިއްޔެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް ވަނީ ކޮވިޑް-19 އާ ގުޅިގެން ވީހާވެސް ބޮޑަށް ރައްޔިތުން ހޭލުންތެރި ކުރުވުމަށް އެދިވަޑައިގެންފައެވެ.

ކޮވިޑް-19 ވައިރަސްއިން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކުގެ އެންމެ ފަހުގެ މައުލޫމާތު އޮޅުން ފިލުވުމުގެ ގޮތުން ރައީސް އޮފީހުގައި އިއްޔެ މެންދުރުފަހު ކެބިނެޓުގެ ބައެއް ވަޒީރުންނާއި ކަމާބެހޭ އިދާރާތަކުގެ ވެރިންގެ އިތުރުން ސިއްހީ ދާއިރާގެ ތަޖުރިބާކާރުންނާއި އެކުގައި ބޭއްވި ބައްދަލުވުމުގައި ރައީސް ސޯލިހު ވަނީ ކޮވިޑް-19 ވައިރަސްއާއި ގުޅިގެން ރައްޔިތުންގެ މެދުގައި ހޭލުންތެރިކަން އިތުރު ކުރުމާއި، ވަކީން ހާއްސަކޮށް އެ ވައިރަސްގެ ނުރައްކަލުން ރައްކާތެރިވުމުގެ ގޮތުން ސަމާލުކަންދޭންވީ ކަންކަމުގެ މައުލޫމާތު ވީހާވެސް ފުޅާ ދާއިރާއެއްގެ ރައްޔިތުންނަށް ފޯރުކޮށްދެއްވުމަށް ކަމާބެހޭ ފަރާތްތަކަށް އިރުޝާދު ދެއްވާފައެވެ.

 

 

ހިޔާލު ދެއްވާ!

Your email address will not be published.