ކޮވިޑް-19 އާ ގުޅިގެން ވީހާވެސް ބޮޑަށް ރައްޔިތުން ހޭލުންތެރި ކުރުވުމަށް ރައީސް އެދިވަޑައިގެންފި

ކޮމިޑް-19 އާ ގުޅިގެން ސަރުކާރުން އެކުލަވާލާފައިވާ ޓާސްކް ފޯސްއާ ރައީސް ސޯލިހު ބައްދަލުކުރައްވަނީ: ފޮޓޯ / ރައީސް އޮފީސް

ދުނިޔޭގައި ހަލުވިކަމާއި އެކުގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް-19 އާ ގުޅިގެން ވީހާވެސް ބޮޑަށް ރައްޔިތުން ހޭލުންތެރި ކުރުވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އެދިވަޑައިގެންފިއެވެ.

ކޮވިޑް-19 ވައިރަސްއިން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކުގެ އެންމެ ފަހުގެ މައުލޫމާތު އޮޅުން ފިލުވުމުގެ ގޮތުން ރައީސް އޮފީހުގައި މިއަދު މެންދުރުފަހު ކެބިނެޓުގެ ބައެއް ވަޒީރުންނާއި ކަމާބެހޭ އިދާރާތަކުގެ ވެރިންގެ އިތުރުން ސިއްހީ ދާއިރާގެ ތަޖުރިބާކާރުންނާއި އެކުގައި ބޭއްވި ބައްދަލުވުމުގައި ރައީސް ސޯލިހު ވަނީ ކޮވިޑް-19 ވައިރަސްއާއި ގުޅިގެން ރައްޔިތުންގެ މެދުގައި ހޭލުންތެރިކަން އިތުރު ކުރުމާއި، ވަކީން ހާއްސަކޮށް އެ ވައިރަސްގެ ނުރައްކަލުން ރައްކާތެރިވުމުގެ ގޮތުން ސަމާލުކަންދޭންވީ ކަންކަމުގެ މައުލޫމާތު ވީހާވެސް ފުޅާ ދާއިރާއެއްގެ ރައްޔިތުންނަށް ފޯރުކޮށްދެއްވުމަށް ކަމާބެހޭ ފަރާތްތަކަށް އިރުޝާދު ދެއްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި، ކޮރޯނާ ވައިރަސްގެ ނުރައްކާތެރިކަން މިހާރު ދުނިޔެއަށް ފެތުރެމުންދާ މިންވަރާއި، މި ވައިރަސްއިން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކާއި، މި ވައިރަސްގެ އަސަރުކޮށްފައިވާ މީހަކު ރާއްޖެއިން ފެނިއްޖެ ހާލަތެއްގައި އަމަލުކުރުމަށް އެކުލަވާލާފައިވާ ޕްލޭންތަކާއި ތައްޔާރީތަކުގެ އެންމެފަހުގެ މައުލޫމާތުތައްވެސް ރައީސުލްޖުމްހޫރިއްޔާ އޮޅުންފިލުއްވިއެވެ.

ރާއްޖެއިން ވަނީ ކޮވިޑް-19 އާ ގުޅިގެން އެ ބަލިން ރައްކާތެރިވުމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ރާއްޖޭގެ އިގްތިސޯދުގެ މައިނާރު ކަމަށްވާ ފަތުރުވެރިކަމުގެ ސިނާއަތަށް އެންމެ ގިނައިން މީހުން އަންނަމުންދާ މާކެޓުތަކުން ރާއްޖެއަށް މީހުން ގެނައުން މެދުކަނޑާލާފައިވާއިރު ދާދިފަހުން ވަނީ ކްރޫޒްލައިނާތައް ވެސް ރާއްޖެ ގެނައުން މެދުކަނޑާލާފައެވެ.

ހަމައެއާކުގައި ދާދިފަހުން ރާއްޖެއަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އެހީތެރިކަމާއި އެކުގައި ވަނީ ކޮވިޑް-19 އަށް ޓެސްޓު ކުރާނެ 10 ޓެސްޓު ކިޓުވެސް ހަދިޔާކޮށްފައެވެ. އެ ޓެސްޓު ކިޓަކީ 1،000 މީހުންގެ ޓެސްޓު ހެދޭނެ ޓެސްޓު ކިޓުތަކެކެވެ. މިދިޔަ މަހުގެ 20ވަނަ ދުވަހު އެ ޓެސްޓު ކިޓު ބޭނުން ކޮށްގެން ކޮވިޑް-19 އަށް މީހަކު ރާއްޖެއިން ޓެސްޓު ކޮށްފައިވެއެވެ. އެމީހާގެ ނަތީޖާއަކީ ނެގެޓިވްއެވެ.

ސަރުކާރުން އަޅާފައިވާ އިތުރު ފިޔަވަޅުތަކުގެ ތެރޭގައި އެ ވައިރަހުގެ އަލާމަތެއް ފެނިއްޖެ މީހެއް ވިއަސް ނުވަތަ އެ ވައިރަސް ގަދަޔަަށް ފެތުރޭ ގައުމަކަށް ދަތުރު ކޮށްފައި އަންނަ މީހެއް ކަމަށްވިއަސް ބަލީގެ އެއްވެސް ނިޝާނެއް ނުފެނު ނަމަވެސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅާފައިވާ ގޮތަށް 14 ދުވަހުގެ މުއްދަތެއްގައި ކަރަންޓީނު ކޮށްފައި ބަހައްޓައެވެ. ކަރަންޓީނު ކުރުމަށްޓަކައި ހާއްސަ ފެސިލިޓީތަކެއް ސަރުކާރުން ވަނީ ގާއިމްކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *