މިނިމަމް ވޭޖާއި ގުޅޭ ގޮތުން އާއްމުންގެ ހިޔާލު ހޯދުމަށް ބައްދަލުވުމެއް ބާއްވަނީ

ރައްޔިތުން މަޖިލީހުގެ ޖަލްސާއެއް ކުރިޔަށް ދަނީ: ފޮޓޯ / މަޖިލިސް

އިކޮނޮމިކް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ލަފަޔަކަށް އެދި ހުށަހަޅާފައިވާ މިނިމަމް ވޭޖު ރިޕޯޓަށް އާއްމުންގެ ހިޔާލު ހޯދުމަށް ބައްދަލުވުމެއް ބާއްވަން ރައްޔިތުންގެ މަޖިލީހުން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ އެ ބައްދަލުވުން އޮންނާނީ މި މަހުގެ ހަތަރުވަނަ ދުވަހު މަޖިލީހުގެ އިދާރާގައި ކަަމަށެވެ. އެ ބައްދަލުވުން އޮންނާނީ އެ ދުވަހުގެ ރޭ 20:15އިން 22:30އަށް ކަމަށްވެސް މަޖިލީހުގެ އިދާރާއިން ބުންޏެވެ. އަދި އެ ބައްދަލުވުމުގައި މަޖިލީހުގެ ބައެއް މެންބަރުންނާއި ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކުގެ ބޭފުޅުންނާއި ޓެކްނިކަލް ބޭފުޅުން އާއްމުންނަށް މައުލޫމާތު ދެއްވާނެ ކަމަށްވެސް މަޖިލިސް އިދާރާއިން ހާމަކުރެއެވެ.

މިނިމަމް ވޭޖު ބިލާއި ގުޅިގެން އާއްމުންގެ ހިޔާލު ހޯދުމަށް ސަރުކާރުން ނިންމާފައި މިވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބިލުތަކަށް އާންމުންގެ ހިޔާލު ހޯދަން ބައްދަލުވުންތައް މަޖިލީހުގައި ބޭއްވުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ދަނޑިވަޅެއްގައެވެ.

މިއަދު ބޭއްވި ރައްޔިތުން މަޖިލިސް ޖަލްސާގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ރައްޔިތުންނަށް މިހާރު ލިބިގެންދާ ފުރުސަތަށް ވުރެ ފުޅާ ފުރުސަތުތަކެއް މަޖިލީހަށް ހުށަހެޅޭ ބިލުތަކަށް ހިޔާލު ހޯދަން ލިބެންޖެހޭ ކަމަށެވެ. އެގޮތުން ވިދާޅުވީ އެކަމުގައި ރައްޔިތުންގެ ބައިވެރިވުން އޮންނަ މިންވަރު އިތުރު ކުރުމަށް މިދިޔަ ހަފްތާގައި މަޖިލީހުގެ އާންމު ކޮމިޓީގެ މުގައްރިރާއި، މަޖިލީހުގެ އަމީންއާންމާއި، ކައުންސިލާ ޖެނެރަލްއާ މަޝްވަރާ ކުރެއްވި ކަމަށެވެ. އެގޮތުން ރައްޔިތުންނަށް މަޖިލީހަށް ގޮސް، ބިލުތަކަށް ހިޔާލު ހުށަހެޅޭނެ އިންތިޒާމު ހަމަޖައްސައިދިނުމުގެ ވިސްނުންފުޅު ގެންގުޅުއްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، އެ ބައްދަލުވުން ކުރިއަށް ގެންދާނީ މަޖިލީހުގެ އާ އިމާރާތުގެ ހޯލެއްގައި ޕްރެޒެންޓޭޝަނެއްގެ ގޮތުގައި ކަމަށެވެ. އަދި އެ ބައްދަލުވުންތަކުގައި ބިލު ހުށަހަޅުއްވާ މެންބަރާއި، ސަރުކާރުގެ ފަރާތުން ހުށަހަޅާ ބިލެއް ނަމަ ސަރުކާރު ހިންގާ ޕާޓީގެ ޕީޖީ ލީޑަރާއި، ސަރުކާރުގެ ފަރާތުން އެ ބިލާ ބެހޭގޮތުން އިތުރު މައުލޫމާތު ދެވޭނެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. އެފަދަ ބައްދަލުވުންތައް ބާއްވާނީ ރޭގަނޑުގެ ވަގުތެއްގައި ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.