ކުޑަކުދިންނަށް އިހުމާލުވާ މީހުންގެ މައުލޫމާތު ބެލެހެއްޓޭނެ ގޮތެއް ނެތް: އޮޑިޓް

ކުޑަ ކުދިންތަކެއް --

ކުޑަކުދިންގެ ހައްގުތަކަށް ތަކުރާރުކޮށް އިހުމާލުވަމުންދާ މީހުންގެ މައުލޫމާތު ބަލަހައްޓަމުން ނުދާކަމަށް އޮޑިޓު އޮފީހުން ބުނެފިއެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުން އާންމުކޮށްފައިވާ ފެމިލީ ސަޕޯޓް އެންޑް ސޯޝަލް ސާވިސް ޑިޕާޓްމަންޓުގެ އޮޑިޓް ރިޕޯޓަކީ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި އެ ޑިޕާޓްމަންޓުން ކުރަމުންދާ މަސައްކަތުގެ ޕާފޯމަންސް ދެނެގަތުމަށް ނިންމާފައި އޮތުމުގެ ސަބަބުން ކޮށްފައިވާ އޮޑިޓެކެވެ.

އޮޑިޓުގައި ބުނެފައި ވަނީ ޖެންޑާ މިނިސްޓްރީއަށް ހުށަހަޅާ ޝަކުވާތަކާ ގުޅިގެން ބަލަމުންދާ މައްސަލަތަކާ ގުޅޭ މައުލޫމާތު ފަސޭހައިން ބެލެހެއްޓޭނެ މަރުކަޒީ ނިޒާމެއް ގާއިމުކުރެވިފައި ނުވާކަމަށެވެ މައުލޫމާތު ބެލެހެއްޓުމުގައި މަރުކަޒީ ނިޒާމެއް ގާއިމްކޮށްފައި ނުވުމުގެ ސަބަބުން މިނިސްޓްރީއަށް ހުށަހެޅޭ ޝަކުވާތަކާއި ބަލަމުންގެންދާ މައްސަލަތަކުގެ މައުލޫމާތުގެ ސިއްރުކަން ހިފެހެއްޓިފައި ނުވާ ކަމަށްވެސް އޮޑިޓުގައިވެއެވެ.

އޮޑިޓުގައި ބުނެފައި ވަނީ މިނިސްޓްރީގެ ހެލްޕްލައިނަށް ހުށަހެޅޭ ޝަކުވާތަކާއި ބަލަމުންގެންދާ މައްސަލަތަކުގެ މައުލޫމާތު ރިކޯޑު ކުރަމުން ގެންދަނީ މައިކްރޯސޮފްޓް އެކްސެލް ފައިލެއްގައި ކަމަށެވެ. އަދި އެ ޑިޕާޓުމަންޓުގެ ހުރިހާ މުވައްޒަފުންނަށް އެ ފައިލަށް އެކްސެސް ވެވޭ ކަމަށްވެސް އޮޑިޓުގައި ފާހަގަކޮށްފައިވެއެވެ.

ޖެންޑާ މިނިސްޓްރީއަށް ހުށަހެޅޭ ބައެއް މައްސަލަތަކުގައި އިޖާބަ ދިނުމުގައި އިސްކަން ދޭ މިންގަނޑެއް ބަޔާންކޮށްފައި ނުވުމުގެ ސަބަބުން ނުރައްކަލަށް ހުށަހެޅިފައިވާ ކުދިން ނުވަތަ ނާޒުކު މީހުންނަށް ފޯރުކޮށްދޭން ޖެހޭ ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށް ނުދެވޭ ކަމަށްވެސް އޮޑިޓުގައި ބުނެފައިވެއެވެ. އަދި ހަމައެއާއެކު ނުރައްކަލަށް ހުށަހެޅިފައިވާ ކުއްޖާ ނުވަތަ މީހާ ހުރި ހާލަތު އިތުރަށް ގޯސްވުމަށް އެކަމުގެ ސަބަބުން މަގުފަހިވެގެން ދިއުމުގެ ފުރުސަތު އޮތްކަން އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރެފައިވާ ރިޕޯޓުގައި ބުނެފައިވެއެވެ.

ޖެންޑާ މިނިސްޓްރީއަށް ހުށަހެޅޭ ޝަކުވާތަކާއި ބަލަމުންދާ މައްސަލަތަކުގެ މައުލޫމާތު ބަލަހައްޓަމުންދާ ކޭސް ޓްރެކިން އެކްސެލް ފައިލުގައި ކުޑަކުދިންގެ ހައްގުތަކަށް އިހުމާވަމުންދާ މީހުންގެ ޒާތީ މައުލޫމާތު ނުހިމަނާ ކަމަށްވެސް ރިޕޯޓުގައިވެއެވެ.

ޗައިލްޑް ހެލްޕްލައިން އާ ގުޅިގެން އޮޑިޓު އޮފީހުން ބުނީ އެ ހިދުމަތް 24 ގަޑިއިރު ދޭންޖެހޭ ކަމަށެވެ. ނަމަވެސް ޖެންޑާއިން ގާއިމްކޮށްފައިވާ ކޯލް ސެންޓަރުގެ ހިދުމަތް 24 ގަޑިއިރު ދެމުން ނުދާ ކަމަށް އޮޑިޓުގައި ފާހަގަކޮށްފައިވެއެވެ.

ހެނދުނު އަށަކުން ރޭގަނޑު 10 ޖަހަންދެން މަދުވެގެން އެއް މުވައްޒަފު ކޯލް ސެންޓަރުގައި މަސައްކަތް ކުރެއެވެ. އެހެން ނަމަވެސް ރޭގަނޑު 10:00 އިން ފެށިގެން ހެނދުނު 8:00 އާ ދެމެދު ކޯލް ސެންޓަރުގެ ހެލްޕްލައިނަށް އަންނަ ކޯލްތައް ދައުލަތުގެ އިދާރާތަކުން ގުޅުމަށް ހާއްސަ ކުރެވިފައިވާ އޮންކޯލް ފޯނަށް ޑައިވާޓް ވާގޮތަށް ވަނީ ހަމަޖައްސައިފައެވެ.

މިހެންވުމުގެ ސަބަބުން، އޮންކޯލްގައި ހުންނަ މުވައްޒަފު އެހެން ކޭހެއްގައި މަސައްކަތްކުރާ ވަގުތުތަކުގަ އާއި އޮން ކޯލް ފޯނަށް ޖަވާބު ދޭ ވަގުތުތަކުގައި ހެލްޕް ލައިނުން ޑައިވާޓްވާ ކޯލްތަކަށް ދަނީ ޖަވާބު ނުދެވި ކަމަށް އޮޑިޓު އޮފީހުން ބުނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *