އިންތިހާބަކަށް އޮފިޝަލުންނެއް ނުލިބުނު، މުއްދަތު އިތުރުކޮށް ދޭ އުޖޫރަވެސް ބޮޑުކޮށްފި

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންތައް/ ފޮޓޯ- އީސީ

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ހަރަކާތްތެރިވުމަށް އިލެކްޝަންސް ކޮމިޝަނުން ބޭނުންވާ ވަރަށް އޮފިޝަލުން ނުލިބުމުން އެ ކަމަށް ކުރިމަތިލުމުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފިއެވެ.

އިލެކްޝަންސ ކޮމިޝަނުން ބުނީ އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ. އެހެންކަމުން އެކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން އެ ދުވަހުގެ މެންދުރުފަހު 15:00ގެ ކުރިން އިލެކްޝަނަށް ފޯމު ހުށަހެޅުމަށް އެދޭ ކަމަށް އިލެކްޝަނުން ބުނެއެވެ. ކުރިން އޮތް ގޮތުން އިންތިހާބުގައި ހަރަކާތްތެރިވާ އޮފިޝަލު ކަމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މިއަދުގެ މެންދުރުފަހު 15:00އެވެ.

އޮފިޝަލުން ހޯދުމުގައި ކުރިމަތިވަމުން އަންނަ ދަތިތަކާއެކު މިހާރު އިލެކްޝަނުން ވަނީ އޮފިޝަލުންނަށް ދިނުމަށް ހަމަޖެހިފައިވާ އެލަވަންސްވެސް ބޮޑުކޮށްފައެވެ. އެގޮތުން ވޯޓުލާ މަރުކަޒުގެ ވެރިޔާއަށް 1800 ރުފިޔާ ކަނޑައަޅާފައިވާއިރު ވެރިޔާގެ އެހީތެރިޔާއަށް 1600 ރުފިޔާ ވަނީ ކަނޑައަޅާފައެވެ. އޮފިޝަލުންނަށް 1500 ރުފިޔާ ކަނޑައެޅިއިރު ވޯޓު ގުނާ އޮފިޝަލުންނަށް 1200 ރުފިޔާ އަދި ރިޒާވް އޮފިޝަލަކަށް 500 ރުފިޔާ އިލެކްޝަނުން ވަނީ ކަނޑައަޅާފައެވެ.

އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު އޮންނަ އިންތިހާބަށް 6386 އޮފިޝަލުން ބޭނުންވާއިރު ރަށްރަށުގައި ތިބި ސިވިލް ސާވިސް މުވައްޒަފުން ހިމަނައިގެން މިހާތަނަށް ލިބިފައި ވަނީ 4041 އޮފިޝަލުން ކަމަށާއި، އަދިވެސް 2340 އޮފިޝަލުން ބޭނުންވާކަމަށް އިލެކްޝަނުން ވަނީ ބުނެފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.