ޕީއެސްއެމްއިން ބިގަށް ދައްކަންޖެހޭ 78 މިލިއަން ރުފިޔާގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފި

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ޓީވީ އިމާރާތް--

ދައުލަތުގެ މީޑިއާ ކުންފުނި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ މައްޗަށް ބިޒްނަސް އިމޭޖު ގްރޫޕް (ބިގް)އަށް 78 މިލިއަން ރުފިޔާ ދެއްކުމަށް ކުރި ހުކުމް އިސްތިއުނާފު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައިގެންފިއެވެ. މި މައްސަލަ ބަލައިގަތީ މިދިޔަ މަހު ފަހުކޮޅުއެވެ.

ޕީއެސްއެމްއިން މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ އިސްތިއުނާފުގެ މައްސަލަ ހައިކޯޓަށް ހުށަހަޅަން ނިންމާ އެކޯޓަށް ހުށަހެޅުމުން މައްސަލަ ބަލައި ނުގަތުމުންނެވެ.

ބިގަށް ދައްކަން ޖެހުނު މި ފައިސާއަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ދައުލަތުގެ މީޑިއާ އޭރު ހިންގަމުން ދިޔަ މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެންބީސީ) އާ އެކު ބިގް ކުންފުނިން ހެދި އެއްބަސްވުމުގެ ދަށުން އެ ކުންފުންޏަށް ދައްކަންޖެހޭ ފަސް މިލިއަން ރުފިޔާ ނުދެއްކުމުން، ޖޫރިމަނާއާ އެކު ދެއްކުމަށް ސިވިލް ކޯޓުން ހުކުމް ކުރި ފައިސާއެވެ.

އެ މައްސަލަ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހައިކޯޓުގައި އިސްތިއުނާފެއް ނުކުރެއެވެ. އެހެންކަމުން މި ސަރުކާރު އައިސް ޕީއެސްއެމްގެ ބޯޑަށް އައްޔަން ކުރެއްވި ބޭފުޅުން ވަނީ މައްސަލަ ހައިކޯޓަށް ހުށަހަޅާފައެވެ. ނަމަވެސް އިސްތިއުނާފުގެ މުއްދަތު ހަމަވުމުން ހައިކޯޓުން އެ މައްސަލަ ބަލައެއް ނުގަތެވެ.

ބިގަށް ފައިސާ ދޭން ކުރި ހުކުމުގެ މައްސަލަ ޕީއެސްއެމްގެ ފަރާތުން އިސްތިއުނާފް ކުރަން ހުށަހެޅިއިރު، ޕީއެސްއެމް އިން މިދިޔަ އަހަރު ވަނީ އޭގެ ތެރެއިން 30 މިލިއަން ރުފިޔާ ބިގަށް ދައްކައިފައެވެ. ބިގު ކުންފުންޏަކީ ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ސެކްރެޓަރީ ހަސަން އިސްމާއިލްގެ 90 ޕަސެންޓް ހިއްސާ އޮންނަ ކުންފުންޏެކެވެ.

Leave a Reply

Your email address will not be published. Required fields are marked *