ކޮވިޑް19 އަށް ޓެސްޓު ކުރަނީ ޑަބްލިއުއެޗްއޯގެ މިންގަނޑުތަކާއި އެއްގޮތަށް: އައިޖީއެމްއެޗް

-އައިޖީއެމްއެޗް ހޮސްޕިޓަލް/ ފޮޓޯ: އަވަސް

ކޮވިޑް19 އަށް އައިޖީއެމްއެޗުން ތަހުލީލު ކުރަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯގެ މިންގަނޑުތަކާއި އެއްގޮތަށް ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

އައިޖީއެމްއެޗުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ހޮސްޕިޓަލްގެ ލެބޯޓަރީ އަށް ތަހުލީލު ކުރުމަށް ގެނެވޭ ސާމްޕަލްތަކަކީ ކޮންމެ ވައްތަރެއްގެ ސާމްޕަލްތަކެއް ކަމުގައި ވީނަމަވެސް އެ ސާމްޕަލް ތަކާއި މެދު ދެކެވޭނީ އަދި އަމަލު ކުރެވޭނީ އެއީ އިންސާނުންނަށް ގެއްލުމެއް ކުރިމަތިވެދާނެ އެއްޗެއް ގޮތުގައި ކަމަށެވެ.

ނުރައްކާތެރި، ވަކި ބައްޔަކަށް ޝައްކު ނުކުރެވޭ ސާމްޕަލެއް ތަހުލީލު ކުރި ނަމަވެސް އެތަކެތި އުފުލުމާއި ތަހުލީލު ކުރުމުގައިވެސް ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ސަލާމަތީ ގޮތުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތަކެއް އެ ހޮސްޕިޓަލުގެ ލެބޯޓަރީގައިވެސް، ޑަބްލިއުއެޗްއޯގެ މިންގަނޑުތަކާއި ސްޓޭންޑާޑް ޕްރެކްޓިސް އާއި ޕްރޮޓޮކޯލް ތަކާއި އެއްގޮތަށް އެޅިފައިވާނެ ކަމަށް އައިޖީއެމްއެޗުން ބުނެއެވެ.

އައިޖީއެމްއެޗުން ބުނީ ކޮވިޑް19 ގެ ސާމްޕަލްތައް އުފުލުމާއި ތަހުލީލު ކުރުމުގައިވެސް އެ ހޮސްޕިޓަލުން އަމަލުކުރަމުންދަނީ ޑަބްލިއުއެޗްއޯ އާއި ކަމާބެހޭ ފަރާތްތަކުން މިކަމަށް އެކަށައަޅާފައިވާ ހާއްސަ ޕްރޮޓޮކޯލްތަކާއި ބައިނަލްއަގުވާމީ ގޮތުން ބަލައިގަންނަ ނެޝަނަލް އެކްރެޑިޓޭޝަން ބޯޑް ފޯ ހޮސްޕިޓަލްސް އެންޑް ހެލްތުކެއާ ޕްރޮވައިޑާޒް އަދި ނެޝަނަލް އެކްރެޑިޓޭޝަން ބޯޑް ފޯ ޓެސްޓިން އެންޑް ކެލިބަރޭޝަން ލެބޯރަޓޯރީޒްގެ ގައިޑްލައިންތަކާ އެއްގޮތަށް ކަމަށެވެ.

އައިޖީއެމްއެޗް އިން ބުނީ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަކީ އެ ހޮސްޕިޓަލުގެ މެނޭޖްމަންޓުން އަބަދުވެސް ހާއްސަ ސަމާލުކަމެއްދޭ ކަމެއް ކަމަށެވެ.

ދުނިޔޭގެ އެކި ގައުމުތަކުގައި ހަލުވިކަމާއި އެކުގައި ފެތުރެމުން އަންނަ ކޮވިޑް19 އަށް ރާއްޖޭގައި މީހަކު އަލަށް ޓެސްޓު ކުރީ މި މަހުގެ 20ވަނަ ދުވަހުއެވެ. ނިއުމޯނިއާއަށް އައިޖީއެމްއެޗްގައި ފަރުވާ ހޯދަމުން ދިޔަ މީހެކެވެ. ހެލްތު މިނިސްޓްރީން ބުނީ އެމީހާ ބައްޔަށް ނެގެޓިވް ކަމަށެވެ. އެމީހާގެ ޓެސްޓު އައިޖީއެމްއެޗުން ހަދާފައި ވަނީ ޑަބްލިއުއެޗްއޯއިން ރާއްޖެއަށް ހަދިޔާކުރި 10 ޓެސްޓު ކިޓުންނެވެ. އެ ޓެސްޓު ކިޓުތަކުން 1،000 މީހެއްގެ ޓެސްޓު ހެދޭނެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.