މި މަހު 11ގެ ކުރިން މިނިމަމް ވޭޖަށް ގޮތެއް ނިންމަނީ

މިއަދު ކުރިޔަށްދިޔަ އިގްތިސޯދީ ކޮމެޓީގެ ބައްދަލުވުމުގެ ތެރެއިން: ފޮޓޯ / މަޖިލިސް

މިނިމަމް ވޭޖު ކަނޑައެޅުމާއި ގުޅޭ ގޮތުން އިކޮނޮމިކް މިނިސްޓްރީން މަޖިލީހަށް ފޮނުވާފައިވާ ރިޕޯޓާއި މެދު މި މަހުގެ 11ގެ ކުރިން ގޮތެއް ނިންމުމަށް މަޖިލީހުގެ އިގްތިސޯދީ ކޮމެޓީން ފާސްކޮށްފިއެވެ.

މިގޮތަށް ހުށަހެޅީ ދުވާފަރު ދާއިރާގެ މެންބަރު އިސްމާއީލް އަހްމަދުއެވެ. އޭނާ ވިދާޅުވީ އިކޮނޮމިކް މިނިސްޓްރީން ކޮށްފައިވާ ދިރާސާއަކީ ބޮޑު ދިރާސާއެއް ކަމަށެވެ. އެހެންކަމުން އެކަމާއި ގުޅިގެން މަޖިލީހުން އިތުރު ގިނަ މަސައްކަތްތަކެއް ކުރުމުގެ ބޭނުމެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. މެންބަރު އިސްމާއީލް އަހުމަދުގެ ހުށަހެޅުމަށް ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ތާއީދު ކުރެއްވިއެވެ.

މި ހުށަހެޅުއްވުމަށް ވޯޓު ނުދެއްވީ އިދިކޮޅު މެންބަރުންނެވެ. ނަމަވެސް އެ މެންބަރުންނާއި އެކު އެ ހުށަހެޅުމަށް ވޯޓު ނުދެއްވާ އެމްޑީޕީ މެންބަރަކު ވެސް އިންނެވިއެވެ. އެއީ ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލް މުޣުނީއެވެ.

ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވީ ހުރިިހާ ސްޓޭކް ހޯލްޑަރުންނާ ވެސް ވިހާ ވެސް އަވަހަކަށް ބައްދަލު ކުރެވޭ ގޮތް ހަދަން ޖެހޭ ކަމަށެވެ. އަދި މިފަދަ ގާނޫނެއް އެކުލަވާލާއިރު ކަމާ ބެހޭ މުއައްސަސާތަކާ ރަނގަޅަށް ދިރާސާ ކުރަން ޖެހޭ ކަމަށެވެ.

މިއަދުގެ މަޖިލިސް ޖަލްސާގައި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ކޮމެޓީން މަސައްކަތް ނިންމާނީ މިނިމަމް ވޭޖުގެ އަދަދާއި އެކުގައި ކަމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.