ދައުލަތުގެ އާމްދަނީ ދަށަށް، ޓެކުހުގެ ގޮތުގަ މިދިޔަ ޖެނުއަރީގަ ދައުލަތަށް ލިބުނީ 1.7 ބިލިއަން!

ފިނޭންސް މިނިސްޓްރީ ހިންގާ އިމާރާތުގެ ބޭރު --

ކޮވިޑް-19 އާ ގުޅިގެން ދިވެހި ދައުލަތަށްވެސް ލިބޭ އާމްދަނީ ދަށަށް ދާން ފަށައިފި އެވެ.

މި ވައިރަސްގެ ސަބަބުން ދުނިޔޭގެ އެކި ގައުމުތަކުގެ އިގްތިސާދުވަނީ ދަށަށް ގޮސްފައެވެ.

އެގޮތުން ފިނޭންސް މިނިސްޓްރީން އާންމުކުރި ތަފާސް ހިސާބުދައް ދައްކާގޮތުން، މި އަހަރުގެ ޖެނުއަރީ މަހު ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 1.7 ބިލިއަން ރުފިޔާ އެވެ. ނަމަވެސް މިދިޔަ އަހަރު ޖެނުއަރީ މަހުގައި ޓެކުހުގެ އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 2 ބިލިއަން ރުފިޔާ އެވެ. މިއީ މިދިޔަ އަހަރުގެ ޖެނުއަރީ މަހާއި އަޅާ ބަލާއިރު، 3 މިލިއަން ރުފިޔާ އަދި 15 އިންސައްތަ ދަށް އަދަދެކެވެ.

ވިޔަފާރީގެ ފައިދާ އިން ނަގާ ޓެކްސްގެ ގޮތުގައި ލިބިފައި ވަނީ 567.3 މިލިއަން ރުފިޔާ އެވެ. ނަމަވެސް މިދިޔަ އަހަރު ވިޔަފާރީގެ ފައިދާ އިން އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 763.7 މިލިއަން ރުފިޔާއެވެ. މިއީ މިއަހަރަށް ބަލައިރު 196.4 މިލިއަން ރުފިޔާ ދަށް އަދަދެކެވެ.

ޖީއެސްޓީގެ ގޮތުގައި މިދިޔަ އަހަރުގެ ޖެނުއަރީ މަހު 302.1 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ ޖެނުއަރީ މަހު ލިބުނީ 287.5 މިލިއަން ރުފިޔާ އެވެ. މިއީ މިއަހަރަށް 14.6 މިލިއަން ރުފިޔާ ދަށް އަދަދެކެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ މަހު ވިތު ހޯލްޑިން ޓެކުހުން 86.9 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް މި އަހަރުގެ ޖެނުއަރީ މަހު ލިބުނީ 77.7 މިލިއަން ރުފިޔާ އެވެ. މިއީ މިއަހަރަށް 9.2 މިލިއަން ރުފިޔާ ދަށް އަދަދެކެވެ.

މިދިޔަ މަހުގެ އާމްދަނީ އާއި ހަރަދުގެ ރިޕޯޓުގައި ޖެނުއަރީ މަހު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބިފައިވަނީ 2.9 ބިލިއަން ރުފިޔާ އެވެ. ނަމަވެސް މިދިޔަ ފެބްރުއަރީ މަހު ވަނީ މި އަދަދު 1.9 ބިލިއަން ރުފިޔާއަށް ދަށްވެފަ އެވެ.

އާމްދަނީ މަތިވި ދާއިރާތަކުގެ ތެރޭގައި، ޓީޖީއެސްޓީ އަދި އެއާޕޯޓް ސާވިސް ޗާޖު ހިމެނެއެވެ. ޓީޖީއެސްޓީގެ ގޮތުގައި މި އަހަރުގެ ޖެނުއަރީ މަހު 485.7 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މި އަހަރުގެ ޖެނުއަރީ މަހު މި އަދަދު ވަނީ 519.6 މިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ. މީގެ އިތުރުން އެއާޕޯޓް ސާވިސް ޗާޖުގެ ގޮތުގައި މި އަހަރު 68.6 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިދިޔަ އަހަރު ލިބުނީ 59.2 މިލިއަން ރުފިޔާ އެވެ.

ފިނޭންސުގެ ރިޕޯޓުގައިވާ ގޮތުން ޓެކްސް ނޫން ގޮތް ގޮތުން އާމްދަނީގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ ދަށްވެފަ އެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހު 484.5 މިލިއަން ރުފިޔާ ޓެކްސް ނޫން ގޮތުން އާމްދަނީގެ ގޮތުގައި ލިބިފައިވެ އެވެ. ނަމަވެސް މި އަހަރު ލިބިފައިވަނީ 215.3 މިލިއަން ރުފިޔާ އެވެ.

ހިޔާލު ދެއްވާ!

Your email address will not be published.