މަޖިލީހަށް ހުށަހެޅޭ ބިލުތަކަށް ހިޔާލު ހޯދަން އާންމު ބައްދަލުވުންތައް ބާއްވަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު/ ފޮޓޯ: މަޖިލިސް އިދާރާ

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބިލުތަކަށް އާންމުންގެ ހިޔާލު ހޯދަން ބައްދަލުވުންތައް މަޖިލީހުގައި ބޭއްވުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ރިޔާސަތުގައި ހުންނަވައި، ރައީސް ނަޝީދު ވިދާޅުވީ މަޖިލީހަށް ހުށަހެޅޭ ކޮންމެ ބިލަކާ ގުޅޭ ގޮތުން އާންމުންގެ ހިޔާލަށް ހުޅުވަން މަޖިލީހުގެ ގަވައިދުވެސް ލާޒިމު ކުރާ ކަމެވެ.

ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންނަށް މިހާރު ލިބިގެންދާ ފުރުސަތަށް ވުރެ ފުޅާ ފުރުސަތުތަކެއް މަޖިލީހަށް ހުށަހެޅޭ ބިލުތަކަށް ހިޔާލު ހޯދަން ލިބެންޖެހޭ ކަމަށެވެ. އެގޮތުން ވިދާޅުވީ އެކަމުގައި ރައްޔިތުންގެ ބައިވެރިވުން އޮންނަ މިންވަރު އިތުރު ކުރުމަށް މިދިޔަ ހަފްތާގައި މަޖިލީހުގެ އާންމު ކޮމިޓީގެ މުގައްރިރާއި، މަޖިލީހުގެ އަމީންއާންމާއި، ކައުންސިލާ ޖެނެރަލްއާ މަޝްވަރާ ކުރެއްވި ކަމަށެވެ. އެގޮތުން ރައްޔިތުންނަށް މަޖިލީހަށް ގޮސް، ބިލުތަކަށް ހިޔާލު ހުށަހެޅޭނެ އިންތިޒާމު ހަމަޖައްސައިދިނުމުގެ ވިސްނުންފުޅު ގެންގުޅުއްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، އެ ބައްދަލުވުން ކުރިއަށް ގެންދާނީ މަޖިލީހުގެ އާ އިމާރާތުގެ ހޯލެއްގައި ޕްރެޒެންޓޭޝަނެއްގެ ގޮތުގައި ކަމަށެވެ. އަދި އެ ބައްދަލުވުންތަކުގައި ބިލު ހުށަހަޅުއްވާ މެންބަރާއި، ސަރުކާރުގެ ފަރާތުން ހުށަހަޅާ ބިލެއް ނަމަ ސަރުކާރު ހިންގާ ޕާޓީގެ ޕީޖީ ލީޑަރާއި، ސަރުކާރުގެ ފަރާތުން އެ ބިލާ ބެހޭގޮތުން އިތުރު މައުލޫމާތު ދެވޭނެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. އެފަދަ ބައްދަލުވުންތައް ބާއްވާނީ ރޭގަނޑުގެ ވަގުތެއްގައި ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިހާރު ބިލުތަކަށް ހިޔާލު ހޯދަން ހުޅުވާލަނީ އިބްތިދާއީ ބަހުސް ނިމި، ބިލު ކޮމިޓީއަށް ފޮނުވުމުން ކޮމިޓީއިންނެވެ.

Leave a Reply

Your email address will not be published. Required fields are marked *