ކުރީ ސަރުކާރުގެ ބެޔަސް ނުބެޔަސް ސްކީމުން 10،000 ލިބުނީ އެންމެ ދޯންޏަކަށް

މަސްވެރިންތަކެއް މަސް ބާނަނީ: ފޮޓޯ / ދިވެހި މަސްވެރިން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ތައާރަފްކުރި ކޮންމެ މަސްވެރިއަކަށް 10،000 ރުފިޔާގެ މަހު މުސާރައެއް ދިނުމުގެ ސްކީމްގެ ދަށުން އެ ފައިސާ ލިބުނީ އެންމެ ދޯންޏަކަށް ކަމަށް ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވެއްޖެ އެވެ.

މިއަދުގެ މަޖިލީހަށް މިނިސްޓަރު ޒަހާ ހާޒިރުކޮށްފައިވަނީ، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަން ވެގެންނެވެ.

މިނިސްޓަރު ޒަހާ މިހެން ވިދާޅުވީ އެކަމާ ގުޅޭ ގޮތުން ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލްމުޣުނީ ކުރެއްވި ސުވާލެއްގެ ޖަވާބުގައެވެ. މެންބަރު އަބްދުލްމުޣުނީ ކުރެއްވި ސުވާލަކީ، ބެޔަސް ނުބެޔަސް ސިޔާސަތުގެ ދަށުން ފައިސާ ދިނީ ކިތައް ދޯންޏަށްތޯ އާއި އެ ސިޔާސަތާ މެދު މިހާރު އަމަލު ކުރަނީ ކިހިނެއްތޯ އެވެ.

މެންބަރު އަބްދުލްމުޣުނީ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޒަހާ ވިދާޅުވީ އެސްކީމްގެ ދަށުން ފައިސާ ދެވިފައިވަނީ އެންމެ އުޅަނދަކަށް ކަމަށެވެ. އަދި އެއީ މި ސަރުކާރުގެ ސިޔާސަތެއް ނޫންކަމުން، އެކަން މިސަރުކާރުން ތަންފީޒު ނުކުރާ ކަމަށެވެ.

އެ ސުވާލަށް ޒަހާ ޖަވާބު ދެއްވުމުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އެއީ ކޮން ގެއެއްގެ ދޯންޏެއް ތޯ ހިތަށް އަރާވަޑައިގެންނެވި ކަމަށެވެ. އެ ސުވާލާ ގުޅިގެން މިނިސްޓަރު ޒަހާ ވިދާޅުވީ، މަޖިލީހަށް މިއަދު ވަޑައިގަތީ އެ މައުލޫމާތު ސާފުކޮށްގެން ނޫން ކަމަށާއި، އެއީ ސީދާ ކޮން ދޯންޏެއްކަން އެނގިވަޑައިނުގަތަސް، އެއީ ށ. އަތޮޅަށް ނިސްބަސްވާ ދޯންޏެއް ކަމަށް ވިދާޅުވި އެވެ.

ބެޔަސް ނުބެޔަސް ސްކީމް ރައީސް ޔާމީން ތައާރަފް ކޮށްދެއްވާފައިވަނީ 2014 ވަނަ އަހަރުގެ މާޗް މަހުގެ 28 ވަނަ ދުވަހު، ގދ. ތިނަދޫގައެވެ. އެ ސްކީމްގެ ދަށުން މަސްވެރިކަން ދަށް މޫސުމުގައި ނުވަތަ މޫސުން ގޯސްވެގެން މަހަށް ނުދެވޭ ދުވަސްވަރު، މަސްވެރިންނަށް އާމްދަނީގެ ގޮތުގައި ފައިސާ ލިބޭނެއެވެ. ނަމަވެސް ރައީސް ޔާމީންގެ ސަރުކާރުން އެވައުދު އެކަށީގެންވާ ގޮތުގައި ނުފުއްދިގެން ފާޑުކިޔުންތައްވެސްވަނީ އަމާޒުވެފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.