ހިނގާފައި ދަނިކޮށް، ލޮރީ އެރީ ގައިމައްޗަށް، އުޅަނދަށް ވެސް އެނގުންވި!

އެކްސިޑެންޓުވި އަހްމީމު ސްޓްރެޗަރަށް އަރުވާފައި --- ފޮޓޯ / ތޯހާ ޔާސީން ފޭސްބުކް

އުމުރުން 40 އަހަރުގެ މުހައްމަދު އަހްމީމް އައްޑޫ ސިޓީ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ކައިރިން މަޑު މަޑުން ހިނގާލާފައި ދިޔައީ އޭގެ ކުޑަ ވަގުތުކޮޅެއް ފަހުން، އޭއީއެޗްގެ އައިސީޔޫގައި އޭނާ އަށް ފަރުވާ ދޭން ފަށައިފާނެ ކަމަށް ހީކޮށްގެނެއް ނޫނެވެ. ނަމަވެސް އިއްޔެ މެންދުރުފަހު 2:18 އެހާކަށްހާއިރު އޭނާގެ ދިރިއުޅުން ބަދަލުކޮށްލީ ކުޑަކުޑަ ސިކުންތު ކޮޅެއްގެ ތެރޭގައެވެ. ހިތަދޫގައި ރެންޓަލް ހިދުމަތް ދޭ “ޑީއެޗް ރެންޓަލް”ގެ ކެރޭން ލޮރީއެއް އޭނާގެ ގައިގައި ޖެހި އޭއީއެޗްގެ އައިސީޔޫގައި މިހާރު އޭނާ އަށް އަންނަނީ ފަރުވާ ދެމުންނެވެ.

އެ ހާދިސާ ހިނގި ސީސީޓީވީ ފުޓޭޖު ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. އެ ވީޑިއޯ އިން ފެންނަނީ ޑީއެޗް ރެންޓަލްގެ ލޮރީ އަހްމީމް ހިނގާފައި އައި ދިމާލުން އަންނަ މަންޒަރެވެ. އަހްމީމު ގައިގައި ލޮރީން ޖެހުމާއެކު އަހްމީން ބިންމައްޗަށް ވެއްޓޭ މަންޒަރު ވެސް އެ ސީސީޓީވީ ފުޓޭޖުން ފެނެއެވެ. ދެން ފެންނަނީ އެ ލޮރީގެ ފަހަތް ކުއްލިއަކަށް ހިއްލިގެންދާ މަންޒަރެވެ. ބޮޑަށް ބެލެވެނީ ލޮރީން އަހްމީމުގެ ގައިގައި ޖެހި އޭނާ ވެއްޓުނު ވަގުތު، އަހްމީމުގެ ގަޔަށް މައްޗަށް ލޮރީގެ ފުރޮޅެއް އެރީ ކަމަށެވެ.

ކޮންމެއަކަސް މި އެކްސިޑެންޓުގެ ސަބަބުން އަހްމީމު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައެވެ. “ހަތާވީސް”އާ ވާހަކަދެއްކި އޭއީއެޗްގެ އޮފިޝަލަކު ވިދާޅުވީ އޭނާ އަށް ކޮންމެ ވަގުތެއްގައި ވެސް ކަމެއް ވެދާނެ ކަމަށާއި އޭނާގެ ހާލަތު ވަރަށް ސީރިއަސް ކަމަށެވެ.

އަހްމީމަށް ލިބުނު އަނިޔާތަކުގެ ތަފްސީލު ހޯދާލުމަށް އޭއީއެޗްގެ މީޑިއާ އޮފިސަރަށް “ހަތާވީސް” އިން ގުޅާލުމުން އޭނާ ވިދާޅުވީ އަހްމީމުގެ ބޮލަށް ގެއްލުންތަކެއް ލިބި ބޮލުގެ ނާށިގަނޑުގައި ރެނދުލާފައިވާ ކަމަށެވެ. އިތުރު ފަރުވާ ދިނުމަށް އޭނާ މާލެ ފޮނުވުމަށް ޑޮކްޓަރުން ލަފާ ދީފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

ހަތާވީސް އަށް ލިބިފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި އެކްސިޑެންޓަށްފަހު، އޭނާގެ އަނގައިން ވަރަށް ގިނައިން ލޭ ފައިބާތަން ފެނެއެވެ. އަދި ބޮލަށް ލިބިފައިވާ ޒަހަމްތަކާ އެކު، ބިންމައްޗަށް ގިނަ އަދަދަކަށް ލޭ ފައިބައިފައި ހުއްޓެވެ.

އައްޑޫ ސިޓީ އިކުއިޓޯރިއަލް ހޮސްޕިޓަލް ކައިރިން ހިނގި އެކްސިޑެންޓުގެ ތެރެއިން: ފޮޓޯ / ތޯހާ ޔާސީން ފޭސްބުކް

މީގެއިތުރުން އޭނާގެ ފުއްޕާމޭ އަށް ކޮންމެވެސް ވަރަކަށް އަނިޔާ ލިބިފައިވާ ކަމަށާއި އަދިވެސް ހަށިގަނޑުގެ ބައެއް އެހެން ތަންތަނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ފިރިހެނެއްގައި ގައިގައި ވެހިކަލަކުން ޖެހި އެކްސިޑެންޓް ހިނގައިގެން މިއަދު މެންދުރު 14:00 ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ދުއްވަންް އިނީީ ކޮންް ޤައުމެއްގެެ ކާކުު؟ ޑްރައިވަރުު އިނީީ ހަމައިގަަ ބާާ؟ ނޫނީީ ގަސްތުގައިި ކުރިކަމެއްބާާ؟

  2. މިހާރުދެން އެއްފަރާތުން ހިނގިޔަސް ސަލާމަތެއް ނެތެއްނު!
    ދެލޯ ނެތީބާއޭ ހިތަށްއަރާ.. ހާދަ ދެރައޭ، އެފަކީރަށް އަވަސް ޝިފާއެއް ދެއްވާށި އާމީން…

  3. ގައިމައްޗަށް އަރުވާލީ. ވެހިކަލުން ޖެހުނީ އޭ ބުނީމާ ހީވަނީ އޮޅުމަކުން ހިނގި ކަމެއް ހެން. ހަމަ ފަހަތުން އައިސް ރީތިކޮށް އަރާމުކޮށް ޖައްސާލީ.

ހިޔާލު ދެއްވާ!

Your email address will not be published.