ކުރީގެ ދެ ވަޒީރަކު ފިސްތޯލަ “ގެންގުޅުއްވި” މައްސަލާގައި އިންކުއަރީއަކަށް އެދިއްޖެ

ސިފައިންގެ ބަޑި ގުދަނުން 2015ގައި ގެއްލުނު ފިސްތޯލައެއް ހިބަޅިދޫ ފަޅުތެރެއިން ހޯދުމަށްފަހު، ނޫސްވެރިންނަށް ދައްކާލަނީ.

ކުރީގެ ރައީސް އަދި މިހާރު އިދިކޮޅުގެ ލީޑަރު، ޔާމީން ސަރުކާރުގެ ދެ ވަޒީރަކު ފިސްތޯލައެއް ގެންގުޅުއްވި ކަމަށް އެމަނިކުފާނު ވިދާޅުވި މައްސަލައެއް ބަލައި ދިނުމަށް ރައްޔިތުންގެ މަޖިލީހުގައި އެދިއްޖެއެވެ.

މި މައްސަލަ މަޖިލީހަށް ހުށަހެޅީ ދާދިފަހުން “ސަންގު ޓީވީ”އަށް ރައީސް ޔާމީން ދެއްވި އިންޓަވިއުއެއްގައި ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެންނެވެ.

އެ އިންޓަވިއުގައި ޔާމީން ވަނީ އެމަނިކުފާނުގެ ކެބިނެޓްގެ ދެ ވަޒީރަކު ފިސްތޯލައެއް ގެންގުޅުއްވި ކަމަށް ވިދާޅުވެފައެވެ. އެގޮތުން އެމަނިކުފާނު ސަރުކާރުގެ ޑިފެންސް މިނިސްޓަރުގެ މަގާމުގައި ހުންނެވި މިހާރު ދަނގެތި ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމާއި ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބުގެ އަތުގައި ފައިރާމެއް އޮންނަ ކަމަށް ޔާމީން ވިދާޅުވިއެވެ.

ނާޒިމްގެ އަތުގައި ފިސްތޯލައެއް އޮންނަކަން އެނގިވަޑައިގަތީ ފުލުހުން ނާޒިމްގެ ގެކޮޅު ފާސްކުރި ފަހުން އެ މައްސަލާގައި އެމްއެންޑީއެފް ޗީފް އަދި ވައިސް ޗީފްއާ ބައްދަލުކުރެއްވި ހިސާބުން ކަމަށް ޔާމީން އެ ދުވަހުގެ އިންޓަވިއުގެ ވިދާޅުވިއެވެ.

“ދެން މިކަން ހިނގުމުގެ ކުރިން މިބޭފުޅުންގެ އަތުގައި ފައިރާމެއް އޮންނަކަން ސަރުކާރުގެ މިފަދަ މަސްއޫލިއްޔަތެއް އުފުއްލަވާ އެހެން ވަޒީރަކަށް އެނގިގެން އެ ވަޒީރުވެސް ބޭނުންފުޅުވި ފައިރާމެއް ހޯއްދަވަން. ރަސްމީކޮށް އެވަޒީރު ޑިފެންސް މިނިސްޓްރީއަށް ލިޔުއްވި ފައިރާމެއް ހޯއްދަވަން. ލިޔުއްވީމަ އެ ސިޓީ ހިފައިގެން އޭރުގެ ޑިފެންސް މިނިސްޓަރު އެއިރު ނާޒިމްމެންގެއަށް މި މައްސަލަ ދިމައެއްނުވޭ،” ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ އެ ސިޓީ ހިފައިގެން އެމަނިކުފާނުގެ އަރިހަށް ވަޑައިގެންނެވީ އޭރު ޑިފެންސް މިނިސްޓަރުގެ މަގާމުގައި ހުންނެވި ނާޒިމް ކަމަށެވެ. އެގޮތުން މިނިސްޓަރަކު ފިސްތޯލެއް ހޯދުމަށް ޑިފެންސްގައި އެދިފައިވާ ކަމަށް ނާޒިމް ވިދާޅުވި ކަމަށް ޔާމީންގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. އަދި ހަމަ އެދުވަހު ނާޒިމް އަރިހުގައި އެފަދަ އެއްވެސް އެއްޗެއް އެއްވެސް ބޭފުޅަކަށް ލިބިވަޑައިނުގަންނަވާނެ ކަމަށް ދެންނެވިން ކަމަށް ޔާމީން ވިދާޅުވިއެވެ. އެ ދުވަހު އެކަން ނާޒިމް އަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

“ބަޓް އިންސްޕައިޓް އޮފް ދެޓް ނާޒިމް އަތްޕުޅުގައި ފައިރާމެއް އޮތްކަމަށްވަންޏާ ނާޒިމް އެހުރީ އަޅުގަނޑު އެވާހަކަ ބުނި ފަހުން ވެސް ނާޒިމަށް ފުރުސަތު ލިބުނު ދެއްތޯ ނާޒިމް އަތްޕުޅުގައި ފައިރާމް އޮތިއްޔާ ފައިރާމް ސަޑަންޑާ ކުރައްވަން،” ޔާމީން ވިދާޅުވިއެވެ.

ޔާމީންގެ މި ވާހަކަތަކާ ގުޅިގެން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އާއްމު ފަރާތަކުން ފޮނުވި އެ ސިޓީގައި ވިދާޅުވީ ރާއްޖޭގެ ގާނޫނުތަކާއި ސިފައިންގެ އެންމެ މަތީވެރިޔާގެ ހުއްދަ ނެތި ބަޔަކު ހަތިޔާރު ގެންގުޅުނު ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވުމުން އާއްމުންގެ ތެރެއަށްވެސް ހަތިޔާރު ދޫވެފައިވާ ކަމާ މެދު ސުވާލުތައް އުފެދިފައިވާ ކަމަށެވެ.

އަދި ޔާމީންގެ އެ ވާހަކަތަކުން ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދިފައިވާ ކަމަށްވެސް އެ ސިޓީގައި ބުންޏެވެ.

މީގެ އިތުރުން އެ ދެ ވަޒީރުން ހަތިޔާރު ގެންގުޅުނީ އެއްވެސް ހުއްދައެއް ލިބިގެންތޯ އާއި އެ މައްސަލަ އެއްވެސް ވަރަކަށް ތަހުގީގުކޮށްފައި ވޭތޯ އާއި ނުކުރާ ކަމަށްވާ ނަމަ އެއީ ކީއްވެގެންތޯ ބެލުމަށް އެ ސިޓީގައި ބުނެފައިވެއެވެ. އަދި އެކަން އެނގުމުން ސިފައިންގެ މީހުން ނޫން އެހެން މީހެއްގެ އަތުގައި ހަތިޔާރު ހުރީ ކިހާ މިންވަރަކަށްތޯ ބެލުމަށް އެއްވެސް އޮޑިޓެއް ހަދާފައިވޭތޯ ބެލުމަށް ސިޓީގައި ބުނެފައިވެއެވެ.

އެ ސިޓީގައި ރައީސް ޔާމީނަށް ވަޒީރުންތަކެއް ހަތިޔާރު ގެންގުޅުނުކަން އެނގިވަޑައިގަތުމުން އެއީ ކޮން ގޮތަކަށް ލިބުނު ހަތިޔާރުތަކެއްތޯ ބެލުމަށް އެއްވެސް ބަޔަކާއި ނުވަތަ ސިފައިންގެ ތެރެއިން ބަޔަކާއި ސުވާލު ކުރެއްވިތޯ ބެލުމަށްވެސް ބުނެފައިވެއެވެ.

އެ ސިޓީ ނިންމާލަމުން ބުނެފައި ވަނީ އެ މައްސަލަ އަކީ މަޖިލީހުން އިންކުއަރީއެއް ހަދަން ޖެހޭ މައްސަލައެއްގެ ގޮތުގައި ދެކޭ ކަމަށެވެ.

މި ބާވަތުގެ މައްސަލަތައް މަޖިލީހުން ބަލަނީ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީ (241 ކޮމެޓީ)ންނެވެ.

ކިޔުންތެރިންގެ ޚިޔާލުތައް:

ހިޔާލު ދެއްވާ!

Your email address will not be published.