ދީނާ ހިލާފު ވޯކްޝޮޕްތައް ބާއްވާ މައްސަލަ މަޖިލީހަށް އެޖެންޑާއެއް ނުކުރި

ރައްޔިތުންގެ މަޖިލިސް އިދާރާ/ ފޮޓޯ- ރައްޔިތުންގެ މަޖިލިސް

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ލާދީނީ ފިކުރު ފަތުރަން ބަޔަކު ވޯކްޝޮޕްތަކެއް ބޭއްވި މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ވެއްދި ކުއްލި މައްސަލައެއް އެޖެންޑާކޮށް ކުރިއަށް ނުގެންދަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނިންމަވައިފި އެވެ.

މިކަމާއި ގުޅިގެން މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ކުއްލި މައްސަލައެއް ހުށަހެޅީ ނޮޅިވަރަން ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ އެވެ. ނަމަވެސް މެންބަރު މުހައްމަދު ނަޝީދު އެ ކުއްލި މައްސަލަ މަޖިލީހަށް ހުށަހަޅަން ފުރުސަތު ދިނުމުގެ ކުރިން އެމްޑީޕީގެ މެންބަރުންތައް ނިޒާމީ ނުކުތާ ނަންގަވަން ފެއްޓެވިއެވެ.

އެމްޑީޕީގެ ފަރާތުން މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ، މެންބަރު މުހައްމަދު ނަޝީދު މަޖިލީހަށް ހުށަހަޅަން އެޅޭ މައްސަލައަކީ ކުއްލި މައްސަލައެއް ގޮތުގައި ފެނިވަޑައިނުގަންނަވާ ކަމަށެވެ. އަދި މަޖިލީހުގެ ގަވާއިދު ވެސް އެއީ ކުއްލި މައްސަލައެއްގެ ގޮތުގައި ކުރިއަށް ގެންދަން ޖާގަ ނުދޭ ކަމަށް އާޒިމް ވިދާޅުވިއެވެ. އާޒިމްގެ އިތުރުން ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ވެސް އެފަދައިން ވިދާޅުވިއެވެ.

އެކަމަކު މަޖިލީހަށް ހުށަހެޅިގެން އުޅެނީ ކޮން ކުއްލި މައްސަލައެއް ކަމެއް އެމްޑީޕީގެ އެއްވެސް މެންބަރަކު ވިދާޅެއް ނުވެ އެވެ.

މަޖިލީހުގެ ރިޔާސަތުގައި ހުންނަވައި، ރައީސް ނަޝީދު ވިދާޅުވީ، މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅުމުން އެ މައްސަލަ ކުރިއަށް ގެންދާ ކަމަށާއި، ނަމަވެސް އެއްވެސް މެންބަރަކު އެ ކުއްލި މައްސަލައާއި ގުޅޭ ކަރުދާސްކޮޅު ބަލައި، އިއުތިރާޒު ކުރުމުން މަޖިލީހުގެ ކައުންސިލަ ޖެނެރަލްގެ ގާނޫނީ ލަފައެއް އެކަމަށް ހޯއްދަވަން ޖެހޭ ކަމަށެވެ.

ދެން ނިޒާމީ ނުކުތާއެއް ނެންގެވީ އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް އެވެ. ޝިޔާމް ވިދާޅުވީ ހުށަހެޅިފައިވާ މައްސަލައަކީ މަޖިލިހުން ބަލައިގަނެ މެންބަރުން ބަހުސް ކުރައްވަން ޖެހޭ ކުއްލި މައްސަލައެއް ކަމަށެވެ.

އަދި ޝިޔާމްވަނީ ހުށަހެޅިފައިވާ ކުއްލި މައްސަލަ ވިދާޅުވެފައެވެ. އެ މައްސަލައިގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ލާދީނީ ފިކުރު ފަތުރަން ބަޔަކު ވޯކްޝޮޕްތަކެއް ބާއްވައި އެ ކަމަށް މަސައްކަތް ކުރުމުން ސަރުކާރުން މިހާތަނަށް އެއްވެސް ފިޔަވަޅެއް އެކަމަށް އަޅާފައި ނުވާތީ ހުށަހެޅި މައްސަލައެއް ކަމަށެވެ.

މެންބަރު ޝިޔާމްގެ ވާހަކައަށް ފަހުގައި ރައީސް ނަޝީދު ވިދާޅުވީ، މަޖިލީހުގެ ކައުންސިލަ ޖެނެރަލްގެ ލަފާ އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ކަމަށާއި، އަދި އެމަނިކުފާނަށް ލަފާ ދެއްވީ އެ މައްސަލަ އެޖެންޑާ ކުރެވެން ނެތް ކަމަށެވެ. އަދި އެއީ ކުއްލި މައްސަލައެއް ގޮތުގައި ބެލެން އޮތް މައްސަލައެއް ނޫން ކަމަށެވެ.

ރާއްޖޭގައި އެކި ރަށްތަކުގައި އިސްލާމްދީނާއި ހިލާފު ވޯކްޝޮޕްތަކެއް ހިންގަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓްރީންވަނީ ބުނެފައެވެ.

އިސްލާމިކް މިނިސްޓްރީން މިހެން ބުނެފައިވަނީ އިނގިރޭސިވިލާތުގެ ޖަމިއްޔާއެއް ކަމަށް ކުއިލިއަމް ނަމަކަށް ކިޔާ ޖަމިއްޔާއެއް އަކުން އައްޑޫ ސިޓީގައި ވޯކްޝޮޕެއް ހިންގަމުންދާ ކަމަށާއި އެ ޖަމިއްޔާއަކީ އިސްލާމްދީނާއި މެދު ނަފްރަތު އުފެއްދުމަށް މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމަށް ބުނެ ރާއްޖޭގެ ބައެއް މީޑިއާތަކުގައި ހަބަރު ފަތުރާފައި ވަނިކޮށެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނާއި ހިލާފު ވޯކްޝޮޕް ތަކެއް ރާއްޖޭގެ އެކި ރަށްރަށުގައި ހިންގަމުންދާކަމުގެ ޝަކުވާ މިނިސްޓްރީއަށް ލިބެމުންދާތީ މިނިސްޓްރީއިން އެކަން ބަލަމުންދާ ކަމަށެވެ. އެކަމާއި ގުޅޭ އިތުރު އެއްވެސް ތަފްސީލެއް އެމިނިސްޓްރީން ހާމައެއް ނުކުރެއެވެ.

އިސްލާމްދީނާއި ހިލާފު ވާހަކަތަކެއް ދައްކަމުންގެންދާ ވޯކްޝޮޕްތަކެއް ކުރިއަށްދާ ކަމަށް ބުނެ ސޯޝަލް މީޑިއާގައިވެސް އެ ވާހަކަތައް އަންނަނީ ދައްކަމުންނެވެ. އެގޮތުން ހދ. ހަނިމާދޫގައިވެސް އެފަދަ ވޯކްޝޮޕްތަކެއް ކުރިޔަށްދާ ކަމަށާއި އެ ވޯކްޝޮޕްގައި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުއްގަފޫރު މޫސާ (ގަޕޯ)ވެސް ބައިވެރިވެވަޑައިގެންނެވި ކަމަށް ބުނެ އޭނާއަށްވެސް ވަނީ ފާޑުކިޔުންތައް އަމާޒުވެފައެވެ.

ރާއްޖޭގައި އިސްލާމްދީނާއި ދެކޮޅު އަމަލުތައް ހިންގާ މީހުންނަށް ޖާގައެއް ނުދޭނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ. އަދި ދީނީ ހަރުކަށި ފިކުރުގެ ވިސްނުން ފަތުރާ މީހުންނަށްވެސް ޖާގަ ނުދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.