ޔާމީންގެ ޝަރީއަތުން މެންބަރު ސައީދު ނެރެފި

މިއަދު ކުރިޔަށްދާ ރައީސް ޔާމީންގެ ޝަރީއަތް ---

މިހާރު ކްރިމިނަލް ކޯޓުގައި ކުރިޔަށްދާ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު، ރައީސް ޔާމީންގެ ޝަރީއަތް އަޑުއެއްސެވުމަށް ކޯޓު ރޫމު ތެރޭގައި އިންނެވި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ޝަރީއަތުގެ މަޖިލީހުން ނެރެފިއެވެ.

ސައީދަކީ ރައީސް ޔާމީންގެ ފަރާތްޕުޅުން ހެއްކެއްގެ ގޮތުގައި ހުށަހަޅުއްވާފައިވާ ބޭފުޅެކެވެ. ސައީދު އެ ޝަރީއަތުގެ މަޖިލީހުގައި އިންނެވިކަން ދައުލަތަށް ފާހަގަކުރެވުމުން އެކަން ގާޒީގެ ސަމާލުކަމަށް ގެންނެވިއެވެ.

ދައުލަތުން ބުނީ ސައީދަކީ ރައީސް ޔާމީންގެ ވެރިކަމުގައި އިކޮނޮމިކް މިނިސްޓަރު އަދި އިކޮނޮމިކް އެންޑް ޔޫތު ކައުންސިލްގެ މެންބަރެއްވެސް ކަމަށެވެ. ދައުލަތުން ހެކިވެރިންގެ ގޮތުގައި ހުށަހަޅާ ބޭފުޅުންގެ ބަޔާންތަކުގައި އެ ކައުންސިލްގެ ވާހަކަތައް އެބަހުރި ކަމަށް ދައުލަތުގެ ވަކީލުން ވިދާޅުވިއެވެ.

ނަމަވެސް ދިފާއުން ބުނީ މި ޝަރީއަތަކީ ލައިވްކޮށް ކުރިޔަށް ގެންދާ ޝަރީއަތެއް ކަމަށެވެ. އެހެންކަމުން ސައީދު އެ ޝަރީއަތުން ނެރުމުގެ އެއްވެސް މާނައެއް ނެތް ކަމަށް ދިފާއުގެ ވަކީލުން ވިދާޅުވިއެވެ.

އެހެން ދިފާއުން ބުނުމުން މި މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލް ވިދާޅުވީ މި ޝަރީއަތް އަޑު އައްސަވަން ޝަރީއަތުގެ މަޖިލީހުގައި އިންނެވުމެކޭ ގޭގެ ސިޓީން ރޫމްގައި އިންނެވުމެކޭ އެއްވެސް ތަފާތެއް ނެތް ކަމަށާއި އެހެންނަމަވެސް ހެކިވެރިއެއް ނަމަ އެ ހެކިވެެރިއެއް ހާޒިރު ކުރަން އޮންނަ ޝަރީއަތުގެ މަޖިލިސް ނޫނިއްޔާ ހާޒިރު ނުކުރުމަކީ ކޯޓުގެ އާއްމު އުސޫލު ކަމަށެވެ.

ސައީދު ޝަރީއަތުގެ މަޖިލީހުން ނެރެފައި ވަނީ އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޒިޔަތުގެ ހެކިބަސް ނެގުމަށް ފަހުއެވެ.

ކިޔުންތެރިންގެ ޚިޔާލުތައް:

ހިޔާލު ދެއްވާ!

Your email address will not be published.